ބޮލީވުޑްގެ ތަރި ބޮބީ ޑިއޯލް، އޭނާގެ ކުރިއަށް އޮތް ފިލްމު "އަލްފާ"ގެ ޝޫޓިން ސެޓުގައި ކޯ-ސްޓާރު އާލިއާ ބަޓްއާ ދެމެދު ބޮޑު ދެބަސްވުމެއް ނުވަތަ މައްސަލައެއް ޖެހުނު ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި އެވެ.

އިންޑިއާގެ މަޝްހޫރު ޓީވީ ޝޯ "އާޕް ކީ އަދާލަތު"ގައި ވާހަކަދައްކަމުން ބޮބީ ބުނީ މިފަދަ ދޮގު ޚަބަރުތައް ސޯޝަލް މީޑިއާގައި ފެތުރެން ފެށުމުން އޭނާއަށް ވެސް ލިބުނީ ބޮޑު ހައިރާން ކަމެއް ކަމަށެވެ.

"އަހަރެންގެ ރަހުމަތްތެރިއަކު މީގެ ސްކްރީންޝޮޓްތަކެއް ފޮނުވުމުން އަހަރެން ވެސް ދިޔައީ ސިހިގެން. މީހުން ކުރާނެ ކަމެއް ނެތިގެންކޮން މެ ފަދަ ވާހަކައެއް ވެސް ހަދާލައިގެން ލިޔެފާނެ. އަހަރެން ވަރަށް ފަހުން ރަންބީރު ކަޕޫރާ އެކު ފިލްމެއް ނިންމާލިތަނާ، އާލިއާއާ އެކު ފިލްމެއް ކުޅެން ލިބުނީމާ އަހަރެން ހިތަށްއެރި އަހަންނަށް މިވަނީ ކިހިނެއްބާއޭ؟ އެ ދެމަފިރިންނަކީ ވެސް އަހަރެންގެ އެންމެ ފޭވަރިޓް ދެ އެކްޓަރުން، އަދި އެމީހުންނާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު މިދަނީ ލިބެމުން،" ބޮބީ ބުންޏެވެ.

އާލިއާއާ ބެހޭ ގޮތުން ވާހަކަދައްކަމުން ބޮބީ ބުނީ އާލިއާއަކީ ވަރަށް މުރާލި، ހީވާގި އަދި މޮޅު އެކްޓަރެއް ކަމަށާއި ފިލްމުގެ އެކްޝަން ނުވަތަ ތަޅާފޮޅާ މަންޒަރުތަކަށް އާލިއާ ހުރީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ. އެހެންވެ، އެ ދެމީހުންގެ މެދުގައި މައްސަލައެއް ޖެހުނު ކަމަށް ބުނެ ނޫސްތަކުގައި ލިޔުނު ސަބަބެއް އެއްގޮތަކަށް ވެސް ނުވިސްނޭ ކަމަށް ބޮބީ ބުންޏެވެ.

މީގެ އިތުރުން، އާލިއާއާ މައްސަލަ ޖެހުމުގެ ސަބަބުން ޕްރޮޑިއުސަރު އަދި ޔާޝް ރާޖް ފިލްމްސްގެ ވެރިޔާ އަދިތުޔާ ޗޯޕްރާ ބޮބީއަށް އެހެން ފިލްމެއް ހުށަހެޅި ކަމަށް ދެކެވުނު ވާހަކަތައް ވެސް ބޮބީ ވަނީ ދޮގުކޮށްފަ އެވެ. ބޮބީ ބުނި ގޮތުގައި، އިންސްޓަގްރާމްގައި ފެތުރޭ ޚަބަރުތަކުގެ 90 ޕަސެންޓަކީ ދޮގެކެވެ. 

ޔާޝް ރާޖް ފިލްމްސްގެ މަޝްހޫރު "ވައިއާރްއެފް ސްޕައި ޔުނިވާސް"ގެ ހަތްވަނަ ފިލްމުގެ ގޮތުގައި ނެރޭ "އަލްފާ"އަކީ ޝިވް ރަވައިލް ޑައިރެކްޓްކުރާ ފިލްމެކެވެ. އެ ޔުނިވާސްގެ އެހެން ފިލްމުތަކުގެ ތެރޭގައި "އޭކް ތަ ޓައިގަރު"، "ޓައިގާ ޒިންދާ ހޭ"، "ވޯ"، "ޕަތާން" އަދި "ޓައިގާ 3" ހިމެނެ އެވެ. "އަލްފާ"ގެ ފުރަތަމަ ފެނިލުން ދައްކާލާފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި "ވޯ 2"ގެ ޕޯސްޓް-ކްރެޑިޓް ސީންއެއްގަ އެވެ.

އާލިއާ އާއި ބޮބީގެ އިތުރުން އެ ފިލްމުގެ މުހިންމު ރޯލުތަކުން ޝަރްވަރީ އަދި އަނިލް ކަޕޫރު ފެންނާނެ އެވެ.

އެ ފިލްމު ރިލީޒްކުރަން ނިންމާފައި ވަނީ އަންނަ މަހު 10 ގަ އެވެ.