މަލާލާ އަށް ކެނެޑާގެ އޮނަަރަރީ ސިޓިޒަންޝިޕް ދީފި
މަލާލާ އަށް ކެނެޑާގެ އޮނަަރަރީ ސިޓިޒަންޝިޕް ދީފި

އޮޓާވާ (އެޕްރީލް 13) - ނޯބެލް އިނާމު ހާސިލްކޮށްފައިވާ ޕާކިސްތާނުގެ މަލާލާ ޔޫސުފްޒައި އަށް ކެނެޑާގެ އޮނަރަރީ ސިޓިޒަންޝިޕް ދީފި އެވެ.

އުމުރުން 19 އަހަރުގެ މަލާލާ އަކީ ކެނެޑާގެ އޮނަރަރީ ސިޓިޒަންޝިޕް ދިން ހަ ވަނަ މީހާ އެވެ. މަލާލާ އަށް ސިޓިޒަންޝިޕް ދިނުމަށް އޮޓާވާގައި ބޭއްވި ރަސްމިއްޔާތުގައި އޭނާ ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގެ އަންހެން ކުދިންނަށް ތައުލީމުގެ ފުރުސަތުތައް ހޯދައިދިނުމަށް ކެނެޑާގެ ސިޔާސީ ފަރާތްތަކުން ވެސް މަސައްކަތް ކުރުމަށް އެދިފަ އެވެ. މަލާލާ ގެންދަނީ އަންހެނުންގެ ހައްގުތަކަށާއި އަންހެނުން ތައުލީމް އުނގެނުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތް ކުރަމުންނެވެ.

ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ މަލާލާގެ މަސައްކަތަށް ތައުރީފް ކުރައްވައިފަ އެވެ.

އޮނަރަރީ ސިޓިޒަންޝިޕް ކެނެޑާ އިން މީގެ ކުރިން ދީފައި ވަނީ ފަސް މީހަކަށެވެ. އެއީ ނެލްސަން މަންޑޭލާ، ދަލައި ލާމާ، ދީނީ ލީޑަރު އާގާ ޚާން، ސްވިޑަންގެ ޑިޕްލޮމެޓް ރައޫލް ވަލެންބާގު އަދި މިއަންމާގެ ލީޑަރު އަން ސަން ސޫކީ އެވެ.

އަންހެން ކުދިން ކިޔަވަން ބާރު އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މަލާލާ މަރާލަން ތާލިބާނުން 2012 ވަނަ އަހަރު ދިން ބަޑީގެ ހަމަލާ އިން އޭނާ ސަލާމަތްވީ ކިރިޔާ އެވެ. އޭނާގެ ބޮލަށް ބަޑި ޖެހީ ސްކޫލް ނިންމާފައި ގެއަށް ދަނިކޮށެވެ. ޕާކިސްތާނުގައި ފަރުވާ ދިނުމަށް ފަހު މަލާލާ ރަނގަޅުވީ އިނގިރޭސި ވިލާތުގައި ބޮޑު އޮޕަރޭޝަނެއް ކުރުމަށް ފަހު އެވެ.

އދ.ގެ އެންމެ ޒުވާން ސުލްހައިގެ މެސެންޖަރަކަށް މަލާލާ ދާދި ފަހުން ވަނީ ހަމަޖައްސައިފަ އެވެ.