13 އެޕްރީލް 2017 - 14:12

އިންފެކްޝަނެއްގެ ސަބަބުން ނުކެވި، އެތައް ވޭނެއް ތަހައްމަލު ކުރަމުން ދާ އިބްރާހީމް ޒާހިލްގެ ހާލު ދަށްވެ، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.
ދެ މަހެއްހާ ދުވަހު ބެންކޮކްގެ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު، ޒާހިލް އެނބުރި މާލެ އައީ މިދިޔަ މަހުގެ ތެރޭގަ އެވެ. އޭރުއްސުރެ އޭނާ އޮތީ އުފަން ރަށް، ހދ. ނެއްލައިދޫގަ އެވެ.
ޒާހިލްގެ އެއްބަނޑު އެއްބަފާ ދައްތަ ބުނިގޮތުގައި ރާއްޖެ ގެނައީއްސުރެ ކޮއްކޮގެ ހާލު ދިޔައީ ދަށްވަމުންނެވެ. އެގޮތުން އެންމެ ކުރިއެކޭ އެއްގޮތަށް ގައިގެ ހަންފޮޅި، ބަނޑުގައި ރިއްސުން ފަދަ ކަންކަން ދިމާވަމުން ދިޔަ ކަމަށް ބުންޏެވެ.
"ދެން އިއްޔެ މާ ބޮޑަށް ހާލު ދަށްވުމުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދިޔައީ. އޭނާއަށް ކާއެއްޗެއް ދެވެނީ ހަމައެކަނި ބަނޑަށް ގުޅާފައި އިންނަ ހޮޅިން ނަމަވެސް އެ ހޮޅިން މިލްކު ދޭން ފަށާއިރަށް ބަނޑަށް ތަދުވާން ފަށާ. އެހެންވެ އިއްޔެއިން ސުރެ އޭނާ އޮންނަނީ އެއްޗެއް ނުކެވި އައިވީގެ އެހީގައި،" ޒާހިލްގެ ދައްތަ ބުންޏެވެ.
"އޭނާގެ ގަޔަކު އެއްވެސް ވަރެއް ނެތް."
ޒާހިލްގެ ހާލަތު ރަނގަޅު ކުރުމަށް ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހެ އެވެ. އެކަމަކު މިހާތަނަށް އައި އިރު އެ އޮޕަރޭޝަން ނުކުރެވުނީ އެކަށީގެންވާ ވަރަށް އޭނާ ބަރު ނުވެގެންނެވެ.
ބަރުދަން އިތުރު ކުރުމަށް އޭނާއަށް ދެވެނީ ބަނޑަށް ގުޅާފައި އިންނަ ހޮޅިން، ވަކި ހާއްސަ ކިރެކެވެ.
ޒާހިލްގެ ދައްތަ ބުނީ އިތުރު ފަރުވާ އަށް މާލެ ނުގެންދެވި އޮތީ ފްލައިޓުން އަދި ޖާގަ ނުލިބިގެން ކަމަށެވެ.
އެންމެ ކުޑައިރުއްސުރެ އެ ބަލީގައި އެތައް ވޭނެއް ތަހައްމަލު ކުރި އުމުރުން 17 އަހަރުގެ ޒާހިލް ބެންކޮކަށް ދިޔައިރު އޭނާގެ ބަރުދަނުގައި ހުރީ އެންމެ 16 ކިލޯ އެވެ. އެކަމަކު ބެންކޮކް ހޮސްޕިޓަލުގައި ދިން ފަރުވާތަކުން އޭނާގެ ބަރުދަން 20 ކިލޯއަށް އިތުރުވި އެވެ. އެކަމަކު އޮޕަރޭޝަން ކުރެވެނީ 30 ކިލޯއަށް ބަރުދަން އެރުމުންނެވެ.
ޒާހިލް ރާއްޖެ އައީ އެ ވަރަށް ބަރުވީމައި ބެންކޮކަށް އެނބުރި ދާ ގޮތަށެވެ.
ޒާހިލްގެ ބޭސްފަރުވާ އަށް އެހީވާން އެކި ފަރާތްތަކުން ހިންގި ހަރަކާތްތަކުގައި 1.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ.