ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ތާވަލްކޮށްފައި ވަނިކޮށް، އޭނާ ދެންމެ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ނާޒިމް ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކުރައްވައި، ބަޔާނެއް ވެސް ނެރުއްވައިފަ އެވެ. އޭނާގެ އިތުބާރު ނެތް ކަމަށް ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ސޮއި ކުރައްވާ މަޖިލީހަށް ހުށަހެޅީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާ ކަމުގެ ތުހުމަތުގަ އެވެ. އަދި މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ، ޒިންމާ އިން ބަރީއަވާ ކަމަށް ވެސް ތުހުމަތުކޮށްްފައިވެ އެވެ.
އެކަންކަން ދޮގުކޮށް ނާޒިމް ނެރުއްވި ބަޔާނުގައި ބުނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ބަޔާންކޮށްފައި ނެތް ކަމަށެވެ. އަދި މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން އޭނާ ކޮށްފައިވާ ނުވަތަ ނުކޮށް ދޫކޮށްލާފައިވާ ކަމަކާ ގުޅިގެން އެއްވެސް ފަރާތަކުން ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާ ހިލާފުވެއްޖެ ކަމުގެ ޝަކުވާ ވެސް ހުށަހަޅާފައިނުވާ ކަމަށެވެ.
"މި ހުރިހާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެޔް ކަންތައްތަކެއްކަން ފާހަގަކުރަން،" ނާޒިމްގެ ބަޔާނުގައިވެ އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި އޭނާ މަޖިލީހުގެ ނައިބު ރައީސްގެ މަގާމު އަދާކޮށްފައިވާނީ ގާނޫނީ ހަމަތަކުގެ މަތިން ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު އެވެ. އެއްވެސް ހާލަތެއްގައި މަގާމުގެ ޒިންމާ އިން ބަރީއަވެ މަގާމުގެ ޒިންމާތައް އަދާކުރުމުގައި ފަސްޖެހިފައިނުވާ ކަމަށް ވިދާޅުވި އެވެ.
އޭގެއިތުރުން މަޖިލީހުގެ މެންރުންގެ މެދުގައި މަސްލަަތު ގެއްލޭނެ ކަމެއް ކޮށްފައިނުވާ ކަމަށާއި މަގާމުގެ ނުފޫޒު ބޭނުންކޮށްފައިނުވާނެ ކަމާއި މަގާމުގެ ނާޖައިޒު ފައިދާ ނަގާފައިނުވާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
މަގާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކޮށްފައިވާނީ ނާޒިމް ވިދާޅުވި ގޮތުގައި، ގާނޫނީ ހަމަތަކުގެ މަތިން މެންބަރުންގެ މެދުގައި އެއްވެސް ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު އެވެ. ނާޒިމް ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން އެންމެހާ މެންބަރުންގެ ހައްގުތަކާއި އިމްތިޔާޒުތައް ވަކި ފަރާތަކަށް ނުޖެހި ހަމަހަމަކަމާ އެކު ރައްކާތެރިކޮށްދޭން އޭނާ ވަނީ މަސައްކަތްކޮށްފައި ކަމަށެވެ.
ޕީއެންސީގެ މެންބަރުން އޭނާއާ ދެކޮޅަށް ހުށަހެޅި ގަރާރުގައިވަނީ ތެދު ހަގީގަތް ކަމަށް ނުވީ ނަމަވެސް، އިންޔިހާބީ މަގާމުތަކަށް ވޯޓުލ އެންމެންހެން އެ މަގާމުން އެ މީހަކު ދުރުވުމަށް އެދުމުން އެކަމަށް އިޖާބަދިނުމަކީ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ތަހުޒީބީ ގޮތް ކަމަށް ނާޒިމް ދެކެވަޑައިގަންނަވަ އެވެ.
އެހެންވެ، އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް އެއްވެސް އިސްތިސްނާއެއް ނެތި އިންކާރު ކުރަމުން، މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާ ކަަމަށް ނާޒިމްގެ ބަޔާނުގައިވެ އެވެ.
މަޖިލިހުގައި 93 މެމްބަރުން ތިއްބަވާއިރު އޭގެ ތެރެއިން ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 76 އެވެ. އަދި ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލައާ އެކު ޕީއެންސީގެ ތެރޭގައި ނުތަނަވަސްކަން އޮތް ކަމަށް އަޑު ފެތުރިފައި އޮތް ނަމަވެސް، އެ މެންބަރުންގެ މެދުގައި އެފަދަ ކަމެއް ނެތް ކަމާއި އޮތީ ބަދަހިކަމާ އެކު ކަމަށް ސީނިއާ މެންބަރުން ވިދާޅުވެފައިވެ އެވެ.
ނާޒިމަށް މަޖިލިހުގެ ނައިބު ރައީސްކަން ލިބިވަޑައިގަތީ މަޖިލިހުގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުގައި 80 ވޯޓު ހޯއްދަވައިގެންނެވެ. ނާޒިމްއާ ވާދަކުރެއްވި އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ އަށް ލިބިވަޑައިގަތީ 12 ވޯޓެވެ. އަދި މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ނިންމިއިރު، 17 ވަނަ މަޖިލީހުގައި ނައިބު ރައީސްކަން ވެސް އޭނާ ކުރެއްވި އެވެ.