ބުދަޕެސްޓް (މެއި 30) - ޕެނަލްޓީ ޝޫޓައުޓްގައި އާސެނަލް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ، ޔޫއެފާ ޗެމްޕިއަންސް ލީގު ތަށި ދިފާއު ކޮށްފި އެވެ،
މިރޭ ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ނަތީޖާ ވަނީ 1-1 އިން އެއްވަރު ވެފަ އެވެ. ޕެނަލްޓީ ޖަހަން ޖެހުނީ އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ނަތީޖާއަށް ބަދަލެއް ނައުމުންނެވެ. ޕެނަލްޓީގައި ޕީއެސްޖީ މޮޅުވީ 4-3 އިންނެވެ.
އާސެނަލް ވަނީ މެޗުގެ ފަސްވަނަ މިނިޓުގައި ކައި ހަވާޓްޒްގެ ގޯލަކުން ލީޑު ނަގައިފަ އެވެ.
ޕީއެސްޖީއަށް ލިބުނު ޕެނަލްޓީއަކުން އުސްމާން ޑެމްބެލޭ އެއްވަރު ކޮށްދިނީ މެޗުގެ 65 ވަނަ މިނިޓުގަ އެވެ. މިއީ ކްރިސްޓިއަން މޮސްކޭރާ، ޕީއެސްޖީގެ ކިވިޗާ ކްވަރަޓްސްކޭލިއާ އަށް ފައުލް ކޮށްގެން ލިބުނު ޕެނަލްޓީއެކެވެ.
ޕެނަލްޓީ ޝޫޓައުޓްގައި ޕީއެސްޖީ ވަނީ ގޮންސާލޯ ރާމޯސް އާއި ޑިޒިރޭ ޑޫއޭ އަދި އަޝްރަފް ހަކީމީ އާއި ލޫކަސް ބެރާލްޑޯގެ ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. އެ ޓީމުން ނާކާމިޔާބު ވީ ތިންވަނައަށް ފޮނުވާލި ނޫނޯ މެންޑޭޒްގެ ޕެނަލްޓީ އެވެ. އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ އެ ޕެނަލްޓީ މަތަ ކޮށްފަ އެވެ.
އާސެނަލްގެ ފުރަތަމަ ޕެނަލްޓީ ވިކްޓާ ޔޯކެރޭސް ކާމިޔާބު ކުރި އިރު، ދެވަނަ ޕެނަލްޓީ އެބެރޭޗީ އެޒީ ފޮނުވާލުމުން ދިޔައީ ބޭރަށެވެ. އެއަށް ފަހު ޑެކްލަން ރައިސް އާއި ގެބްރިއެލް މާޓިނެއްލީގެ ޕެނަލްޓީ ކާމިޔާބު ކޮށްފައި ވަނިކޮށް ޕީއެސްޖީއަށް ޗެމްޕިއަންކަން ކަށަވަރުވީ، ގެބްރިއެލް މަގަޅޭސް ފޮނުވާލި އާސެނަލްގެ ފަސްވަނަ ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ.
މިއާ އެކު، މިދިޔަ އަހަރު އަލަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ޕީއެސްޖީ ވެފައި ވަނީ ޖެހިޖެހިގެން ދެ ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ ޝަރަފް ހޯދި ނުވަވަނަ ކްލަބަށެވެ.