ގަދަކަމުން ބޯޓުން ބޭލި މީހާގެ ފަރާތުން ކޯޓަށް
ގަދަކަމުން ބޯޓުން ބޭލި މީހާގެ ފަރާތުން ކޯޓަށް

ވޮޝިންޓަން (އެޕްރީލް 13) - އެމެރިކާގެ ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓުން ގަދަބާރުން ބޭލި ޕަސިންޖަރުގެ ވަކީލުންގެ ފަރާތުން ކުއްލި މައްސަލައެއް ކޯޓަށް ހުށަހަޅައިފި އެވެ.

އިލިނޮއިސް ސްޓޭޓް ކޯޓަށް ވަކީލުން ހުށަހަޅާފައި ވަނީ ޗައިނީޒް ދަރިކޮޅަށް ނިސްބަތްވާ ޑޭވިޑް ޑާއޯ ގަދަބާރުން ބޯޓުން ބޭލި ހާދިސާގެ ހެކި ނައްތާނުލުމަށް އެއާލައިނަށް އަމުރުކޮށް ދިނުމަށެވެ. އޭގެ ތެރޭގައި ސާވޭލެންސް ވީޑިއޯ އާއި ކޮކްޕިޓް ރެކޯޑިން އާއި ޕަސިންޖަރުންނާއި ކްރޫންގެ ލިސްޓް ހިމެނެ އެވެ.

ޝިކާގޯ އިން ކެންޓަކީ އަށް އާދިއްތަ ދުވަހު ހަވީރު ފުރަން އޮތް ބޯޓުން ހަތަރު ޕަސިންޖަރަކު އަމިއްލަ ރުހުމުގައި ފޭބުމަށް އެންގީ އެ ފްލައިޓް އޯވަބުކްވެފައިވުމުންނެވެ. ބޯޓުން ފައިބަން އެންގި މީހުންގެ ތެރޭގައި ޑާއޯ ހިމެނުނު ނަމަވެސް އޭނާ އެކަމަށް ދެކޮޅު ހެދީ ޖެހިގެން އަންނަ ދުވަހު ހޮސްޕިޓަލުގައި ބަލި މީހުން ބަލަން ޖެހޭތީ އެވެ. އެކަމަކު ސެކިއުރިޓީ އޮފިސަރުން ބޯޓަށް އަރާ ގަދަބާރުން ޑާއޯ ގޮނޑިން ނަގާ އަދި ދަމާފައި ގެންގޮސް ވަނީ ބޯޓުން ބާލައިފަ އެވެ. ބޯޓުގައި ތިބި އެހެން ޕަސިންޖަރުން ވަނީ އެ މަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ޝެއާކޮށްފަ އެވެ.

އަނިޔާ ލިބުނު ޑާއޯ އަށް މިހާރު ވެސް ދަނީ ޝިކާގޯ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރާންސްޕޮޓޭޝަން އިން ބުނީ އޯވާބުކްވެފައިވާ ފްލައިޓަކުން ކަންތައް ކުރަން ޖެހޭ ގޮތަށް ޔުނައިޓެޑް އެއާލައިންސް އިން ކަންކޮށްފައިވޭތޯ ބަލަމުންދާ ކަމަށެވެ.