ޝަރީއަތް ނިމެންދެން ރިޔާޒް ބަންދުގައި ބަހައްޓަން ކޯޓުން އަމުރެއް ނުދިން
ޝަރީއަތް ނިމެންދެން ރިޔާޒް ބަންދުގައި ބަހައްޓަން ކޯޓުން އަމުރެއް ނުދިން

"ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ" ގެ ޝަރީއަތް ނިމެންދެން ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒް ބަންދުގައި ބެހެއްޓުމުގެ އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

ކިނބިދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒްގެ މައްޗަށް ދައުވާކުރަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ފިތުނަ އުފެއްދުމުގެ މައްސަލައާ ގުޅިގެން ފުލުހަށް ހާޒިރުކޮށް، އޭނާގެ ފޯނު ހިފަހައްޓައި، ފޯނު ހުޅުވަދޭން ފުލުހުން އެދުމުން އެކަން ނުކުރެއްވި ކަމަށް ބުނެއެވެ. އެ މައްސަލާގައި ކުރަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ.

އެ މައްސަލައިގެ ޝަރީއަތް މިއަދު ފެށުމުން ޝަރީއަތް ނިމެންދެން ރިޔާޒް ބަންދުގައި ބަހައްޓަން ދައުލަތުން އެދުނީ ހެއްކަށް ނުފޫޒު ފޯރުވައިފާނެ ކަމަށް ބެލެވޭތީ ކަމަށް ބުނެއެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ކަމެއް ރިޔާޒްގެ ފަރާތުން މިހާތަނަށް ފެނިފައި ނުވާ ކަމަށާއި އެކަމަކު އެފަދަ ކަމެއް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ފިތުނަ އުފެއްދި ކަމަށް ބުނެ ރިޔާޒަށް ތުހުމަތު ކުރެވޭ މައްސަލާގައި އަދިވެސް ރިޔާޒްގެ އެއްބާރުލުމެއް ތަހުގީގަށް ނުލިބޭ ކަމަށް ވަކީލް ވިދާޅުވި އެވެ.

ރިޔާޒްގެ ވަކީލް އަލީ ޒާހިރު ވިދާޅުވީ ރިޔާޒް ބަންދުކުރަން ދައުލަތުން އެދެނީ އެހެން މައްސަލައަކާ ގުޅިގެން ކަމަށް ދައުލަތުން ބުނާއިރު އެކަން އެގޮތަށް ނުކުރެވޭނެ ކަމަށާއި ބަންދު ކުރާ ނަމަ ކުރެވޭނީ ހިނގަމުންދާ މައްސަލައާ ގުޅިގެން ކަމަށެވެ. ހެއްކަށް ނުފޫޒު ފޯރުވައިފާނެ ކަމަށް ބެލެވޭ ކަމަށް ދައުލަތުން ބުނާއިރު މިހާ ދުވަސްވީއިރު ވެސް ރިޔާޒްގެ ފަރާތުން އެފަދަ ނުރައްކަލެއް ނެތިފައި އޮތުމަށް ފަހު އެފަދަ ނުރައްކަލެއް ކުރިމަތިވީ މިއަދުތޯ އަލީ ޒާހިރު ސުވާލު އުފެއްދެވި އެވެ.

ރިޔާޒްގެ ވަކީލުންގެ ޓީމުގައި ހިމެނޭ މަސްތޫރު ހުސްނީ ވިދާޅުވީ ހުކުމެއް ކުރުމުގެ ކުރިން މީހަކު ބަންދު ކުރެވޭނީ ވަރަށް ޚާއްސަ ހާލަތްތަކުގައި ކަމަށާއި އެކަން ކުރަންޖެހޭނީ ވެސް ބަންދުގައި ބަހައްޓަން ގާނޫނު ހުއްދަކުރާ ހާލަތެއް މެދުވެރިވެފައިވާ ކަމުގެ ދަލީލެއް އޮވެގެން ކަމަށް މަތީ ކޯޓުތަކުން ނިންމާފައިވާ ކަމަށެވެ. ރިޔާޒްގެ ފަރާތުން ހެކިންނަށް ނުފޫޒު ފޯރުވަފާނެ ކަމުގެ އެއްވެސް ކަމެއް ނުދެއްކޭ ކަމަށާއި އެފަދަ ކަމެއް މިހާތަނަށް ފެނިފައި ނެތް ކަމަށް ދައުލަތުން އެއްބަސްވާ ކަން ހުސްނީ ފާހަގަ ކުރެއްވި އެވެ.

ދެ ފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު ގާޒީ އަހުމަދު ޝަކީލް ނިންމެވީ ޝަރީއަތް ނިމެންދެން ރިޔާޒް ބަންދުކުރެވެން ނެތް ކަމަށެވެ. ސަބަބެއް ކަމަށް ގާޒީ ޝަކީލް ވެސް ވިދާޅުވީ ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށް ބުންޏަސް އެފަދަ ކަމެއް މިހާތަނަށް ފެނިފައިނުވާ ކަމަށް ދައުލަތުން ބުނެފައިވާތީ އެވެ.

ރިޔާޒް ކުށަށް އިއުތިރާފްވެއްޖެ ނަމަ އަދަބު ލުއިވުމުގެ ފުރުސަތު އޮތްކަން ދައުލަތުން ބުނުމުން ވެސް ރިޔާޒް ވަނީ ދައުވާ އިންކާރު ކުރައްވައިފަ އެވެ. އެ ކުށުގެ އަސްލު އަދަބަކީ ހަތަރު މަހާއި 24 ދުވަސް ކަމަށް ވިޔަސް ކުށަށް އެއްބަސްވެއްޖެ ނަމަ ގާނޫނުލް އުގޫބާތު އޮންނަ ގޮތުން އެ އަދަބު ތިން މަހާއި 18 ދުވަހަށް ކުޑަވާނެ ކަމަށް ދައުލަތުން ބުންޏެވެ.

ރިޔާޒް ދައުވާ އަށް އިންކާރުކޮށް، ޖަވާބުދާރީވުމަށް ހަތް ދުވަހުގެ މުއްދަތެއް ދޭން ރިޔާޒްގެ ވަކީލުން އެދުމުން ޝަރީއަތުން ވަނީ އެ ފުރުސަތު ދެއްވައިފަ އެވެ. ދެން އޮންނަ އަޑުއެހުން މިމަހުގެ 23 ވަނަ ދުވަހު އޮންނާނެ އެވެ.