ވިކްޓަރީ ކީޕަރު މެޗު ލަސްކުރުމުން ސުޒޭން ރުޅިގަދަވެއްޖެ!
ވިކްޓަރީ ކީޕަރު މެޗު ލަސްކުރުމުން ސުޒޭން ރުޅިގަދަވެއްޖެ!

ވިކްޓަރީގެ ސީރިއާ ގޯލްކީޕަރު މުހައްމަދު އަލް ޔޫސުފް މެޗު ލަސްކުރި ކަމަށް ބުނެ އެ ޓީމުގެ ކޯޗު އަލީ ސުޒޭން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށް، އަދި މިރޭ ޓީސީއާ 2-2 އިން އެއްވަރުވި މެޗަށް ފަހު ކުޅުންތެރިންނާ ދައްކަމުން ދިޔަ ވާހަކައިގެ މެދުތެރެއިން އޭނާ އެތަނުން ފޮނުވާލައިފި އެވެ.

އެސްޓީއޯ މާލޭ ލީގުގައި މިރޭ ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި ވިކްޓަރީ 2-1 އިން ކުރީގައި އޮއްވާ އެ ޓީމުގެ ކީޕަރު ޔޫސުފަށް ދެ ފަހަރެއްގެ މަތިން "އަނިޔާވެގެން" ފަރުވާ ދިނުމަށް ކުޅުން މެދުކަނޑާލަން ޖެހި ގިނަ ވަގުތުތަކެއް ގެއްލުނެވެ. އެ މައްސަލައިގައި މެޗުގެ ތެރޭގައި ވެސް ވިކްޓަރީގެ ކެޕްޓަން އިސްމާއިލް އީސާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

މެޗަށް ފަހު ޓީމުގެ ކުޅުންތެރިން އެއްކޮށްގެން ސުޒޭން އެކަމާ ވާހަކަދައްކަމުން ދަނިކޮށް ޔޫސުފް ވަނީ އަޑުގަދަކޮށް ޒުވާބުކޮށްފަ އެވެ. އެއާ އެކު ސުޒޭން ވަނީ އޭނާ އެތަނުން ފޮނުވާލައިފަ އެވެ.

ނޫސްވެރިންނާ ވާހަކަދައްކަމުން ސުޒޭން ބުނީ ޔޫސުފުގެ އަމަލުތަކަށް ކުޅިބެލުންތެރިންގެ ކިބައިން ވަރަށް ބޮޑަށް މައާފަށް އެދޭ ކަމަށާއި މިރެއަކީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި އެންމެ ބޮޑަށް ލަދުގަތް އެއް ރޭ ކަމަށެވެ. އަދި އެކަން ތަކުރާރުކުރާ ނަމަ ޔޫސުފް ނާރުވާނެ ކަމުގެ އިޝާރާތެއް ވެސް ސުޒޭން ދިނެވެ.

"މިއުޅެނީ ގަލޮޅު ދަނޑަށް މީހުން ނުވަދެގެން. އެހާލުގައި އުޅޭއިރު މިގޮތަށް ކަންތައް ވަންޏާ ސަޕޯޓަރުން އިތުރަށް ފޫހިވާނެ. ވަރަށް ބޮޑަށް ލަދުގަނެއްޖެ ވިކްޓަރީގެ ކީޕަރު މެޗު ލަސްކުރަން އެގޮތަށް ކަންތައް ކުރުމުން. މިއީ އަޅުގަނޑުގެ ފުޓްބޯޅަ ކެރިއަރުގައި އެންމެ ލަދުގަތް އެއް ރޭ. މިރޭ ދަނޑަށް ވަން މީހުންގެ ކިބައިން ވަރަށް ބޮޑަށް މައާފަށް އެދެން ވިކްޓަރީގެ ކޯޗުގެ ހައިސިއްޔަތުން،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ ދެ ޓީމުން ވެސް ރަނގަޅު ފުޓްބޯޅައެއް ކުޅެން މަސައްކަތްކުރި ކަމަށާއި ވިކްޓްރީ ކީޕަރު އެގޮތަށް ކަންތައް ކުރުމުން ވިކްޓަރީ އަށް ގެއްލުންތަކެއް ލިބުނު ކަމަށެވެ. އެގޮތުން ވިކްޓަރީން ރަނގަޅަށް ކުޅެކުޅެ އޮއްވާ، މެޗު މެދުކަނޑާލަން ޖެހި ކުޅުމުގެ އޮއިވަރު ބަދަލުވިކަން އޭނާ ފާހަގަކުރި އެވެ.

"އެގޮތަށް އަލުން ފަށާ ކޮންމެ ފަހަރަކު ޑިފެންޑަރުން ޕްރެޝަރު ވެއްޓޭ. ކޮންމެ ފަހަރަކު ޑިފެންޑަރަކަށް ކާޑެއް ލިބިގެން ދަނީ. ރަނގަޅަށް ކުޅެކުޅެ އޮއްވާ މޮމެންޓަމް އެއްކޮށް ގެއްލިގެންދޭ އޭގެ ސަބަބުން. އިދިކޮޅުގައި އޮތީ ޓީސީ ވިޔަސް މާޒިޔާ ވިޔަސް ނުވަތަ ނިއު ރޭޑިއަންޓް ވިޔަސް އެބަޖެހޭ އެ ޓީމަކަށް ވެސް ކުޅެން ފުރުސަތު ދޭން. މެޗު ލަސްކުރުން މިއީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން،" ވިކްޓަރީ ލީޑުގައި އޮއްވާ ފަހުކޮޅު ޓީސީން އެއްވަރުކުރި މެޗާ ބެހޭގޮތުން ސުޒޭން ބުންޏެވެ.

ޓީމު ކުރީގައި އޮންނަ ވަގުތު މެޗު ލަސްކުރަން ބައެއް ފަހަރު ކޯޗުން އިރުޝާދު ވެސް ދެ އެވެ. އެކަމަކު ގިނަ ފަހަރަށް އެކަން ކުރަނީ، ބޯޅަ އެއްލާއިރާއި ކޯނަރު އަދި ހިލޭ ޖެހުންތައް ނަގާ ވަގުތު ހަރަކާތްތައް ލަސްކޮށްގެންނެވެ. ނުވަތަ އިތުރު ވަގުތުގެ ތެރޭ ކުޅުންތެރިޔަކު ބަދަލުކޮށްގެންނެވެ. އަނިޔާވެގެން ކަަމަށް ހެދިގެން ކުޅުން މެދުކެނޑޭ ގޮތަށް ލަސްކުރުމުގެ އަމަލުތައް ޒަމާނީ ފުޓްބޯޅައިގައި ފެންނަލެއް އަންނަނީ މަދުވަމުންނެވެ.

ބައެއް ކުޅުންތެރިން މެޗު ލަސްކުރާ މައްސަލައިގައި މީގެ އަހަރުތަކެއް ކުރިން ވެސް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކީ ސުޒޭން ބުނީ މިކަމަށް ހައްލެއް ނުލިބެނީ ފިޔަވަޅު އަޅަން ޖެހޭ މީހުން އެކަންނުކުރާތީ ކަމަށާއި ރެފްރީން ވެސް އެފަދަ ކުޅުންތެރިންނަށް ވަގުތު ކާޑު ދައްކަން ޖެހޭ ކަމަށެވެ.

ސުޒޭން ބުނީ މި މައްސަލައިގައި ޔޫސުފާ ވާހަކަދައްކާނެ ކަމަށާއި އޭނާ ނާރުވައި ކުޅެން ޖެހިއްޖެ ނަމަ އެކަން ކުރަން ވެސް ފަސްނުޖެހޭނެ ކަމަށެވެ.

"ވިކްޓަރީ ސްޕޯޓްސް ކްލަބަށް ވުރެ އެއްވެސް ކުޅުންތެރިޔަކު ބޮޑެއް ނުވާނެ. އަދި މި ދިވެހި ޕްރިމިއާ ލީގު ކުޅޭ އެއްވެސް ޓީމަކަށް ވުރެ އެއްވެސް ކުޅުންތެރިޔަކު ބޮޑެއް ނުވާނެ،" ސުޒޭން ބުންޏެވެ.

ވިކްޓަރީގެ ބަދަލު ކީޕަރަކީ ގައުމީ ފުޓްބޯޅަ ޓީމުގެ ވެސް ބަދަލު ކީޕަރު މުހައްމަދު އިމްރާނެވެ.