16 ޖޫން 2016 - 13:00

ތެހެރާން (ޖޫން 16) - ފްރީޒްކޮށްފައިވާ އީރާނުގެ ދެ ބިލިއަން ޑޮލަރުގެ އެސެޓްތައް ތެހެރާނުން ޒިންމާވާން ޖެހޭ ޓެރަރިސްޓް ހަމަލާތަކުގައި އަނިޔާވި އެމެރިކާ މީހުންނަށް ދިނުމަށް އެމެރިކާގެ ސްޕްރީމް ކޯޓުން ނިންމާފައިވާ މައްސަލަ އދ.ގެ އެންމެ މަތީ ކޯޓަށް ތެހެރާނުން ހުށަހަޅައިފި އެވެ.
ހޭގުގައި ހުންނަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް އީރާނުން ހުށަހެޅި މައްސަލާގައި ވަނީ އެމެރިކާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އީރާނާއި އީރާނުގެ ކުންފުނިތަކަށް އިމްތިޔާޒު ލިބިގެންވާ ކަމަށެވެ.
އެމެރިކާގެ ސްޕްރީމް ކޯޓުން އެޕްރީލް މަހު ހުކުމްކޮށްފައި ވަނީ ފްރީޒްކޮށްފައިވާ އީރާނުގެ ދެ ބިލިއަން ޑޮލަރުގެ އެސެޓް އީރާނުން ޒިންމާވާން ޖެހޭ ޓެރަރިސްޓް ހަމަލާތަކުގައި މަރުވި މީހުންގެ އާއިލާތަކަށާއި އެ ހަމަލާތަކުން ސަލާމަތްވި މީހުންނަށް ދިނުމަށެވެ. މީގެ ތެރޭގައި ބޭރޫތުގައި ހުންނަ އެމެރިކާގެ މެރިން ބެރެކްސްގައި 1983 ވަނަ އަހަރު ބޮން ގޮއްވުމާއި ސައުދީ އަރަބިއާގެ ޚޮބަރު ޓަވަރުގައި 1996 ވަނަ އަހަރު ބޮން ގޮއްވުން ހިމެނެ އެވެ. އެމެރިކާގެ އެންމެ މަތީ ކޯޓުގެ ނިންމުމަށް ތެހެރާނުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
އީރާނުގެ ރައީސް ހަސަން ރޫހާނީ އިއްޔެ ވިދާޅުވީ ދުނިޔޭގެ އެންމެ މަތީ ކޯޓަށް ރަސްމީކޮށް މައްސަލަ ހުށަހެޅީ އީރާނުގެ ފައިސާ ގަވާއިދާ ޚިލާފަށް އެމެރިކާގެ ރައްޔިތުންނަށް ދިނުމަށް އެ ގައުމުގެ ކޯޓުތަކުން ނިންމުމުން ކަމަށެވެ. އީރާނުން ހުށަހެޅި ލިޔުންތަކުގައި ވަނީ އެމެރިކާގެ ކޯޓުން ހުކުމްކޮށްފައި ވަނީ ދެ ގައުމުގެ މެދުގައި 1955 ވަނަ އަހަރު ގާއިމްކުރި އިގްތިސާދީ އެއްބަސްވުންތަކާ ވެސް ޚިލާފަށް ކަމަށެވެ. މީގެ އިތުރުން އެއްބަސްވުމާ އެމެރިކާ އިން ޚިލާފުވުމުން ބަދަލު ދޭން ޖެހޭނެ ކަމަށް ވެސް އީރާނުން ހުށަހެޅި މައްސަލާގައިވެ އެވެ. --އޭއެފްޕީ