ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު ހޮހޮޅައިގެ ތެރެއިން ފެނިއްޖެ އެވެ.

އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިދިޔަ ބުރާސްފަތި ދުވަހު ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ހަތަރު ޓޫރިސްޓުން ހޯދުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑާއި ފުލުހުންނާއި އިޓަލީގެ ސަރުކާރުން ފޮނުވި ބޭރުގެ ޑައިވަރުން ގުޅިގެން ހިންގަމުން އަންނަ އޮޕަރޭޝަނުގައި އެމީހުންގެ ހަށިގަނޑުތައް ލޮކޭޓްކުރެވިފައިވާ ކަމަށެވެ.

ގެއްލުނު ހަތަރު ޑައިވަރުންގެ ހަށިގަނޑު ފެނިފައި ވަނީ އެމީހުން ޑައިވް ކުރި ހޮހަޅައިގެ ތެރެއިން ކަމަށާއި ކުރިއަށް ހުރި ޑައިވްތަކުގައި އެމީހުންގެ ހަށިގަނޑުތައް ހޮހަޅައިން ނެގުމުގެ މަސައްކަތް ކުރުމަށް ރާވާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ މި ހަށިގަނޑުތައް ހޯދިފައި ވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑާއި ދިވެހި ފުލުހުން އަދި އިޓަލީ ސަރުކާރުގެ އެހީތެރިކަމާ އެކު އެކަމަށް ހާއްސަކޮށް، ތަމްރީނުވެފައިވާ ފުން ކަނޑުތަކަށް ފީނާ ޑައިވަރުންގެ ޓީމަކުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަަށެވެ.

މި ހަށިގަނޑުތައް މައްޗަށް ނެގުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ގެންދާނެ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.

މި އޮޕަރޭޝަންގައި އުޅެނިކޮށް އެމްއެެންޑީއެފްގެ ކޯސްޓްގާޑުގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ މިދިޔަ ހޮނިހިރު ދުވަހު ނިޔާވުމާ ގުޅިގެން އޮޕަރޭޝަން މެދުކަނޑާލުމަށް ފަހު، އޮޕަރޭޝަން އަލުން ފެށީ މިއަދު ހެނދުނު އެވެ.

އިތުރު ތަފުސީލު އަންނަނީ....