13 އެޕްރީލް 2017 - 05:58

ބުނެވޭ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަފުޅުލައްޕަވަނީ ކޮންމެ ރެޔަކު ހަތަރު ގަޑިއިރަށެވެ. ޓްރަމްޕް އެކަން ފަޚުރުވެރިކަމާ އެކު ފާހަގަކުރައްވަ އެވެ. އެކަމަކު ތަޖުރިބާކާރުން ވިދާޅުވަނީ މަދުން ނިދުމަކީ ކޮންމެ މީހަކަށް ހާއްސަ ކަމެއް ނޫން ކަމަށެވެ. އެކަށީގެންވާ ވަރަށް ނިދި ނުލިބި ހުރެ އެއީ މާ މޮޅު ކަމެއްގެ ގޮތުގައި ދައްކާނެ ކަމެއް ނެތެވެ.
ޓްރަމްޕުގެ މިޒާޖާއި ކުރައްވާ ކަންކަމާއި ދައްކަވާ ވާހަކަތަކަކީ މާބޮޑަށް ނިދި މަދުވުމުގެ ނަތީޖާ ކަމަށް ނުވެދާނެ އެވެ. އެކަަމަކު އެއީ ނިދި މަދުވެފައި ހުންނަ މީހެއްގެ ކިބައިން ވެސް ފެނިދާނެ ކަންތައްތަކުގެ ގޮތުގައި، މިކަމުގެ ތަޖުރިބާކާރުން ގަބޫލުކުރައްވަ އެވެ.
މަދުން އަވަހާރަފުޅުލައްޕަވާ ކަމަށް ފަޚުރުވެރިކަމާ އެކު ވިދާޅުވާ ބައެއް ވެރިން، މުހިންމު ބައްދަލުވުންތަކުގައި "ހުވަފެން ބެއްލެވުމުގައި" އިންނަވަނިކޮށް ފެނުމަކީ ހަމަ ގައިމުވެސް ޝަރަފެއް ނޫނެވެ.
އެކަށީގެންވާ ވަރަށް ނިދި ނުލިބޭ ނަމަ، އެ މީހަކީ މީހުންނާ ގުޅިގެން އުޅުމުގައި އުނދަގޫ މިޒާޖެއް ހުންނަ މީހަކަށް ވުމުގެ ފުރުސަތު ބޮޑެވެ. ކަންކަން ދެނެގަތުމުގެ ގާބިލްކަން ކުޑަވުމާއި ކަންކަމަށް އިޖާބަ ދިނުމުގައި އަދި ޖަޒުބާތުތައް ކޮންޓްރޯލް ކުރުމުގައި ހަމައެއް ނެތުމަކީ ވެސް ނިދި މަދުވުމުން ދިމާވެދާނެ ކަންކަމެވެ. އަދި ހެނދުނު ހޭލާ ވަގުތު ތާކުންތާކު ނުޖެހޭ މޮޔަ ވާހަކަ ދެއްކުމަކީ ވެސް ވެދާނެ ކަމެއްގެ ގޮތުގައި ތަޖުރިބާކާރުން ފާހަގަކުރައްވަ އެވެ. އަނެއްކާވެސް ދައްކަން ޖެހެނީ ޓްރަމްޕުގެ ވާހަކަ އެވެ. ޓްރަމްޕު ކުރެއްވި އެންމެ ތާކުންތާކު ނުޖެހޭ ޓްވީޓްތައް ގިނައިން ކުރައްވާފައި ހުރީ ހެނދުނުގެ ވަގުތުތަކުގަ އެވެ. އެކަމަކު މީގެ މާނަ އަކީ ޓްރަމްޕަށް ހަމަ ނިދި ލިބިވަޑައިނުގަންނަވާ ވާހަކައެއް ނޫނެވެ.
ނިދި މަދުވުމަކީ އާންމު ކަމަކަށް ވެއްޖެ މީހެއްގެ އުފެއްދުންތެރި ވިސްނުން ގެއްލި ކަންކަމުގެ މަތިން ފޫހިވެފައި ހުންނާނެ ކަމަށް ބުނާ ދިރާސާތައް އެބަހުއްޓެވެ.
ރޭގަނޑު ނުނިދާ ހުންނަ ވަގުތު އެކި ފާޑުގެ އެއްޗެހި ކާހިތްވުމާއި ދުވާލު ވެސް އާދަޔާ ހިލާފަށް ގިނައިން ކެވި އަދު ފޮނިތަކެއްޗަށް ހުންނަ ފޯރި އިތުރުވާ ނަމަ އެއީ ނިދި މަދުވުމުގެ އަލާމާތްތަކެވެ. ނިދި މަދުވެ ހަށިގަނޑުގެ ނިޒާމުގެ ހިނގުން އޮޅުންބޮޅުންވާ ވަގުތު، ފޮނިތަކެއްޗާއި އެހެން ބާވަތްތަކުގެ ތަކެތި ވެސް ގިނައިން ކެެވި އެކަމުގެ ސަބަބުން ސިއްހީ އެހެން މައްސަލަތައް ކުރިމަތިވާން ފަށާނެ އެވެ.
ރަނގަޅަށް ނިދާށެވެ. ނުނިދާ ހުރެގެން ރަނގަޅަށް ކުރެވޭނެ އެއް ކަމެއް ވެސް ނޯންނާނެ އެވެ.