ރިޔާޒްގެ ޝަރީއަތް ވެސް މާދަމާ ފަށަން ހަމަޖައްސައިފި
ރިޔާޒްގެ ޝަރީއަތް ވެސް މާދަމާ ފަށަން ހަމަޖައްސައިފި

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒަށް ކުރާ ދައުވާގެ ޝަރީއަތް ވެސް މާދަމާ ފެށުމަށް ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ރިޔާޒްގެ ޝަރީއަތް މާދަމާ ފަށާއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމަށް ކުރާ ދައުވާގެ ޝަރީއަތް ވެސް މާދަމާ ފަށަން އޮތީ ތާވަލްކޮށްފަ އެވެ. ގާސިމަށް ތިން ދައުވާއެއް ދައުލަތުން ކުރެ އެވެ.

ރިޔާޒަށް ދައުލަތުން ކުރާ "ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ" ގެ ޝަރީއަތް ފަށަން ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނު 10:00 ގަ އެވެ. ރިޔާޒަށް އެ ދައުވާކުރަނީ ފުލުހުންގެ ތަހުގީގަކަށް އޭނާ ހާޒިރުކޮށް، އޭނާގެ ފޯނު ހުޅުވައިދޭން އެދުމުން އެކަން ނުކުރި ކަމަށް ބުނެއެވެ.

ރިޔާޒް ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށް، ކުށެއް ނުކުރާ ކަމަށް ވިދާޅުވެފަ އެވެ.

ރިޔާޒްގެ އިތުރުން ގާސިމަށް ކުރާ ދައުވާ ޝަރީއަތް މާދަމާ ހެނދުނު 11:30 ގައި ފަށަން ވަނީ ހަމަޖައްސައިފަ އެވެ. ގާސިމްގެ މައްޗަށް ކުރަނީ ރިޝްވަތު ދޭން އުޅުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އެވެ.