ގާސިމަށް ކުރާ ދައުވާތަކުގެ ޝަރީއަތް މާދަމާ ފަށަން ހަމަޖައްސައިފި
ގާސިމަށް ކުރާ ދައުވާތަކުގެ ޝަރީއަތް މާދަމާ ފަށަން ހަމަޖައްސައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތް މާދަމާ ފެށުމަށް ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ އަދި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމަށް ކުރަނީ ރިޝްވަތު ދޭން އުޅުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭންހުުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އެވެ.

އެ ދައުވާތައް ކުރަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ނެގި ވޯޓުގައި މަސީހާ ދެކޮޅަށް ވޯޓު ދޭ މެމްބަރުން އިތުރު ދައުރަކަށް ހޮވަން އިނާޔަތް ދެއްވާނެ ކަމަށް ގާސިމް ވިދާޅުވި މައްސަލައިގަ އެވެ.

އެ މައްސަލައިގެ ޝަރީއަތް މާދަމާ ހެނދުނު 11:30 ފަށަން ކްރިމިނަލް ކޯޓުން ތާވަލް ކުރިއިރު، އެ މައްސަލައިގެ ތުހުމަތުގައި ބަންދުކޮށްފައިވާ ގާސިމް ވަގުތުން ދޫކޮށްލަން ހައި ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ. އޭނާ ދޫކޮށްލަން އަމުރުކުރީ އިމްތިޔާޒްގެ ގާނޫނާ ޚިލާފަށް ގާސިމް ހައްޔަރު ކުރުމުގެ އަމުރު ހޯދާފައިވާތީ އެވެ.

ގާސިމްގެ އިތުރުން އެ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާކޮށްފަ އެވެ. އޭނާގެ މައްޗަށް ކުރަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ. އެ ދައުވާ ކުރަނީ ފުލުހުން އޭނާގެ މައްޗަށް ތުހުމަތުކުރި މައްސަލައަކާ ގުޅިގެން އޭނާގެ ފޯނު ހިފަހައްޓައި، ފޯނު ހުޅުވަދޭން އެދުމުން އެކަން ނުކުރި ކަމަށް ބުނެއެވެ.