ބެންކް
އޮފް މޯލްޑިވްސްގައި ޕްރޮފެޝަނަލް ސަނަދު ލިބިފައިވާ ފަންނީ މުވައްޒަފުން
އިތުރުކުރުމަށް އެ ބޭންކުގެ "ޗާޓަޑް ބޭންކާ ޕްރޮގްރާމް"
ފަށައިފި އެވެ.
މިއީ ރާއްޖޭގެ މާލީ ދާއިރާއަށް ބޭނުންވާ ބޭންކަރުން
ބިނާކުރުމަށްޓަކައި، ޗާޓަޑް ބޭންކިން ކޮލިފިކޭޝަންތަކާއި ފަންނީ ތަރައްގީގެ
ޕްރޮގްރާމްތައް ހިންގުމަށް މިދިޔަ ޖެނުއަރީ މަހު އޭޝިއަން އިންސްޓިޓިއުޓް އޮފް
ޗާޓާޑް ބޭންކާސް (އޭއައިސީބީ) އާއެ ކު ސޮއިކުރި އެމްއޯޔޫގެ ދަށުން
ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި
ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި ބީއެމްއެލްގެ 30 މުވައްޒަފަކު ބައިވެރިވެފައި ވާއިރު، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މުވައްޒަފުން
ކޯސް ފުރިހަމަކުރާނެ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް
ވިދާޅުވީ ބެންކުން އަބަދުވެސް ގަބޫލުކުރާ ގޮތުގައި ބޭންކުގެ އެންމެ
ބޮޑު ރައުސްމާލަކީ އެ ބެންކުގެ މުވައްޒަފުން ކަމަށެވެ. އަދި މެދުނުކެނޑި ފަންނީ ތަރައްގީއަށް
ކުރެވޭ މަސައްކަތަކީ ބެންކުގެ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށާއި މުސްތަގުބަލުގެ ލީޑަރުން
ބިނާކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މި ޕްރޮގްރާމްގެ ތެރެއިން ލިބޭ އިލްމާއި
ތަޖުރިބާއަކީ މުވައްޒަފުންގެ އަމިއްލަ ކުރިއެރުމަށާއި ބޭންކުގެ ދެމެހެއްޓެނިވި
ތަރައްގީއަށް ލިބޭނެ މުހިންމު ބާރެއް ކަމަށެވެ.
ޗާޓަޑް
ބޭންކާ ޕްރޮގްރާމް ހިންގަނީ މުވައްޒަފުން ތަމްރީނުކުރުމަށް ބޭންކުން
ހާއްސަކޮށްފައިވާ ބީއެމްއެލް އެކަޑަމީ މެދުވެރިކޮށެވެ. މިއީ މުވައްޒަފުންގެ
ގާބިލުކަން އިތުރުކުރުމަށާއި، ބޭންކަށް ގެންނަމުންދާ ބަދަލުތައް ތަންފީޒުކުރުމަށާއި،
މުޅި ރާއްޖެއަށް ފެންވަރު ރަނގަޅު ބޭންކިން ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް
ބީއެމްއެލްއިން ދޭ އަހުމިއްޔަތު ހާމަކޮށްދޭ
އިންވެސްޓްމަންޓެއްގެ ގޮތުގައި އެ ބޭންކުން ސިފަކުރެ އެވެ.