ކްލިކް ކޮލެޖުގެ "ނެކްސްޓް ސްޓެޕް ފޯ ޔޫތު ޑިވެލޮޕްމަންޓް" ފޯރަމްގެ ތިންވަނަ
އެޑިޝަން ކުރިއަށް އޮތް ހަފުތާ ބަންދުގައި ބާއްވަން ނިންމައިފި އެވެ.
އެ ކޮލެޖުން ބުނީ "މީރުމާ" އިވެންޓް ހޯލްގައި އެ ހަރަކާތް ބޭއްވުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް ގެންދާ ކަމަށެވެ.
އެއީ ސާނަވީ އަދި މަތީ ސާނަވީ ތައުލީމު
ނިންމާފައިވާ ދަރިވަރުންނާއި ވަޒީފާގެ ބާޒާރަށް އަލަށް ނުކުންނަ ޒުވާނުންނަށް މުސްތަގުބަލު
ބިނާކޮށް، ކެރިއާ ބައްޓަން ކުރުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ
ހަރަކާތެކެވެ. މި ހަރަކާތް މެދުވެރިކޮށް، އެކި ދާޢިރާތަކުގެ ފަންނީ ބޭފުޅުން،
އެ ބޭފުޅުންގެ ތަޖުރިބާ އާއި ދާއިރާގެ މައުލޫމަތު ޕެނަލް ޑިސްކަޝަންގެ ޒަރިއްޔާއިން
ފޯރުކޮށްދޭނެ އެވެ. އަދި މިހާރު މާކެޓުގައި އެންމެ ޑިމާންޑް ބޮޑު ދާއިރާތަކާއި އަލަށް
ތައާރަފުވަމުންދާ ސިނާއަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރާނެ އެވެ.
ކްލިކް ކޮލެޖުން ބުނި ގޮތުގައި، ސާނަވީ
އިމްތިހާނުގެ ނަތީޖާ ނެރޭ ދުވަސްކޮޅާ ދިމާކޮށް މިފަދަ ހަރަކާތެއް ބާއްވަނީ
މަތީ ތައުލީމު ހާސިލްކުރުމާއި ކެރިއާ އިހުތިޔާރު ކުރުމުގައި ޒުވާނުންނަށް
އެހީތެރިވެދިނުމުގެ ގޮތުންނެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ހަރަކާތުގައި ޕެނަލް ޑިސްކަޝަން، ގޭމިން ހަރަކާތުގެ
އިތުރުން ހާއްސަ ބޫތުތައް މެދުވެރިކޮށް ޒުވާނުންނަށް މައުލޫމަތު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ކްލިކް ކޮލެޖުން ބުންޏެވެ.
މި ހަރަކާތުގެ ފުރަތަމަ ދުވަހު ޓޫރިޒަމާއި އެކައުންޓިންގެ ދާއިރާ އަދި މާކެޓިން އަދި
ބިޒްނަސް ދާއިރާ އަށް ހާއްސަ ޕެނަލް މަޝްވަރާއެއް އޮންނާނެ އެވެ. ދެ ވަނަ ދުވަހު
ސްޕެޝަލައިޒްޑް ސްޓަޑީޒް - ކްރިމިނޮލޮޖީ، ކުޅިވަރު، ޕައިލެޓްކަން އަދި އިންޖިނިއަރިން
އަށް ހާއްސަ ޕެނަލް ޑިސްކަޝަނަކާއި މެޑިސިން އެންޑް ސައިން ލޭންގުއެޖްއަށް ޙާއްސަ
ސެޝަނެއްގެ އިތުުރުން ނޭޝަނަލް މެންޓަލް ހެލްތް ޑިޕާޓްމަންޓުގެ ހެލްޕްލައިނާ ބެހޭ މައުލޫމާތު ސެޝަނެއް ބާއްވާނެ ކަމަށް ކްލިކުން ބުންޏެވެ.
މި ހަރަކާތުގައި އޮންނަ ޕެނަލް
ޑިސްކަޝަންތަކަކީ އެއް ގަޑިއިރުގެ ޕެނަލް ޑިސްކަޝަންތަކެކެވެ. މި ޕެނަލް ޑިސްކަޝަން އާއްމުންނަށް ފަސޭހައިން ބެލޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ސޯޝަލް މީޑިއާ މެދުވެރިކޮށް ލައިވް ކުރުމަށް ވަނީ ހަމަޖައްސާފަ އެވެ.
މި ހަރަކާތުގައި ކުރިއަށް ދާނެ އެންމެ ހާއްސަ އެއް ހަރަކާތަކީ "ފައިޓިން ގޭމް ކޮމިއުނިޓީ މޯލްޑިވްސް" (އެފްޖީސީ އެމްވީ)އާ ގުޅިގެން އިންތިޒާމު ކޮށްފައިވާ ގޭމިން ހަރަކާތެވެ. މި ގޭމިން ހަރަކާތް ކުރިއަށް ގެންދާނީ އާންމުކޮށް މިތަނަށް
ޒިޔާރަތްކުރާ ފަރާތްތަކަށް ބައިވެރިވެ، ގޭމް ކުޅުމުގެ ފުރުސަތު ހުޅުވާލައިގެންނެވެ.
"ނެކްސްޓް ސްޓެޕް ފޯ ޔޫތު ޑިވެލޮޕްމަންޓް"ގެ ދެވަނަ ދުވަހު ގޭމިން މުބާރާތެއް ވެސް އޮންނާނެ އެވެ. މި މުބާރާތުގައި 20
ބައިވެރިންނަށް ވާދަކުރެވޭނެ އެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހޮނިހިރު ދުވަހުގެ ނިޔަލަށް ކްލިކް ކޮލެޖްގެ ސޯޝަލް މީޑިއާގެ އިތުރުން
އެފްޖީސީ އެމްވީގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ ހުޅުވާލާފަ އެވެ.
މި މުބާރާތުގައި ވާދަކުރާ
މީހުންގެ ތެރެއިން އެއްވަނަ އަށް 3،000ރ. ދެވަނަ އަށް 2،000ރ. އަދި ތިންވަނައަށް 1،000ރ. ގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ހަރަކާތް ކުރިއަށްދާ ދެ
ދުވަހުގެ ތެރޭގައި ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވާ މީހުންނަށް އަގުހުރި އިނާމުތަކެއް ލިބުމުގެ
ފުރުސަތު އޮންނާނެ އެވެ. މީގެ ތެރޭގައި ތިން ފަރާތަކަށް ސްރީ ލަންކާއަށް ދަތުރުކުރުމަށް
ދެކޮޅު ޓިކެޓާއި ރާއްޖޭގެ މަޝްހޫރު ބްރޭންޑްތަކުގެ އުފެއްދުންތަކުގެ އިތުރުން ތަފާތު
އެކި ހަދިޔާތައް ހިމެނެއެވެ.
"ނެކްސްޓް ސްޓެޕް ފޯ ޔޫތް ޑިވެލޮޕްމަންޓް"ގެ
ތެރެއިން ޙާއްސަ ކޮށްފައިވާ ސްޓޯލްތަކުގައި ބައިވެރިވާ އިދާރާތަކުގެ ތެރޭގައި ސޮސައިޓީ
ފޯ ހެލްތު އެޑިއުކޭޝަން (ޝީ) ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ނެޝަނަލް ކެރިއާ ސާވިސަސް
އަދި ފޯ ސީޒަންސް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިމެނެ އެވެ. މި ސްޓޯލްތަކުން ސިއްހީ ހިދުމަތްތަކާއި ވިޔަފާރީގެ އިރުޝާދާއި ވަޒީފާގެ ފުރުސަތުތަކުގެ އިތުރުން ޒުވާނުންނަށް
ހުރި ތަމްރީނު ފުރުސުތުތަކާ ގުޅޭ މައުލޫމާތު ލިބެން ހުންނާނެ އެވެ.
މި ހަރަކާތުގެ އެކި ސެޝަންތަކުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން https://forms.gle/yDiEWXtbu4bVt6iW9 މި ލިންކުން ރެޖިސްޓްރީ ކުރެވޭނެ އެވެ.
މި ހަރަކާތް މާދަމާ އޮންނާނީ މެންދުރު 2 އިން ރޭގަނޑު 10 ޖަހަންދެންނެވެ. މި ހަރަކާތުގައި މާދަމާ ޓޫރިޒަމް އާއި އެކައުންޓިންއާ ގުޅޭ ޕެނަލް އޮންނާނީ ހަވީރު 5 އިން 6 އަށެވެ. އަދި މާކެޓިން އާއި ބިސްނަސްއާ ގުޅޭ ޕެނަލް އޮންނާނީ ރޭގަނޑު 9 އިން 10 އަށެވެ.
މި ހަރަކާތް ހޮނިހިރު ދުވަހު އޮންނާނީ މެނދުރު 12 އިން ރޭގަނޑު 10 އަށެވެ. ގޭމިން ޓޯނަމެންޓް އެ ހަރަކާތް ފެށިގެން ނިމެންދެން އޮންނާނެ އެވެ. އަދި ސްޕެޝަލައިޒްޑް ސްޓަޑީސް (ކްރިމިނަލޮޖީ، ސްޕޯޓްސް، ޕައިލޮޓް އަދި އިންޖިނިއަރިން)ގެ ޕެނަލް ޑިސްކަޝަން ބާއްވާނީ މެންދުރު 2 އިން 3 އަށެވެ. އަދި ސްޕެޝަލް ސްޓަޑީޒް (މެޑިސިން އެންޑް ސައިން ލެންގުއޭޖް) އޮންނާނީ ހަވީރު 5 އިން 6 އަށެވެ. ޓެކްނޮލަޖީ އާއި ސްޕޭސް ރިސާޗް ކުރިއަށް ދާނީ ރޭގަނޑު 8 އިން ފެށިގެންނެވެ.
ހޮނިހިރު ދުވަހު ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން ނަގައިދޭ ހާއްސަ ސެޝަނެއް އެ ދުަވަހުގެ ރޭގަނޑު 9 ޖަހާއިރު އޮންނާނެ އެވެ.