މި އަހަރުގެ ހައްޖަށް މީހުން ފުރާ ދުވަސްތަކުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާރުބޮޑުވާނެތީ، އެއާޕޯޓުން ހިދުމަތް ހޯދާ ފަރާތްތަކުން ސަމާލުވާން އެމްއޭސީއެލް އިން އިލްތިމާސްކޮށްފި އެވެ. 

އެމްއޭސީއެލް އިން މިއަދު ބުނި ގޮތުގައި ހައްޖުވެރިން ފުރަން ހަމަޖެހިފައިވާ 15، 17، 18 އަދި 19 ވަނަ ދުވަހު އެއާޕޯޓް ވަރަށް ބާރު ބޮޑުވާނެ އެވެ. އެ ދުވަސްތަކުގައި އެއާޕޯޓް ޕާކިންނާއި ޓްރެފިކް ބާރުބޮޑުވާނެތީ، ފެރީ ނުވަތަ ބަސް ބޭނުން ކުރަން ވެސް އެދިފައިވެ އެވެ. 

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ސައުދީ އަރަބިއްޔާއަށް ފުރާ ހައްޖާޖީންނަށް އެއާޕޯޓުގައި ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާނެ ކަމަށެވެ. 

މި އަހަރު ރާއްޖޭން ފުރާ ހައްޖާޖީން ފުރުމަށް
ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ ދެ ފްލައިޓް އަދި ސައުދިއާގެ ދެ ފްލައިޓުންނެވެ.
މި ފްލައިޓްތަކުން ފުރާ ހައްޖާޖީންނަށް މައްކާރޫޓް އިނިޝިއޭޓިވްގެ ދަށުން ވަނީ
ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސައިފަ އެވެ. 

މީގެ ތެރެއިން ހުކުރު ދުވަހު
ފުރާ ސައުދީއާގެ ފުރަތަމަ ފްލައިޓުން 242 ހައްޖާޖީން ފުރުމަށް
ވަނީ ހަމަޖެހިފަ އެވެ. އެ ދުވަހު ހައްޖުވެރިން
ގޮވައިގެން އެއާޕޯޓަށް އަންނަ ބަސްތައް މަޑުކުރާނީ ވީއައިއޭގެ ކުރީގެ ޑޮމެސްޓިކް
ޓާމިނަލް ކުރިމައްޗަށެވެ. އަދި ހައްޖާޖީންނަށް ހުކުރު ނަމާދުކުރުމުގެ އިންތިޒާމު އެހެން
އަހަރުތަކެކޭ އެއްފަދައިން ވޯޓާ ފްރަންޓު އިމާރާތުގެ ތިރީގައި
ވަނީ ހަމަޖައްސައިފަ އެވެ.  

މީގެ އިތުރުން 17، 18 އަދި 19
ވަނަ ދުވަހު ފުރާ ހައްޖާޖީންގެ ގޮވައިގެން އަންނަ ބަސްތައް މަޑުކުރުމަށް ހަމަޖެހިފައިވަނީ
ޓާމިނަލް 2 ޑޮރޮޕް އޮފް އަށެވެ. އަދި އެ ދުވަސްތަކުގައި ހައްޖާޖީން މަޑުކުރުމަށް ހަމަޖެހިފައިވަނީ
ޓާމިނަލް 2 ގެ ކޮންކޯސް އޭރިއާގަ އެވެ.

އެމްއޭސީއެލް އިން ބުނީ ހައްޖާޖީން ފުރުމަށް ހަޖަހިފައިވާ ވަގުތުތަކުގައި، ފުރުމުގެ
އެންމެހާ ކަންކަން ފަސޭހަކަމާއި އޮމާންކަމާ އެކު ކުރިއަށް ގެންދިއުމަށް އެއާޕޯޓުގެ
އޮފިޝަލުން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން ދާނެ ކަމަށެވެ.