ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މަގާމުން ވަކިކުރުމާ ގުޅޭ ކަންކަން ކުރިއަށް ގެންދަން މަޖިލިހުގެ ސުޕަ މެޖޯރިޓީ ޕާޓީ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުން މީގެ އިރުކޮޅެއް ކުރިން ނިންމައި، އެ ކަމަށް ބޭނުންވާ އަދަދަށް ސޮއި ވެސް ހަމަކޮށްފި އެެވެ.
އެނގިފައިވާ ގޮތުގައި ޕީއެންސީގެ ޕީޖީ ގުރޫޕުގެ ބައްދަލުވެމެއް ބާއްވައި ފާސްކޮށްފައި ވަނީ ނައިބު ރައީސް ނާޒިމް މަގާމުން ވަކިކުރުމަށް ބޭނުންވާ ސޮއި ހަމަކުރުމުގެ މަސައްކަތް ފަށާށެވެ.
އެއާ އެކު، ޕީޖީ ގުރޫޕުގެ މެމްބަރަކު ވިދާޅުވީ، މިހާރު އެ ކަމަށް ބޭނުންވާ ސޮއި ވެސް ހަމަކޮށްފައިވާ ކަމަަށެވެ.
މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސް މަގާމުން ވަކިކުރެވޭނީ މަދުވެގެން ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން މެމްބަރުންގެ ސޮޔާ އެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މަދުވެގެން 24 މެމްބަރުންނެވެ.
ރައްޔިތުންގެ މަޖިލިހުގައި 93 މެމްބަރުން ތިއްބަވާއިރު ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 76 އެވެ.
މަޖިލިހުގެ ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ޖަލްސާއަކަށް ހާޒިރުވެވަޑައިގެން ވޯޓު ދެއްވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.