ބޭންކް
އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު
ހުޅުވާލައިފި އެވެ.

ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ޖަމްއިއްޔާތަކުން ހިންގަން ބޭނުންވާ ދެމެހެއްޓެނިވި
އެކި މަޝްރޫއުތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންމެ އަހަރަކު ވެސް
ހުޅުވާލާ ފުރުސަތެކެވެ.

ކޮންމެ
އަހަރަކު ވެސް ބޭންކް ފަންޑް ކާމިޔާބުކުރާ ފަސް ފަރާތަކަށް ތައުލީމީ ދާއިރާ އާއި ތިމާވެށީގެ ދާއިރާ އާއި ކުޅިވަރުގެ ދާއިރާއިން މުޖުތަމައަށް ފައިދާ ހުރި ޕްރޮޖެކްޓްތައް ހިންގުމަށް
200،000ރ. ގެ އެހީ ބޭންކުން ފޯރުކޮށްދެ އެވެ.

މިއީ އެގޮތަށް އެ ފަންޑް ހިންގަމުންދާ ތިން ވަނަ އަހަރެވެ. އެއީ ރާއްޖޭގެ ޖަމްއިއްޔާތައް ބާރުވެރިކޮށް، މުޖުތަމައު ހިމެނޭހެން ގައުމަށް ކުރިއެރުން ހޯދައިދިނުމަށް ބޭންކުން ދޭ
އިސްކަން ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި ބީއެމްއެލްއިން ސިފަކުރެ އެވެ. 

ބޭންކް ފަންޑާއި ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އެ ބޭންކުން އަބަދުވެސް
ގަބޫލުކުރަނީ ދެމެހެއްޓެނިވި ކުރިއެރުމެއް ހާސިލުކުރެވޭނީ މުޖުތަމައުގެ ބިންގަލުން
ފެށިގެން ކުރެވޭ މަސައްކަތްތަކުން ކަމަށެވެ. އެގޮތުން ބޭންކް ފަންޑަކީ ރަށްރަށުގެ ޖަމްއިއްޔާތަކުން ގެންގުޅޭ އުފެއްދުންތެރި ހިޔާލުތައް، މުޖުތަމައަށް ފައިދާކުރަނިވި ކަންކަމަށް ބަދަލުކުރުމަށް
މަގުފަހިކޮށްދިނުމަށް ބެންކުން ދޭ އިސްކަން ހާމަކޮށްދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ފަންޑުގެ
އެހީގައި މިހާތަނަށް މުޖުތަމައަށް ލިބިފައިވާ ހެޔޮ ބަދަލުތަކާ މެދު އަޅުގަނޑުމެން ފަހުރުވެރިވަން.
އަދި 2026 ވަނަ އަހަރު ވެސް، އަޅުގަނޑުމެންގެ އުއްމީދަކީ މުޖުތަމައަށް ނަފާ ލިބޭނެ ދެމެހެއްޓެނިވި
އިތުރު މަޝްރޫއުތަކަކަށް އެހީތެރިކަން ފޯރުކޮށްދިނުން." ޝަރީފް ވިދާޅުވި އެވެ. 

އެ ފަންޑަށް
އެދި ހުށަހެޅުމުގެ ފުރުސަތު ރަޖިސްޓްރީކޮށްފައިވާ ޖަމްއިއްޔާތަކާއި ކްލަބްތަކަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. އަދި އެ ފަންޑަށް އެދި އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް[email protected]އަށް އީމެއިލް މެދުވެރިކޮށް
އަންނަ މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 2 ޖަހަންދެން ހުށަހެޅޭނެ އެވެ. 

ބޭންކް ފަންޑް ތައާރަފް ކުރިފަހުން، މުޖުތަމައަށް ބޭނުންތެރި ތަފާތު އެކި މަޝްރޫއުތައް ހިންގުމަށް މިހާތަނަށް ޖުމްލަ ނުވަ ޖަމްއިއްޔާއަކަށް އެ ފަންޑުން އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ.