ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން އެ ޓްރައިބިއުނަލްގެ މެންމަބަރުން ލިޔުމުން ޖަވާބުދާރީވާން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެންގުމުން، އެ އެންގުމަށް ތަބާނުވި ބޭފުޅުން ހާޒިރުކުރަން އެކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނުގެ ދަށުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަަލަ ހުށަހެޅޭނެ ގޮތެއް ނެތް ކަމަށް ވިދާޅުވެ، މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން ޓްރައިބިއުނަލްގެ މެންބަރުން ޖުޑީޝަރީ ކޮމިޓީ އަށް ފުރަތަމަ ހާޒިރު ކުރީ މިދިޔަ ފެބްރުއަރީ 24 ގަ އެވެ.
މަސައްކަތްތައް ލަސްވާ ގިނަ ސަބަބުތަކެއް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް އިސްހާގު ހުސައިން އެ ދުަވަހުގެ ބައްދަލުވުމުގައި ވިދާޅުވެދެއްވުމުން ކޮމިޓީން އެންގީ މަސައްކަތްތައް ލަސްވާ ސަބަބުތައް، ޓްރައިބިއުނަލްގެ މެންބަރުން، އެ ކޮމިޓީ އަށް ލިޔުމުން ދޭ ޖަވާބުތަކެއްގެ ގޮތުގައި ވަކިވަކިން ފޮނުވާށެވެ.
ޖުޑީޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވީ މައްސަލަތަކުގެ މައުލޫމާތު ކޮމިޓީ އަށް ލިޔުމުން ޖަވާބު ދެއްވީ ޓްރައިބިއުނަލްގެ ރައީސް އެކަނި ކަމަށެވެ.
އެހެންވެ އެކަމުގައި ދެން އަމަލުކުރާނެ ގޮތެއް ނިންމަން ކޮމިޓީގެ މެމްބަރުންނަށް ހުޅުވާލުމުން، ޓްރައިބިއުނަލްގެ މެންބަރުން ކޮމިޓީ އަށް ހާޒިރުކުރަން ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފެވެ. ފޭދޫ އުތުރުދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ތާއީދު ކުރެއްވި އެ ހުށަހެޅުން ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.
މައުރޫފު ވިދާޅުވި ގޮތުގައި ޓްރައިބިއުނަލްގައި ހުރި މައްސަލަތައް ކޮމިޓީން އިތުރަށް ބަލަން ޖެހޭ ކަން، މެންބަރުން ލިޔުމުން ޖަވާބު ނުދެއްވުމުން ދޭހަވެ އެވެ.
"މި ކޮމިޓީގައި މަޝްވަރާކުރެވުނު ކަންތައްތަކާ ގުޅޭ ގޮތުން އިތުރަށް މައުލޫމާތު ހޯދުމަށް ޓަކައި ހުރިހާ މެންބަރުންނަށް ވަކިވަކިން އެންގުމުން ވެސް ޓްރައިބިއުނަލްގެ ރައީސް ފިޔަވައި، އިތުރު މެންބަރަކު މި މައްސަލާގައި އިތުރަށް، ލިޔުމުން އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަމަށް ބުނެ، އިދާރީ މޭޒަށް އަންގާފައި ވާތީ އަަޅުގަނޑަށް ގަބޫލުކުރެވެނީ އެ އިން އަަޅުގަނޑުމެންނަށް އެ ދޭހަވަނީ އިތުރަށް އަަޅުގަނޑުމެން އެ މައްސަލަ ބަލަން ޖެހޭކަން،" މައުރޫފު ވިދާޅުވި އެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މަސައްކަތްތައް ލަސްކަމަށާއި ބައެއް ހިދުމަތްތައް ނުވެސް ލިބޭ ކަމަށް ވިދާޅުވެ، މައުރޫފު ހުށަހެޅުއްވި މައްސަލައާ ގުޅިގެން ޓްރައިބިއުނަލްގެ މެންބަރުން މީގެ ކުރިން ހާޒިރުކުރި ދުވަހު ވެސް ކޮމިޓީއަށް ޖަވާބުދާރީ ވެވަޑައިގެންނެވީ އެ ޓްރައިބިއުނަލްގެ ރައީސް އިސްހާގު އެކަންޏެވެ.
އެ ބައްދަލުވުމުގައި އިސްހާގު ވިދާޅުވެފައިވާ ގޮތުގައި ޓްރައިބިއުނަލަށް އޮތް އެންމެ ބޮޑު ދައްޗަކީ ވަސީލަތްތައް މަދުވުމެވެ. އޭނާ ވިދާޅުވީ ގާނޫނުތައް މިހާރު ހުރި ގޮތް ވެސް އެ އީ ޓްރައިބިއުނަލަށް ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ.