"މީ ލޯތްބަކީ" އަށް ތަރުހީބު ބޮޑު: މޮގާ
"މީ ލޯތްބަކީ" އަށް ތަރުހީބު ބޮޑު: މޮގާ

މި މަހުގެ ފަހެއްގައި އޮލިމްޕަހުގައި އެޅުވި ޑާކް ރެއިން އެންޓަޓައިންމަންޓްގެ ރޮމޭންޓިކް ކޮމެޑީ "މީ ލޯތްބަކީ" އަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި ތަރުހީބަށް ބަލައިފައި ޝޯތައް އިތުރު ކުރަމުން އަންނާނެ ކަމަށް ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނެފި އެވެ.

އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ފިލްމް ފަސް ވަނަ ދުވަހުގެ ރެއިން ފެށިގެން ދައްކަމުން އަންނަނީ ހައުސްފުލް ޝޯތަކެވެ.

"ވަރަށް ހިތްހަމަޖެހޭ ފިލްމަށް ލިބެމުން އަންނަ ތަރުހީބާ ދޭތެރޭ. ހައުސްފުލް ޝޯތަކެއް ކުރިއަށް މި ދަނީ. މި މަހުގެ ފަނަރައާ ހަމައަށް ޝޯތައް ހުޅުވާލައި، ޓިކެޓް ވިއްކަމުން މި އަންނަނީ،" މޮގާ ބުންޏެވެ.

އޭނާ ބުނީ ފިލްމަށް ތަރުހީބު ލިބޭ ވަރަކުން ޝޯތައް އޮލިމްޕަހުގައި ކުރިއަށް ގެންދާނެ ކަމަށެވެ.

ޗިއްޕެ އާއި އައިޝަތު ފުއާދު ތައުފީގްގެ ސްކްރީންޕްލޭއަކަށް، ބޮޑު ކާސްޓަކާ އެކު، ހަދާފައިވާ "މީ ލޯތްބަކީ" ގައި ލީޑް ރޯލް ކުޅެފައި ވަނީ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް އައްޒަ އެވެ.

މޮގާ ބުނީ އާބާދީ ބޮޑެތި ބަައެއް އަތޮޅުތަކުގައި ވަރަށް އަވަހަށް މި ފިލްމް އަޅުވާނެ ކަމަށެވެ.

"ވަރަށް ގިނަ ރަށްރަށުން ރިކްއެސްޓް އެބަ އާދޭ. ބޮޑަށް ފުރަތަމަ އިސްކަން ދޭނީ ހދ އާއި އައްޑޫ ކަހަލަ ބޮޑެތި ސަރަހައްދުތަކަށް،" އޭނާ ބުންޏެވެ.

މީގެ އިތުރުން "މީ ލޯތްބަކީ" އަވަށްްޓެރި ސްރީ ލަންކާގައި ވެސް ދައްކަން ޑާކް ރެއިނުން ވަނީ ނިންމައިފަ އެވެ.

"މި ފަހަރު ސިންގަޅަ ބަހުން ޑަބްކޮށްގެން ވެސް ފިލްމް އަޅުވަން ހިޔާލުކޮށްފައި އެބަ އޮތް. ޑާކް ރެއިނުން ފޮލޯ ކުރާ މީހުންގެ ތެރޭގައި މިހާރު ވަރަށް ގިނަ ލަންކާ މީހުން. އެ މީހުންގެ މީގެ ޓްރެއިލާއާ އެއްޗެހި ފެނިފައި އެބަހުރި ރިކްއެސްޓްކޮށްފައި ޑަބްކޮށްގެން ފިލްމް އަޅުވައި ދޭން،" މޮގާ ބުންޏެވެ. "އެހެންވެ އެގޮތަށް ކުރިއަށް ގެންދަން ވިސްނާފައި އެބަ އޮތް. އަދި ލަންކާއަކީ ވަރަށް ގިނަ ދިވެހިން އުޅޭ ތަނަކަށްވާތީ، ދިވެހިންނަށް ހާއްސަކޮށްގެން ފިލްމް ދައްކާނަން."