މާޒިޔާގެ ޑިފެންސާ މެދު ސަމާލުވާން ޖެހޭ: ނިއު
މާޒިޔާގެ ޑިފެންސާ މެދު ސަމާލުވާން ޖެހޭ: ނިއު

ރާއްޖޭގެ މެޗެއްގައި މާޒިޔާ ކޮޅަށް ލަނޑެއް ވަދެފައިނުވުމަކީ އެ ޓީމާ ދެކޮޅަށް މާދަމާ ހަވީރު ނިއު ރޭޑިއަންޓުން ނުކުންނައިރު އިތުރަށް ހިތްވަރުކުރަން ލިބޭ ފުރުސަތެއް ކަމަށް ނިއުގެ ކޯޗު ބެނާޑޯ ޓަވަރޭސް ބުނެފި އެވެ.

ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާ އެކު ލީގުގެ ތިން ވަނައިގައި މާޒިޔާ އޮތްއިރު އެ ޓީމު ކޮޅަށް އެ ދެ މެޗުގައި އަދި ޗެރިޓީ ޝީލްޑް މެޗުގައި ލަނޑެއް ނުވަދެ އެވެ. އޭއެފްސީ ކަޕުގައި ދެ މެޗު ކުޅެފައިވާއިރު ގޯލެއް ވަނީ މިދިޔަ ހަފުތާގައި އިންޑިއާގެ ބެންގަލޫރު އަތުން ފަހު ވަގުތު 1-0 އިން ބަލިވި މެޗުގަ އެވެ.

މާޒިޔާގެ ޑިފެންސް ލައިން ބަލަހައްޓަނީ ކްރޮއޭޝިއާގެ ޔޫތު ގައުމީ ޓީމާއި އިޓަލީގެ ދެ ވަނަ ޑިވިޝަނުގައި ކުޅެފައިވާ އަންދްރެއި ކޯޑޯސް އާއި ގައުމީ ޓީމުގެ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) އެވެ. އެކަމަކު ފަޅިން ޑިފެންސް ބަލަހައްޓާ ސާބިއާގެ މިލޮސް ކޮވަސެވިޗް ވަނީ މާދަމާގެ މެޗަށް ސަސްޕެންޑްވެފަ އެވެ.

"މާޒިޔާގައި އޮތީ ވަރަށް ވަރަށް ވަރުގަދަ އޯގަނައިޒް ޑިފެންސެއް. އެކަމަކު އެ ޓީމު ކޮޅަށް ގޯލެއް ނުވަދެ އޮތުމަކީ އަހަރެމެންނަށް ލިބޭ މޯޓިވޭޝަނެއް. މާޒިޔާ އިން ބޭނުންވާނެ މި މެޗުގައި ވެސް ލަނޑެއް ވައްދާނުލާ މެޗު ނިންމާލަން. އަހަރެމެން ބޭނުންވާނެ ރާއްޖޭގެ މެޗެއްގައި މާޒިޔާ ކޮޅަށް ގޯލް ޖަހާ ފުރަތަމަ ޓީމަށް ވާން،" ޓަވަރޭސް ބުންޏެވެ. "މިއީ އަހަރެމެންގެ މޯޓިވޭޝަން އިތުރުވާނެ ސަބަބެއް."

ނިއުގެ ސްޕެއިން ފޯވާޑް އެޑްރިއަން ގަލާޑޯ ވަނީ ތިން މެޗުން ހަތަރު ގޯލް ޖަހައިފަ އެވެ. އެ ޓީމުގެ އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) ވެސް ވަނީ ލަނޑު ލިސްޓުން ޖާގަ ހޯދައިފަ އެވެ. މާދަމާގެ މެޗަކީ ފޯވާޑުންނަށް ޓެސްޓެއްތޯ އެހުމުން ޓަވަރޭސް ބުނީ ލަނޑު ޖެހުމަކީ ހަމައެކަނި ފޯވާޑުންގެ ޒިންމާއެއް ނޫން ކަމަށެވެ.

"އަހަރެން ފޯވާޑަށް މަރުހަބާ ކިޔާނަން ލަނޑެއް ނުޖެހިޔަސް ޓީމަށް ރަނގަޅަށް އެހީވެއްޖެއްޔާ. އަހަރެމެން ބަލިވާނީ އެއްކޮށް، މޮޅުވާނީ އެއްކޮށް އަދި އެއްވަރުވާނީ އެއްކޮށް. އެހެންކަމުން ވަކިވަކި ކުޅުންތެރިންނަށް ބަރޯސާއެއް ނުވާނަން. ޒިންމާ އޮތީ މުޅި ޓީމުގައި،" ޓަވަރޭސް ބުންޏެވެ.

އޭނާ ބުނީ މާޒިޔާގައި މޮޅު ބިދޭސީ ކުޅުންތެރިންތަކެއް އެބަތިބި ކަމަށައި ގައުމީ ޓީމުގެ ނުވަ ކުޅުންތެރިން ވެސް ހިމެނޭ ކަމަށެވެ. އެކަމަކު މެޗަށް އަރާނީ ދެ ކޮޅުން ވެސް 11 ކުޅުންތެރިން ކަމަށާއި އެހެންކަމުން އެ ޓީމު ބަލިކުރަން ވަރަށް މަސައްކަތްކުރާނެ ކަމަށެވެ.

"އޭއެފްސީ ކަޕުގެ މެޗުން މާޒިޔާ ބަލިވުމުން އަހަރެން ދެރަވި. ސަބަބަކީ ދިވެހި ފުޓްބޯޅައިގެ ކުރިއެރުމަށް އަހަރެން އެދޭތީ. އެކަމަކު މިހާރު މިއޮތީ މަންޒަރު ބަދަލުވެފައި. މާޒިޔާ އިން ވެސް ބޭނުންވާނެ އެ މެޗުގެ މާޔޫސްކަމަށް ފަހު އަލުން އުފާވެރިކަން ހޯދަން. ހަމައެގޮތަށް އަހަރެމެން ވެސް ބޭނުންވޭ އަހަރެމެންގެ ފެންވަރު ސާބިތުކޮށްދޭން،" ޓަވަރޭސް ބުންޏެވެ.

އޭނާ ވަނީ މެޗު ހަވީރު ގަޑީގައި ކުޅެން ޖެހޭތީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ޓަވަރޭސް ބުނީ ގަދަހޫނުގައި ކުޅެން ޖެހުމަކީ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ވެސް ގެއްލުމެއް ކަމަށެވެ.

"ކުޅުންތެރިންނަކީ މެޝިންތަކެއް ނޫން. ހަވީރު 4 ޖަހާއިރު ހޫނުގައި ކުޅެން ޖެހުމަކީ ރަނގަޅު ގޮތެއް ނޫން. އެކަމަކު ވެސް އަހަރެމެން ކުރެވުނު ހުރިހާ ކަމެއް ކުރާނަން މެޗު ނަގަން،" ޓަވަރޭސް ބުންޏެވެ.

ނިއު އޮތީ ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާ އެކު ތާވަލުގެ އެއް ވަނައިގަ އެވެ.