12 އެޕްރީލް 2017 - 14:04

އުކާލާ ތަކެތިން ވެސް ބޭނުންތަކެއް ކުރެވިދާނެ ކަމުގެ މެސެޖަކާ އެކު، ޖަމާލުއްދީން ސްކޫލުގެ ހާއްސަ ފެއާއެއް މި ހަފުތާގެ ބަންދުގައި ބާއްވަން ނިންމައިފި އެވެ.

ދަރިވަރުންގެ ކިޔެވުމަށް ބޭނުންވާ އިތުރު ފައިސާ ހޯދުމުގެ މަގުސަދުގައި ބާއްވާ ފެއާ އޮންނާނީ ހުކުރު ދުވަހުގެ ހަވީރު 4:00-8:00 އަށް އަދި ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 7:00 އަށެވެ. ފެއާ އަށް ވަދެވޭނީ 10ރ. ގެ ޓިކެޓެއް ގަނެގެން ކަމަށް، މިކަން އިންތިޒާމުކުރާ ޕޭރެންޓް ޓީޗާސް އެސޯސިއޭޝަން (ޕީޓީއޭ) އިން ބުންޏެވެ.

ޕީޓީއޭގެ ނައިބު ރައީސް އަހުމަދު އާޒިމް ވިދާޅުވީ ފެއާ އަށް ސްކޫލުގެ ގޭޓް ތައްޔާރުކުރަނީ 6000 ޕްލާސްޓިކް ހުސްފުޅި ބޭނުންކޮށްގެން ކަމަށާއި އެކަމުން ފެއާއަށް ޒިޔާރަތްކުރާ މީހުންނާއި ދަރިވަރުންނަށް ތިމާވެއްޓާ ގުޅޭ މުހިއްމު މެސެޖެއް ދެވިގެންދާނެ ކަމަށެވެ.
"އުކާލިއަސް، އެ ހުސްފުޅިތަކަކީ މުހިއްމު ބޭނުމެއް ހިފޭނެ އެއްޗިހި. އެހެންވެ ހުސްފުޅި ބޭނުންކޮށްގެން ރަނގަޅު، މުހިއްމު މެސެޖުތަކެއް އެބަދެވޭ ތިމާވެށި ހިމާޔަތްކުރުމާ ގުޅޭގޮތުން. މަގުސަދަކީ ފަންޑު ހޯދުމާއެކު އެކި ކަންކަމަށް ހޭލުންތެރިކުރުވުން،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދެ ދުވަހުގެ ފެެއާއިން 150،000ރ. ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށާއި އެ ފައިސާއިން ސްކޫލުގެ ނެޓްވޯކް ސިސްޓަމް ރަނގަޅުކުރަން ނިންމާފައިވާ ކަމަށެވެ.