ޓްރީ ޓޮޕް ހޮސްޕިޓަލުން މއ. ޗަމްޕާ ވިލާގައި ހިންގާ
ޓީޓީއެޗް ކްލިނިކުން އެތެރެހަށީގެ
ބަލިތަކުގެ ފަރުވާގެ ހިދުމަތްތައް ތައާރަފްކޮށްފި އެވެ. 

ޓްރީ ޓޮޕުން ބުނީ މި ހިދުމަތްތައް ޓީޓީއެޗް ކްލިނިކުގައި ފެށުމަކީ އުނދަގޫ އަދި ދިގުމުއްދަތަކަށް ފަރުވާ ހޯދަންޖެހޭ ބަލިތަކަށް
ބޭނުންވާ ހާއްސަ ފަރުވާ މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާ އެކު ފޯރުކޮށްދިނުމަށް އެޅުނު މުހިންމު
ފިޔަވަޅެއް ކަމަށެވެ.

އެތެރެހަށީގެ
ބަލިތަކަށް ހާއްސަ ޑޮކްޓަރުންނަކީ ބޮޑެތި މީހުންނަށް ދިމާވާ ސިއްހީ މައްސަލަތައް
ދެނެގަނެ، އެކަންކަމުން ރައްކާތެރިވުމަށާއި އެކަށީގެންވާ ފަރުވާ ދިނުމަށް ހާއްސަ ޑޮކްޓަރުންނެވެ. މި ކްލިނިކުގައި އެތެރެހަށީގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރުންގެ ޓީމުގައި ހިމެނެނީ އިންޓާނަލް މެޑިސިންގެ ކޮންސަލްޓަންޓުން ކަމަށްވާ ޑރ. މަހްމޫދު އައްބާސް އާއި ޑރ. އަމިތު ނަރަޔާނާ ޕިއްލައިގެ އިތުރުން އިންޓަނަލް މެޑިސިންގެ ސްޕެޝަލިސްޓު ޑރ. މުހައްމަދު އަސަދު އުރު ރަހްމާން ހާން އެވެ. 

މާލޭގައި ހުންނަ ޓީޓީއެޗް ކްލިނިކުން މިހާރު ލިބެން ހުރި ފަރުވާތަކުގެ ތެރޭގައި  ލޭމައްޗަށް
ދިއުމާއި، ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަކުރުމަށް ދެވޭ ފަރުވާ އާއި ނޭވާ ހިއްލުމާއި ސީއޯޕީޑީ ފަދަ ނޭވާލާ ނިޒާމުގެ ބަލިތަކާއި ގޮހޮރާއި ފުރަމޭގެ ބަލިތައް ހިމެނެ އެވެ. އޭގެ އިތުރުން ބޮޑެތި މީހުންނަށް ކުރިމަތިވާ އެކި ސިއްހީ ބަލިތަކުގެ ފަރުވާ އާއި އެކި ބަލިތަކާއި ގުޅޭ އިތުރު މައުލޫމާތާއި އާއި ސެކަންޑް އޮޕީނިއަން ވެސް އެތަނުން ހޯދޭނެ އެވެ. 

ޓީޓީއެޗް ކްލިނިކުގައި އެތެރެހަށީގެ ޑޮކްޓަރުންގެ ކޮންސަލްޓޭޝަންތައް ކުރިއަށް ދާނީ ކޮންމެ އާދީއްތަ އަދި ބުދަ ދުވަހެއްގެ ހެނދުނު
10 އިން މެންދުރު 1 އަށެވެ. 

ޓީޓީއެޗް ކްލިނިކަކީ ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލުން ދޭ އެކި ފަރުވާތައް މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހައިން ފޯރުކޮށްދިނުމުގެ ގޮތުން ހުޅުވި ތަނެކެވެ.