17 ޖޫން 2016 - 08:03

އެންމެ ތުއްތު އުމުރުގައި ފުރަތަމަ ކާންދޭން ފެށީ ކޮން އެއްޗެއްތޯ ސުވާލުކޮށްފި ނަމަ ގިނަ މައިންބަފައިންގެ ޖަވާބަކަށް ވާނީ ރައިސް ސީރިއަލް އެވެ. ނުވަތަ ރައިސް ކޭކެވެ. ސަބަބަކީ މިއީ ކުޑަކުދިންގެ ސިއްހަތަށް ވަރަށް ފައިދާހުރި އެއްޗެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާތީ އެވެ.

ނަމަވެސް މިހާރުގެ ސައިންޓިފިކް ހޯދުންތަކުން ހާމަވަމުންދާ އެއް ހަގީގަތަކީ ބްރައުން ރައިސް އާއި ވައިޓް ރައިސް (ރަތް ހަނޑުލާއި ހުދު ހަނޑޫ) ގައި ބިރުގަންނަން ޖެހޭ މިންވަރަކަށް އިންއޯގަނިކް އާސެނިކް ހުންނަ ކަމެވެ. މިފަދަ ހަނޑުލުން ތައްޔާރުކޮށްފައި ހުންނަ ކާނާ ޅަފަތުގައި ދޭނަމަ އެކުދިންގެ ދިފާއީ ނިޒާމަށް ނުރަނގަޅު އަސަރުތައް ކޮށް އެކުދިންގެ ވިސްނުމުގެ ގާބިލްކަން ތަރައްގީވާ މިންވަރު ދަށްވުމުގެ ނުރައްކާ އޮންނަ ކަމެވެ.
ރަތް ނުވަތަ ހުދު ހަނޑުލުން ތައްޔާރުކުރާ ކާނާ ކާންދީފައިވާ ތުއްތު ކުދިންގެ ކުޑަކަމުދާ އެއްޗެހީގައި އާސެނިކް ހުންނަ މިންވަރު މިފަދަ ކާނާ ނުދޭ ކުދިންގެ ކުޑަކަމުދާ އެއްޗެހީގައި އާސެނިކްގެ އަސަރު ހުންނަ މިންވަރަށް ވުރެ ދެ ގުނަ އިތުރު ކަމަށް ޖާމާ ޕީޑިއެޓްރިކްސް އިން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވެ އެވެ.
ކުޑަކަމުދާ އެއްޗެހީގައި އާސެނިކް ލެވެލް އެންމެ މައްޗަށް ހުރީ ތުއްތު ކުދިންގެ ފުރަތަމަ ކެއުމަކަށް ހަނޑުލުގެ ބާވަތްތައް އާއްމުގޮތެއްގައި ނުވަތަ ދުވާލަކު އެތައް ފަހަރަކު ކާންދޭ ކުދިންގެ އެވެ.
އެޕްރީލް މަހު އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުށަހަޅާފައި ވަނީ ކުޑަކުދިންނަށް ކާންދޭން ތައްޔާރުކޮށްފައި ހުންނަ ރައިސް ސީރިއަލްގައި އާސެނިކް އެކުލެވޭ މިންވަރު ވަރަށް ބޮޑަށް ދަށްކުރުމަށެވެ. ނަމަވެސް މި ޕްރޮޕޯސަލް އަދިވެސް އޮތީ އާންމުގެ ޚިޔާލު ހޯދުމުގެ މަރުހަލާގަ އެވެ.
ޔޫރަޕިއަން ފުޑް ސޭފްޓީ އޮތޯރިޓީން މިހާރު ވަނީ އެ ސަރަހައްދުގެ ގައުމުތަކުގައި ވިއްކާ ހަނޑުލުގެ ބާވަތްތަކުގައި އާސެނިކް އެކުލެވޭ މިންވަރު ދަށްކުރުމަށް ފިޔަވަޅުތައް އަޅައިފަ އެވެ.
"އާސެނިކް އަކީ ކެންސަރު ޖައްސާ އެއްޗެއް. އަދި މިއީ ހިތާއި ސިކުނޑިއާ ގުޅިފައިވާ ނާރުތަކުގެ ނިޒާމަށާއި ދިފާއީ ނިޒާމަށް އަދި އެނޫން ވެސް ބަލިތައް ޖެހުމަށް މަގުފަހިވާ އެއްޗެއް،" ޑާތުމައުތު ކޮލެޖުގައި އެޕިޑިއޮމޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތްކުރައްވާ މާގަރެޓް ކަރަގަސް ވިދާޅުވި އެވެ.
މާގްރެޓް ގެންދަނީ ޓޮކްސިކް މެޓަލްސް އިން ކުރާ ނޭދެވޭ އަސަރުތަކާ ބެހޭ ގޮތުން ވެސް ދިރާސާ ކުރަމުންނެވެ.
"ކުޑަކުދިންގެ ހަށިގަނޑަށް އާސެނިކްގެ އަސަރުގެ ކުޑަ މިންވަރެއް ކުރި ނަމަވެސް ގެއްލުން ލިބޭކަމުގެ ހެކިތައް ލިބިފައިވޭ،" މާގްރެޓް ވިދާޅުވި އެވެ.
މީގެ ކުރިން 2014ގައި ކޮށްފައިވާ މި ފަދަ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި އާސެނިކްގެ އަސަރު ތުއްތުކުދިންގެ ހަށިގަނޑު ކުޑަ މިންވަރަކަށް ކުރިޔަސް އެކުދިންގެ ނާރުތަކުގެ އުފެދުމަށް ނޭދެވޭ އަސަރު ކުރެ އެވެ.
މިފަދަ ދިރާސާއެއް 2004 ގައި ބަންގްލަދޭޝްގައި ވެސް ކޮށްފައިވެ އެވެ. މި ދިރާސާގައި ބަލާފައި ވަނީ އާސެނިކް އެކުލެވޭ ފެން ބޮއިފައިވާ ކުޑަކުދިން ތަކެއްގެ ހާލަތެވެ. މި ކުދިންތައް ޓެސްޓްކުރުމުން ހާމަވެފައިވަނީ އެކުދިންގެ ވިސްނުމުގެ ގާބިލްކަން ހުރީ ވަރަށް ދަށުގައި ކަމެވެ.
އުމުރުން ފަސް އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންތަކެއްގެ ކުޑަކަމުދާ އެއްޗެހި ޓެސްޓްކޮށްގެން ބެލި ބެލުންތަކުން އެނގުނީ އެކުދިންގެ ކުޑަކަމުދާ އެއްޗެހީގައި އާސެނިކް ލެވެލް ހުންނަލެއް މަތިވާ ވަރަކަށް ވިސްނުމުގެ ގާބިލްކަން ޓެސްޓްކުރާ އައިކިއު ޓެސްޓުން ކުދިންނަށް ލިބުނު މާކްސް ދަށްވާ ކަމެވެ.
އަދި އާސެނިކް ލެވެލް މަތިވުމުން ކުދިންގެ ދިފާއީ ނިޒާމަށް ވެސް ބޮޑެތި ގެއްލުންތައް ލިބި ބަދަލުތައް އައިސްފައިވާކަން އެހެން ބައެއް ދިރާސާތަކުން ވެސް ދައްކާފައި ވެއެވެ.
މާބަނޑު ދުވަސްވަރު ހަނޑޫ ކެއުމުން، ބަނޑުގައި އޮންނަ ދަރިފުޅަށް އޭގެ އަސަރު ކުރާ ގޮތް ދެނެގަތުމަށް ވެސް 2013 ގައި ދިރާސާއެއް ހަދާފައިވެ އެވެ. މި ދިރާސާއިން ދެއްކި ގޮތުގައި ބަނޑުގައި ކުއްޖާ އޮންނަ ދުވަސްވަރު އާސެނެކްގެ އަސަރު ވަރަށް ކުޑަ މިންވަރަށް ކުރިޔަސް އެ ކުއްޖާގެ އުމުރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި އެ ކުއްޖާގެ ނޭވާލުމުގެ ނިޒާމަށް މައްސަލަތައް ދިމާވެ އެވެ. އަދި އާސެނިކްގެ އަސަރު މާ މައްޗަށް ކޮށްފައި ތިބޭ ކުދިން މާބޮޑަށް ބަލިވެ ގިނަ ފަހަރަށް އެންޓިބައޮޓިކްސް އިން ފަރުވާ ދޭން ޖެހޭ ކަމަށް ވެސް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
އާސެނިކް އަކީ ވެއްޔާއި ފެން އަދި ވައިގައި ގުދުރަތީ ގޮތުން ހުންނަ އެއްޗެކެވެ. އަދި މީގެ އިންއޯގަނިކް ވައްތަރަކީ އެންމެ ވިހަބައި ގިނަ ވައްތަރެވެ. އިންއޯގަނިކް އަކީ ކެމިކަލް އަކަށް ބޭނުންކުރާ ޓާމެކެވެ. އަދި ދަނޑުވެރިކަން ވަކި ގޮތަކަށް ކުރުމާ މިކަމަކާ ގުޅުމެއް ނެތެވެ.
ހަނޑުލަކީ ޗަކަފެންގަނޑުތެރޭގައި ހެދޭ އެއްޗަކަށްވާތީ އިންއޯގަނިކް އާސެނިކް ފަސޭހައިން މީގެ ތެރެއަށް އޮބިގެން ދާގޮތް ދިމާވެ އެވެ. ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން ބުނާ ގޮތުގައި އެއްވެސް ކާނާއަކަށް އާސެނިކް ނުވަންނަ މިންވަރަކަށް ހަނޑުލުގެ ތެރެއަށް ވަދެ އެވެ. ހުރިހާ ހަނޑުލެއްގެ ތެރެއިން ވެސް ބްރައުން ރައިސް އާއި ހުދު ހަނޑުލަކީ އެންމެ ގިނައިން އާސެނިކް އެކުލެވޭ ހަނޑުލެވެ. ސަބަބަކީ ހަނޑޫ ފުށްތަކުގެ ބޭރު ތޮށި ނެއްޓުމަށް ކުރާ މަސައްކަތުގެ ތެރެއިން އާސެނިކްގެ އަސަރު މާބޮޑަށް ހަނޑޫފުށްތަކަށް ކޮށްފައި ހުންނާތީ އެވެ.
އެމެރިކަން އެކަޑަމީ އޮފް ޕީޑިއެޓްރިކްސްގައި މަސައްކަތްކުރައްވާ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއްކަމަށްވާ ތަންޔާ އޯލްޓްމަން ވިދާޅުވަނީ ހުދު ހަނޑޫ، ކުޑަކުދިންނަށް ދިނުން މުޅިން ހުއްޓާލުން ރަނގަޅުކަމަށެވެ. އޭގެ ބަދަލުގައި އޯޓްސް، ބާރްލީ، ގޮދަން ނުވަތަ ކީނުވާ ފަދަ ތަކެތި ދޭން އާދަކުރުމަށެވެ.
"ތުއްތު ކުދިންނަށް ފުރަތަމަ ކާންދޭން އެންމެ ރަނގަޅީ އެވަކާޑޯ އާއި ތަރުކާރީ މަޑުކޮށްލާފައި ޗަސްކޮށްގެން ތައްޔާރުކުރާ ޕިއުރީ، ޕީނަޓްބަޓާ-އޯޓްމީލް އަދި ސާމަން ފަދަ ތަކެތި،" އޭނާ ވިދާޅުވި އެވެ.
މި ތަކެތިން ކުދިންނަށް ބޭނުންވާ މުހިއްމު ނިއުޓްރިއަންޓްސް ލިބުމުގެ އިތުރުން އެކުދިންގެ އަނގައިގައި އުފެދޭ ޓޭސްޓް ބަޑްތައް މިފަދަ ކާނާއަށް އާދަވާނެ އެވެ. އަދި ތުއްތު ކުދިންނަށް ދިމާވާ އެލާޖީ މައްސަލަތަކާ ވެސް ދުރުވާނެ އެވެ.
ޑޮކްޓަރު އިތުރަށް ވިދާޅުވީ އެއްގަމު މަހުގެ ބާވަތްތަކަކީ އަޔަން އާއި ޒިންކް ފަދަ މާއްދަތައް ލިއްބައިދޭ ކާނާއަށް ވާތީ ރައިސް ސީރިއަލް ދިނުމުގެ ބަދަލުގައި އެއްގަމު މަސް ދިނުން މާ ރަނގަޅު ކަމަށެވެ. އަދި ކޮންމެހެން ހަނޑުލުގެ ބާވަތް ދޭން ބޭނުންވާ މީހުންވެސް ހުދު ހަނޑުލުގެ ބަދަލުގައި ބްރައުން ރައިސް ދިނުމަށް ވެސް އޭނާ އިރުޝާދު ދެއްވި އެވެ.