މިއަހަރުގެ ފުރަތަމަ ކުއާޓާގައި 113.5 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބުނެފި އެވެ. 

އެ ބެންކުން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓާއާ އަޅާބަލާއިރު 18.12 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެމްއައިބީގެ މިއަހަރުގެ ފުރަތަމަ ކުއާޓާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓާގައި ބޭންކުގެ އެސެޓް ވަނީ ކުރީ ކުއާޓާއާ އަޅާ ބަލާއިރު 11 ޕަސެންޓަށް ވުރެ ބޮޑަށް ކުރިއަރައިފަ އެވެ. މިގޮތުން، މި އަހަރުގެ ފުރަތަމަ
ކުއާޓާގައި އެމްއައިބީގެ ޖުމްލަ އެސެޓް ވެލިއު ވަނީ 18.50 ބިލިއަން ރުފިޔާއަށް
މަތިވެފަ އެވެ. މި އަދަދު މިދިޔަ އަހަރުގެ ފަހު ކުއާޓާއާގައި ހުރީ 16.65 ބިލިއަން
ރުފިޔާގަ އެވެ. މިއީ 1.85 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެމްއައިބީގެ 2026 ވަނަ
އަހަރުގެ ފުރަތަމަ ކުއާޓާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ކުއާޓާގައި
ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައި ވަނީ 163 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ
ކުރީ ކުއާޓާއާ އަޅާ ބަލާއިރު 47 މިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ. އަދި މި
އަހަރުގެ ފުރަތަމަ ކުއާޓާގައި ޑިޕޮސިޓްގެ ގޮތުގައި ޖުމްލަ 15.40 ބިލިއަން ރުފިޔާ
ލިބިފައިވާ އިރު، މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓާއާ އަޅާ ބަލާއިރު 1.76 ބިލިއަން
ރުފިޔާގެ އިތުރު އަދަދެކެވެ. އަދި މިއީ 12 ޕަސެންޓަށް ވުރެ ބޮޑު ކުރިއެރުމެކެވެ. 

އެމްއައިބީން
ބުނީ އެއް ދުވަހުން އަނެއް ދުވަހަށް، އެ ބޭންކަށް ކަސްޓަމަރުން ފައިސާ ޑިޕޮސިޓްކުރާ
މިންވަރު އިތުރުވެގެންދިޔުމަކީ ބޭންކަށް ކުރާ އިތުބާރާއި ޔަގީންކަން ބޮޑުވަމުންދާކަން ހާމަވާ ކަމެއް ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާ އާއި
މިއަހަރުގެ ފުރަތަމަ ކުއާޓާއާ ދެމެދު ވެސް 5 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު
ކުރިއެރުމެއް ލިބިފައިވާކަން އެ ބެންކުން ފާހަގަކުރެ އެވެ. އެ ބޭންކުން ބުނީ މަސައްކަތް ކުރަނީ
ކަސްޓަމަރުންގެ އިތުބާރު ލިބޭނެ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ. 

އެމްއައިބީން މިދިޔަ
ކުއާޓާގައި، މުޖުތަމައުއަށް ފައިދާކުރަނިވި އެކި މަސައްކަތްތައް ވެސް ވަނީ ކޮށްފަ
އެވެ. އެގޮތުން  ސްޓެމް ހަބް ޕްރޮޖެކްޓާއި، އަލްލައިލް އެކަޑަމީ ގުރުއާން މުބާރާތާއި،
އެމްއައިބީ ފަރުގެ ދަށުން ކުރިއަށްގެންދާ މުރަކަ އާލާކުރުމުގެ ޕްރޮގްރާމަށް ވެސް
އެ ބޭންކުން ވަނީ އެހީތެރިވެދީފަ އެވެ.

އެމްއައިބީ އަކީ އޮންލައިންކޮށް ވެސް ގިނަ ހިދުމަތްތަކެއް ދޭ ބެންކެކެވެ.