ދަރިފުޅު ސްކޫލަށް ނުފޮނުވާ ވަރަށް ބަލިތަ؟
ދަރިފުޅު ސްކޫލަށް ނުފޮނުވާ ވަރަށް ބަލިތަ؟

ކުޑަކޮށް ރޯގާ ޖެހި ނުވަތަ ހުމުގެ އަސަރެއް ހުއްޓަސް ބައެއް މީހުން އެ މީހުންގެ ދަރިން ސްކޫލަކަށް ނުފޮނުވަ އެވެ. އަނެއް ބަޔަކު މީގެ އިދިކޮޅެވެ. ހަގީގަތުގައި މިއީ، ބެލެނިވެރިންނަށް ގޮތެއް ނިންމަން އެހާ ފަސޭހަ ކަމަކަށް އޮންނަނީ ނުވެފަ އެވެ. މިއީ ސައުތު ޗައިނާ މޯނިން ޕޯސްޓްގައި ޝާއިއުކޮށްފައިވާ ލިޔުމެއްގެ ޚުލާސާއެކެވެ.

ދަރިފުޅުގެ ސިއްހަތު ހުރީ ސްކޫލަށް ފޮނުވަން އެކަށީގެންވާ މިންވަރެއްގައިތޯ ކަނޑައެޅުމުގައި އެކި މީހުން ދެކޭނީ އެކި ގޮތަށެވެ. އެމެރިކާގައި، ޔުނިވަސިޓީ އޮފް މިޝިގަން އިން ކުރި ދިރާސާއަކަށް ފަހު ބުނެފައި ވަނީ ދަރިފުޅު ބަލި ކަމަށް ކަނޑައަޅާ މިންގަނޑު އެކި މީހުން ގެންގުޅެނީ އެކި ގޮތަށެވެ. އަދި ސްކޫލަށް ނުގޮސްގެން ގެއްލޭ ފިލާވަޅުތަކުގެ މުހިންމުކަން ވަޒަންކުރުމުގައި ވެސް ދެކޭ ގޮތް ވަރަށް ތަފާތެވެ.

މި ދިރާސާގައި 1442 މީހުން ބައިވެރިކޮށްފައި ވާއިރު، ދަރިން ސްކޫލަށް ނުފޮނުވާނީ ކޮން ކަންކަމަކާ ގުޅިގެންތޯ އަހާފައިވެ އެވެ. އޭގެ ތެރެއިން 80 ޕަސެންޓް މީހުން ބުނެފައި ވަނީ ބޭރަށް ހިންގާ ނަމަ ސްކޫލަށް ނުފޮނުވާނެ ކަމަށެވެ. އަދި 58 ޕަސެންޓް މީހުން ބުނީ ހޮޑުލާ ނަމަ ސްކޫލަށް ނުފޮނުވާނެ ކަމަށެވެ. އަދި ދަރިފުޅު ހަރަކާތްތެރިކޮށް އުޅުނު ކަމުގައި ވިޔަސް ކުޑަކޮށް ހުން ހުއްޓަސް ސްކޫލަށް ނުފޮނުވާނެ ކަމަށް 49 ޕަސެންޓް މީހުން ބުންޏެވެ.

ލޯ ރަތްވެ ފެން އަޔަސް، ހުންނަ ނާންނަ ނަމަ ސްކޫލަށް ފޮނުވާނެ ކަމަށް 16 ޕަސެންޓް މީހުން ބުނެފައިވެ އެވެ. ނޭފަތުން ފެން އައިސް ކުޑަކޮށް ހުން ހުއްޓަސް ސްކޫލަށް ފޮނުވާނެ ކަމަށް 12 ޕަސެންޓް މީހުން ބުންޏެވެ.

- ނޭފަތުން ފެން/އަރިދަފުސް އައި ނަމަވެސް ކުޅެ މަޖާކުރުމުގައި ހަރަކާތްތެރިކޮށް އުޅޭ ނަމަ ދަރިފުޅު ސްކޫލަށް ފޮނުވުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު އިތުރު ޓިޝޫ ފަދަ ތަކެތި ދޭންވާނެ އެވެ. ނަމަވެސް ކެއުމާ ދުރުވުމާއި މޫޑު ގޯސްވުމާއި ނޭވާލާން އުނދަގޫވުން ފަދަ ކަމެއް ހުރި ނަމަ ސްކޫލަށް ނުފޮނުވައި، ޑޮކްޓަރަށް ދައްކާށެވެ.

- ކުޑަކޮށް ހުން ހުއްޓަސް އެއީ މައްސަލައެއް ނޫނެވެ. އެކަމަކު ހުން ހުންނަތާ ތިން ދުވަސް ވެއްޖެ ނަމަ އަދި ހަރަކާތްތެރިކަން ކުޑަވެ ހޮޑުލެވުން ފަދަ ކަންކަން ދިމާވާ ނަމަ ސްކޫލަށް ނުފޮނުވާށެވެ. އަދި ޑޮކްޓަރަށް ދައްކާށެވެ.

- ބޭރަށް ހިންގުމަކީ ވައިރަހެއްގެ ސަބަބުން ދިމާވާ ކަމަކަށް ވެދާނެ އެވެ. ކާނާ ވިހަވެގެން ނުވަތަ އެހެން ކަމެއްގެ ސަބަބުން ދިމާވާ ކަމަކަށް ވެސް ވެދާނެ އެވެ. ބޭރަށް ހިންގާ ނަމަ ސްކޫލަށް ނުފޮނުވާށެވެ.