12 އެޕްރީލް 2017 - 10:55

ޑޯޓްމަންޑް (އޭޕްރިލް 12) – ޗެމްޕިއަންސް ލީގުގައި ރޭ މޮނާކޯއާ ދެކޮޅަށް ކުޅެން ސްޓޭޑިއަމަށް ދިއުމަށް ބޮރޫޝިއާ ޑޯޓްމަންޑުގެ ކުޅުންތެރިން ދަތުރުކުރަމުން ދިޔަ ބަހަށް އަމާޒުވި އެއްޗެއް ގޮވުމުގެ ހާދިސާގައި އަނިޔާވި ޑޯޓްމަންޑުގެ ޑިފެންޑަރު މާކް ބަޓްރާގެ އޮޕަރޭޝަނެއްކޮށްފި އެވެ.
ބަޓްރާގެ އަތްތިލައިގެ ކަށިކޮޅެއް ބިނދިފައިވާއިރު ބުރައިގެން ދިޔަ އެތިކޮޅުތަކެއް އަތަށް ވަނީ ވަދެފަ އެވެ. ބާސެލޯނާ އިން މިދިޔަ ސީޒަނުގައި ޑޯޓްމަންޑަށް ބަދަލުވި ބަޓްރާ ފިޔަވައި އެހެން ކުޅުންތެރިޔަކަށް ހާނިއްކައެއް ނުވެ އެވެ.
ޑޯޓްމަންޑުގެ ސީނިއާ އޮފިޝަލަކު ވިދާޅުވީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ތިބީ ޝޮކެެއްގައި ކަމަށާއި އެކަމަކު މިރޭގެ މެޗަށް އެ ހުރިހާ ކަމެއް ސިކުނޑިން އެއް ފަރާތްކުރާނެ ކަމަށެވެ.
ޓީމް ހޮޓަލުން ކުޅުންތެރިން ނަގައިގެން ސްޓޭޑިއަމަށް ބަސް ދަތުރުކުރަނިކޮށް ހި މި ހާދިސާގައި ތިން ގޮވުމެއް ވަނީ ގޮވައިފަ އެވެ. ގޮއްވާލަން ބޭނުންކުރި އާލާތްތައް ހުރީ މަގުގެ އެއްކައިރީގައި ހުރި ގަސްތަކުގެ ތެރޭގަ އެވެ. މި ހަމަލާގެ މަގުސަދު އަދި މިއީ ކޮން ބަޔަކު ކުރިކަމެއްކަން އަދި ސާފެއް ނުވެ އެވެ. ހާދިސާ ހިނގި ސަރަހައްދުން ސިޓީއެއް ފެނިފައިވާއިރު އޭގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.
ރޭގެ ހާދިސާއާ ގުޅިގެން، ޑޯޓްމަންޑާއި މޮނާކޯ ކުޅެން އޮތް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗު ވަނީ މިރޭ ކުޅޭ ގޮތަށް ބަދަލުކޮށްފަ އެވެ.