ކުޅިވަރު އެސޯސިއޭޝަންތައް ހިންގުމުގައި ޓީޗަރުން ގުރުބާންކުރަމުންދާ ކަމަށް ބުނެ ޓީޗަރުންގެ ޖަމްއިއްޔާ، ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މި މަހުގެ ފުރަތަމަ ދުވަހު ފާހަގަކުރި މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން އެ ޖަމްއިއްޔާއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ކިޔެވުމާ ނުގުޅޭ ކަންކަމުގައި ޓީޗަރުން ބޭނުން ނުކުރުމަށް ގޮވާލައިފަ އެވެ.
އެކަމުގެ ކަންބޮޑުން ފާޅުކޮށް އިއްޔެ އެ ޖަމްއިއްޔާއިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރުހުނަސް އަދި ނުރުހުނަސް، ކުޅިވަރު އެސޯސިއޭޝަންތައް ހިންގުމުގެ ބުރަ އުފުލަން ޖެހިފައިވަނީ ޓީޗަރުންނަށް ކަމަށެވެ.
އެގޮތުން ހަތް ކަމެއް ފާހަގަ ކޮށްފައިވެ އެވެ. އެއީ
ކުދިން ގޮވައިގެން އެތަނުގައި ތިބެނީ ޓީޗަރުން
- ދަނޑަށް ދަނީ ޓީޗަރުން
- ޕްރެކްޓިސް ޑިއުޓީ އަދާކުރަނީ ޓީޗަރުން
- މުބާރާތްތަކަށް ތައްޔާރުވާން އެތައް މަހެއް ނަގާ
- އެކަންކަމަށް ޓީޗަރުން ވަގުތު ހޭދަކުރުމަށް ވުރެ އުނގަންނައިދިނުމުގެ ކަންކަން ޓީޗަރުން ލައްވައި ކުރުވާނަމަ ދަރިވަރުންނަށާއި ގައުމަށް ލިބޭ ފައިދާ ބޮޑުވާނެ
- އިންޓަ ސްކޫލު މުބާރާތްތައް ސްކޫލްތަކުގެ ހަތަރު ފާރުން ބޭރަށް ނެރުން
ކުޅިވަރު އެސޯސިއޭޝަންތައް ހިންގަން ޓީޗަރުން ބޭނުންކުރާ ކަމުގެ ކަންބޮޑުވުން އަބަދުވެސް އޮވެ އެވެ. އަދި ޓީޗަރުންނަށް އެކަމުގެ އުނދަގޫވާ ކަމުގެ ކަންބޮޑުވުމާއި ހުސް ވަގުތެއް ނުލިބި އުޅެން ޖެހޭ ކަމުގެ ކަންބޮޑުވުން އޮވެ އެވެ.
ޓީޗަރުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން މިނިސްޓްރީން މިއަހަރު ވަނީ ސްކޫލުތަކުގެ މެދުގައި ބާއްވާ އިންޓަ ސްކޫލު ކުޅިވަރު މުބާރާތުގެ ނަން ބަދަލުކޮށް، އެ މުބާރާތުގައި ބައިވެރިވެެވޭ އެންމެ ދަށް އުމުރަކީ 14 އަހަރު ކަމަށް ވެސް ބަދަލުކޮށްފަ އެވެ. އަދި އިންޓަ ސްކޫލް މުބާރާތުގެ ނަން ބަދަލުކޮށްފައިވަނީ "ރާއްޖެ ޖޫނިއާ ޗެމްޕިއަންޝިޕް" ގެ ނަމަށެވެ.