ނަޝީދުގެ މައިބަދައަށް ކުއްލިއަކަށް ފަރުވާ ލިބުނު ގޮތެއް ހޯދަން ޖެހޭ: ނިހާން
ނަޝީދުގެ މައިބަދައަށް ކުއްލިއަކަށް ފަރުވާ ލިބުނު ގޮތެއް ހޯދަން ޖެހޭ: ނިހާން

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވުމާ އެކު އެމަނިކުފާނުގެ މައިބަދަ އަށް ކުއްލިއަކަށް ފަރުވާ ލިބިވަޑައިގަތް ގޮތެއް ހޯދަން ޖެހޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ރޭ ފާޑުވިދާޅުވެއްޖެ އެވެ.

ނަޝީދުގެ މައިބަދައަށް ކުއްލިއަކަށް ފަރުވާ ލިބުނު ގޮތެއް ހޯދަން ޖެހޭ: ނިހާން
ނަޝީދުގެ މައިބަދައަށް ކުއްލިއަކަށް ފަރުވާ ލިބުނު ގޮތެއް ހޯދަން ޖެހޭ: ނިހާން

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ނަޝީދު މިދިޔަ ޖެނުއަރީ މަހު އިނގިރޭސިވިލާތަށް ވަޑައިގަތީ މައިބަދައިގެ އޮޕަރޭޝަނެއް ކުރައްވަން ޑޮކްޓަރުން ލަފާ ދެއްވުމުންނެވެ. އެމަނިކުފާނު އެ ގައުމަށް ވަޑައިގެންނެވިތާ ފަސް މަސް ފަހުން މިހާރު ވަނީ އެ ގައުމުގެ ހިމާޔަތް ހޯއްދަވައިފަ އެވެ.

އިނގިރޭސިވިލާތުގައި ހުންނަވައި ސަރުކާރާ ދެކޮޅަށް ސިޔާސީ ހަރަކާތްތައް ހިންގަވާތީ އެކަމަށް ފާޑުވިދާޅުވެ ދި ޓީވީގެ "ހަބަރު ތެރެއިން" ޕްރޮގްރާމްގައި ނިހާން ވިދާޅުވީ ސަރުކާރުން ނަޝީދު ބޭރަށް ފޮނުވީ ބޭސްފަރުވާ އަށް ކަމަށެވެ. އެކަމަކު އޭގެ ތަފްސީލެއް ސަރުކާރަށް ނުދެއްވާއިރު، އެމަނިކުފާނުގެ އަމަލުފުޅުތައް ހުރި ގޮތުން ފެންނަނީ އެހެން މަންޒަރުތަކެއް ކަމަށް ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނަޝީދު މައިބަދައަށް ފަރުވާ ހޯއްދަވަން ވަޑައިގެންނެވި ވާހަކަ ދުނިޔޭގެ ނޫސްތަކުގެ ފަލަ ސުރުހީ އަށް އެރުވި އެވެ. އެކަމަކު އިނގިރޭސިވިލާތަށް ވަޑައިގެން އޮޕަރޭޝަން ކުރެއްވި ވާހަކައެއް ނޫސްތަކުން ނުފެންނަ ކަމަށާއި އޭގެ ބަދަލުގައި ފެންނަނީ ސަރުކާރާ ދެކޮޅަށް ހަރަކާތްތަކެއް ހިންގަމުންދާ ތަން ކަމަށް ވިދާޅުވި އެވެ.

"އެމަނިކުފާނު ރަނގަޅުވީ ގޮތެއް ވެސް ހޯދަން ޖެހޭ. ކޮން ޑޮކްޓަރެއްތޯ މި ބޭފުޅަކަށް ފަރުވާ ކުރެއްވީ، އެއީ އަނެއްކާ ޑރ. ޖަމީލް ނޫންބާއޭ؟،" ނަޝީދުގެ ފަރުވާ އަށް ފާޑުވިދާޅުވެ، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލަށް ވެސް އިޝާރަތްކުރައްވާ، ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނަޝީދު ފަރުވާ ފުރިހަމަކޮށްފައިވާ ނަމަ އެކަން ސަރުކާރަށް އަންގަން ޖެހެ އެވެ. އެއީ، އިއްތިހާދުގެ ހިޔަނި ކެބިނެޓްގެ ވާހަކަ އަށް ވުރެ ވެސް މުހިއްމު ވާހަކައެއް ކަމަށް ނިހާން ވިދާޅުވި އެވެ. ކުރީގެ ރައީސުންނަށް ހާއްސަ އިނާޔަތާއި ރައްކާތެރިކަން ކަނޑައެޅުމަކީ މަޖިލީހުން ކުރާ ކަމަަކަށް ވާއިރު، އެއީ ސާފުވާން ޖެހޭ މައުލޫމާތުތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.

"މައިބަދަ ރަނގަޅުވެ، ހޭ ފެސްޓިވަލްގައި ބައިވެރިވެ މި ގޮނޑި ދުއްވަން ޖެހުނީ ކިހިނެއް ވެގެންތޯ؟ އޭރުން ސައިންޓިފިކް ކޮންމެވެސް ޖާނަލްއެއްގައި ވެސް އެ ވާހަކަ ލިޔެވޭނެ، ދިރާސާކޮށްފައި،" ނިހާން ވިދާޅުވި އެވެ.

ނަޝީދުގެ ފަރުވާއާ ބެހޭ މައުލޫމާތު އާއްމުނުކުރައްވާ ކަމަށް ނިހާން ފާޑުވިދާޅުވިއިރު، އިނގިރޭސިވިލާތުގެ ޑޮކްޓަރުންގެ ލަފާގެ މަތިން އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށް ނަޝީދުގެ ރަސްމީ ވެބްސައިޓުގައި ލިއެފައިވެ އެވެ. އަދި ފަރުވާގެ ތެރެއިން މިދިޔަ މަހުގެ 19 ގައި ހޭނައްތައިގެން މެޑިކަލް ޕްރޮސީޖައެއް ހެއްދެވި ކަމަށް ވެސް ވެބްސައިޓުގައިވެ އެވެ.

ފަރުވާ އަށް ފަހު ރާއްޖެ ވަޑައިނުގަންނަވާ ސަބަބާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވެފައި ވަނީ، ރާއްޖޭގެ ހާލަތު އޮތް ގޮތުން "މިވަގުތަށް އެންމެ ރަނގަޅީ" އިނގިރޭސިވިލާތުގައި ހުންނަވައިގެން އިސްލާހަށް މަސައްކަތް ކުރެއްވުން ކަމަށެވެ.