މައްކާ ހިމެނޭ ސަރަހައްދަށް ވެލީގެ ތޫފާނެއް އަރައިފި
މައްކާ ހިމެނޭ ސަރަހައްދަށް ވެލީގެ ތޫފާނެއް އަރައިފި

ޖިއްދާ (އެޕްރީލް 12) - ސައުދީ އަރަބިއާގެ މައްކާ އާއި ޖިއްދާ ހިމެނޭ ސަރަހައްދަށް ވެލީގެ ތޫފާނެއް އިއްޔެ އަރައިފި އެވެ.

ވެލީގެ ތޫފާނާ ގުޅިގެން ދުރު ފެންނަ ހިސާބު ވަނީ ކިލޯ މީޓަރަކަށް ވުރެ ވެސް ދަށްވެފަ އެވެ. އަދި ސައިކަލް ދުއްވާ މީހުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އިރު ގިނަ ސްކޫލްތައް ވެސް މިއަދު ވަނީ ބަންދުކޮށްފަ އެވެ.

މައްކާ ހިމެނޭ ސަރަހައްދަށް އިއްޔެ އިން ފެށިގެން ވައިޖެހެމުންދަނީ ގަޑިއަކު 55 ކިލޯ މީޓަރުގެ ބާރުގަ އެވެ. ޖެނެރަލް އޮތޯރިޓީ އޮފް މީޓިއޮރޮލޮޖީ އެންޑް އެންވަޔަރްމެންޓަލް ޕްރޮޓެކްޝަންގެ ތަރުޖަމާނަކު ވިދާޅުވީ ވެލީގެ ތޫފާން މިއަދު ވެސް ކުރިއަށްދާނެ ކަމަށާއި މާދަމާގެ ހަވީރާ ހަމައަށް މޫސުން ގޯސްވާނެ ކަމަށެވެ. ޖެނެރަލް އޮތޯރިޓީން ބުނީ ވެލީގެ ތޫފާނުގެ ސަބަބުން މޫސުން ބޮޑަށް ގޯސްވާނީ މައްކާ އާއި ރިޔާޒް، ގައްސިމް އަދި އީސްޓަން ޕްރޮވިންސަށް ކަމަށެވެ. މި ސަރަހައްދުތަކުގެ ފިނިހޫނުމިން މައްޗަށް ދާނެ ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން ތަބޫކް، މަދީނާ، އަލް ޖޫފް، ހައިލް އަދި ނޮދަން ބޯޑާ ޕްރޮވިންސަށް ވެލީގެ ތޫފާނާ އެކު ވާރޭ ވެހޭނެ ކަމަށް ވެސް އޮތޯރިޓީން ލަފާކޮށްފައިވެ އެވެ.

ވައި ގަދަވުމާއި ދުރު ފެންނަ ހިސާބު ދަށްވުމުން ޖިއްދާގެ އިސްލާމިކް ބަނދަރުގެ ބައެއް އުޅަނދުތައް ވެސް ވަނީ ހުއްޓުވައިފަ އެވެ. ސައުދީ އަށް ކަނޑު މަގުން މައިގަނޑު ގޮތެއްގައި މުދާ އެތެރެ ކުރާ ޖިއްދާ ބަނދަރުގެ މަސައްކަތް ހުއްޓާލުމުން ޓްރަކްތަކުގެ ދަތުރުތައް ވެސް ވަނީ ހުއްޓިފަ އެވެ. ޖިއްދާ ބަނދަރުން ސައުދީގެ އެކި ހިސާބުތަކަށް ދުވާލަކު 700 ޓްރަކުގެ މުދާ އުފުލަ އެވެ.