ދިވެހިން އާންމުކޮށް ވިޔަފާރިކުރާ، ބޭރުގެ ބައެއް އީކޮމާސް ސައިޓުތަކުން މަހަކު ކުރެވޭ މުއާމަލާތްތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މިއަދު ލިމިޓުކޮށްފި އެވެ.
ބީއެމްއެލްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ވިޔަފާރީގެ ބޭނުމަށް ބައެއް ފަރާތްތަކުން ވަރަށްގިނަ އަދަދަކަށް، އަމިއްލަ ބޭނުމަށް ދޫކުރެވިފައިވާ ރުފިޔާ ކާޑުތަކުން ބައެއް އޮންލައިން ވިޔަފާރި ސައިޓްތަކުން މުދާގަންނަން ބޭނުންކުރާ ކަމަށެވެ.
"އެހެންކަމުން ބޭންކުން ވަރަށްގިނަ އަދަދަކަށް ބޭރު ފައިސާ މިކަމަށް ވިއްކެނީ ނިސްބަތުން މަދުފަރާތްތަކަށް،" ޝަރީފް ވިދާޅުވި އެވެ.
އެފަދަ ސައިޓުތަކަށް ޑޮލަރުން ކުރާ ހޭދަ ބޮޑުވެގެން، ބީއެމްއެލްއިން މީގެ ކުރިން ވަނީ، ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން ވިޔަފާރިކުރާ ނަމަ ކޮންމެ ޓްރާންސެކްޝަނަކަށް 30 ޕަސެންޓުގެ ފީއެއް ނަގަން ނިންމައިފަ އެވެ.
ޝަރީފް ވިދާޅުވީ، ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާ ގިނަ ރައްޔިތުންގެ ބޭނުންތަކަށް ވިއްކުމުގެ ބޭނުމުގައި، މި ސައިޓްތަކުން ވިޔަފާރި ކުރުމަށް ޖުމްލަ ބީއެމްއެލްއިން ވިއްކާ އަދަދު ކޮންމެ ދުވަހަކަށް ކަޑައެޅޭ ބަޖެޓެއްގެ ތެރެއިން ވިއްކުމަށް ނިންމާފައިވާ ކަމަށެވެ.
"އެހެންކަމުން އީކޮމާސް އަށް ކަނޑައެޅޭ ބަޖެޓް ވީހާވެސް ހަމަހަމަ ގޮތަކަށް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށް، ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ އަދަދު 30 އަށް ވަނީ ކަނޑައެޅިފައި،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އެހެނިހެން ބޭނުންތަކަށް ބޭނުންކުރެވޭ ސައިޓްތަކަށް މިވަގުތު ބަދަލު ނުގެނެސް މިހާރުވެސް ބޭނުން ކުރެވޭވަރުގައި ބެހެއްޓޭނެކަމަށް ޝަރީފް ވިދާޅުވި އެވެ.
މީގެއިތުރުން، ރާއްޖޭން ބޭރުގައި ޕީއޯއެސް އަދި އޭޓީއެމް ތަކުގައި ބޭނުންކުރެވޭ ފޮރިން ސްޕެންޑް ލިމިޓް، ހަމަ އެކަނި ރާއްޖޭން ބޭރުގައި ތިބޭއިރު އެކްޓިވް ވާގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
"މިހެންކަމުން ރާއްޖޭގައި ތިއްބަވާ ބޭފުޅުންގެ ކާޑު ކާޑުގެ ވެރިފަރާތާއި ނުލައި] ރާއްޖޭން ބޭރަށް ގެންގޮސްގެން ބޭނުން ނުކުރެވޭގޮތް ހަމަޖެހިގެންދާނެ،" ޝަރީފް ވިދާޅުވި އެވެ.