ދުނިޔޭގެ ވެކްސިން ހަފްތާ، 'އިމިއުނައިޒޭޝަން
ވީކް' ފާހަގަކުރުމުގެ ގޮތުން، ވެކްސިންގެ
މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން
'ކޮންޓިނިއުއިންގް މެޑިކަލް އެޑިޔުކޭޝަން' (ސީއެމްއީ) ސެޝަނެއް ބާއްވައިފި އެވެ.
ޓްރީ ޓޮޕުން ބުނީ އެ ސެޝަންގެ މައިގަނޑު މަގުސަދަކީ ފަރުދީ އަދި
މުޖުތަމައުގެ ދުޅަހެޔޮކަމަށް ވެކްސިން އަދާކުރާ މުހިންމު ދައުރާ ގުޅޭ މައުލޫމާތު ހިއްސާކުރުން ކަމަށެވެ.
އެ ސެޝަންގައި މައުލޫމާތު ދީފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ސީނިއާ ކޮންސަލްޓަންޓް ޕީޑިއަޓްރީޝަން
ޑރ. އަހުމަދު ފައިސަލް އެވެ.
އެ ސެޝަންގައި ޑރ. ފައިސަލް ވަނީ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ވެސް ފުރާނައަށް
ނުރައްކާވާ ފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިންގެ މުހިންމުކަން
ފާހަގަކޮށްފަ އެވެ. އަދި ބަލިތަކުން ދިފާއުވުމަށްޓަކައި 'ހާޑް އިމިއުނިޓީ'
ނުވަތަ މުޖުތަމައުގެ ބޮޑު އިންސައްތައެއް ވެކްސިން ފުރިހަމަކުރުމުގެ
ބޭނުންތެރިކަން ފާހަގަކުރެއްވި އެވެ. އަދި ވެކްސިން ޖެހުމަށް ފަސްޖެހޭ މައްސަލަ އާއި އާންމުންގެ މެދުގައި އިތުބާރު އުފެއްދުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން އެ ސެޝަންގައި ދައުލަތުގެ ސިއްހީ އިދާރާތަކުންނާއި ސިއްހީ ހިދުމަތް ފޯރުކޮށްދޭ އެކި ފަރާތްތަކުން ވެކްސިންގެ ހިދުމަތްތައް ފުޅާކުރުމަށް
ކުރަމުންދާ އަދި ކުރެވިދާނެ މަސައްކަތްތަށް ވެސް ފާހަގަކުރި އެވެ.
ޓްރީ ޓޮޕުން ކުރިއަށް ގެންދިޔަ އެ ސެޝަންގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ
ކޮންސަލްޓަންޓް ޕީޑިއަޓްރީޝަން ޑރ. އެލެސަންޑްރާ މާޓިނޯ ވެސް ވަނީ މައުލޫމާތު ހިއްސާކުރައްވައިފަ އެވެ. އޭނާ ވަނީ ކުޑަކުދިންނަށް ދޭންޖެހޭ ވެކްސިންތައް
ވަގުތަށް ދިނުމާއި، ބެލެނިވެރިން
ހޭލުންތެރިކުރުވުމުގައި ސިއްހީ ހިދުމަތްތެރިންގެ މުހިންމު މަސްއޫލިއްޔަތުތައް ކިޔައިދީފަ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން އެކި ބަލިތަކާއި ގުޅޭ ގޮތުން ފާހަގަކުރާ ދުވަސްތަކާއި ގުޅުވައި މިފަދަ ތަފާތު ހަރަކާތްތައް ހިންގަ އެވެ. ޓްރީ ޓޮޕްގެ އަމާޒަކީ ދުޅަހެޔޮ މުޖުތަމައުއެއް ބިނާ ކުރުމަށް ބޭނުންވާނެ ސިއްހީ މައުލޫމާތު ފޯރުކޮށްދީ، ސިއްހީ މައްސަލަތަކާއި ބަލިތަކަށް އަހުލުވެރި މުޖުތަމައުއެއް ބިނާކުރުމުގެ މަސައްކަތުގައި ބައިވެރިވުން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.