ޑޯޓްމަންޑުގެ ބަސް ކައިރިން އެެއްޗެއް ގޮވުމުން މެޗު ފަސްކޮށްފި
ޑޯޓްމަންޑުގެ ބަސް ކައިރިން އެެއްޗެއް ގޮވުމުން މެޗު ފަސްކޮށްފި

ޑޯޓްމަންޑް (އޭޕްރިލް 11) – ޖަރުމަނުގެ މަޝްހޫރު ފުޓްބޯޅަ ކްލަބް ބޮރޫޝިއާ ޑޯޓްމަންޑުގެ ކުޅުންތެރިން ގޮވައިގެން ދަތުރުކުރަމުން ދިޔަ އެ ކްލަބުގެ ބަސް ކައިރިން ނުރައްކާތެރި ގޮވުންތަކެއް ގޮވުމާ ގުޅިގެން ޗެމްޕިއަންސް ލީގުގައި ރޭ އެ ޓީމާއި ފްރާންސުގެ މޮނާކޯ ކުޅެން އޮތް މެޗު މި ރެޔަށް ފަސްކޮށްފި އެވެ.

މި ހާދިސާގައި ޑޯޓްމަންޑުގެ ސްޕެއިން ޑިފެންޑަރު މާކް ބަޓްރާ އަށް ހާނިއްކަ ވެފައިވާއިރު އިތުރު ކުޅުންތެރިޔަކަށް ގެއްލުމެއް ނުލިބެ އެވެ.

މެޗު ކުޅެން ހަމަޖެހިފައި އޮތް ޑޯޓްމަންޑުގެ ސިގްނަލް އިޑޫނާ ޕާކް ސްޓޭޑިއަމާ 13 ވަރަކަށް ކިލޯމީޓަރު ކައިރި ހިސާބަކުން ބަސް ދަތުރުކުރަނިކޮށް، އަމާޒުވި މި ހަމަލާގައި ބަހުގެ ބިއްލޫރިގަނޑު ތަޅައިގެން ދިއުން ފިޔަވައި މާބޮޑު ގެއްލުމެއް ނުވެ އެވެ.

ޑޯޓްމަންޑުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކުޅުންތެރިން ތިބީ ސަލާމަތުން ކަމަށާއި ސްޓޭޑިއަމުގައި ވެސް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.

މި މެޗު ކުޅުމަށް މިހާރު ހަމަޖެހިފައިވަނީ މިރޭ ރާއްޖެ ގަޑިން 9:45 ގަ އެވެ. މިއީ އާއްމުކޮށް ޗެމްޕިއަންސް ލީގު ކުޅޭ ގަޑިއަށް ވުރެ ދެ ގަޑިއިރުގެ އަވަސް ވަގުތެކެވެ.