"އަދަދު" ނޫހުން "އައިޝާ" ގެ ނަމުގައި ހެދި ޑޮކިއުމެންޓްރީގެ މައްސަލާގައި އެ ނޫހުގެ އޮފީހަށް މީގެ އިރުކޮޅެއް ކުރިން ފުލުހުން ވަދެ ފާސްކުރަން ފަށައިފި އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ އެ ޑޮކިއުމެންޓްރީއާ ބެހޭ ގޮތުން މިއަދު ޕްރެސް ބްރީފިންގައި ރައީސާ ސުވާލުކުރުމުން އެ މަނިކުފާނު ވަނީ އޭގައި ކުރާ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވައިފަ އެވެ. 

"އަދަދު" އިން ބުނީ މިިދިޔަ މާޗް މަހު ދެއްކި ޑޮކިއުމެންޓްރީގެ މައްސަލާގައި އެ ނޫހުގެ އޮފީހަށް ފުލުހުން ވަދެ ފާސްކުރަމުންދަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ފުލުހުން ދަނީ އެ ނޫހުގައި ބޭނުންކުރާ އިލެކްޓްރޯނިކް އެކި އާލާތްތައް ބަލައި ސްޓްރޭޖް ޑިވައިސްތައް ފަދަ ތަކެތި ތަހުގީގުގެ ބޭނުމަށް ނަގަމުންނެވެ.

މިކަމާ ބެހޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. 

އަދަދުގެ އޮފީސް ހިންގާ އިމާރާތުގެ ބޭރުގަ އާއި އެތެރޭގައި ވެސް ދަނީ ފުލުހުން ހަރަކާތްތެރިވަމުންނެވެ. 

މީގެ ކުރިން "އަދަދު" އިން ބުނެފައިވާ ގޮތުގައި މީޑިއީ ކޮމިޝަނުން ވެސް ޑޮކިއުމެންޓްރީގެ މައްސަލަ ބަލަމުންނެވެ. 

މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވަނީ ޑޮކިއުމަންޓްރީގައި ހިމެނޭ ހުރިހާ ވާހަކަތަކެއް ކަނޑައެޅިގެން ދޮގުކުރައްވައި ކަމަށް ވިދާޅުވެ އެ ޑޮކިއުމެންޓްރީ ހެދުމުގައި  ބައިވެރިވި އެންމެހައި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.