12 އެޕްރީލް 2017 - 05:30
މިއީ އޮސްޓްރިއާގެ ވީޑިއޯގްރާފަރެއް ކަމަށްވާ އިރްވީން ޓްރަމާ މިދިޔަ މަހު ނަގާފައިވާ ވީޑިއޯއެކެވެ. މިއީ އާދަޔާ ހިލާފް ކަމެއް ހުރި ވީޑިއޯއެއް ނޫނަސް އިންޓަނެޓްގައި އެތައް ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ. ވީޑިއޯގައި ފެންނަނީ އެކި ފާޑުގެ ފޮނިކާތަކެތި ވިރިގެންދާ މަންޒަރެވެ.
އެންމެ ހާއްސަ ކަމަކީ ފެންނަ މަންޒަރު މިއުޒިކާ ގުޅިގެންދާ ގޮތެވެ.
ގަމީ ބެއާސް، ޗޮކްލެޓް އަދި ޖެލީބީންސް ފަދަ އެއްޗެހި ވިރިގެންދާ ގޮތް ދައްކުވައިދޭ ވީޑިއޯ އަޕްލޯޑްކުރިތާ އަދި މަސް ދުވަސް ވެސް ނުވެ އެވެ. އެކަމަކު 200،000 އަށް ވުރެ ގިނަ ފަހަރު މި ވީޑިއޯ ބަލާފައި ވާއިރު ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަން ވެސް ވަނީ ލިބިފަ އެވެ.
"ވަރަށް ރަނގަޅު ފީޑްބެކް އެބަ ލިބޭ. ވަރަށް ގިނަ މީހުންނަށް ވަރަށް ކަމުދާ އެއްޗަކަށް ވެއްޖެ އެ ވީޑިއޯ. މީހުންނަށް ކަމުދަނީ އެއްޗެހި ވިރިގެންދާ މަންޒަރު މިއުޒިކާ ގުޅުވާލާފައި ހުރުމުން. އެއްބަޔަކު ބުނަނީ މިއީ މިހާތަނަށް ފެނުނު އެންމެ ރީތި ވީޑިއޯއޭ،" ޓްރަމާ ރޮއިޓާސް އަށް ބުނެފައިވެ އެވެ.