ކުރީގެ މިނިސްޓަރުން ކަމަށްވާ އާދަމް ޝަރީފް އުމަރާއި ތޯރިގް އިބްރާހީމްގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަން ކުރައްވައިފި އެވެ.

ސިޓީސް އެންޑް ލޯކަލް ގަވަމެންޓް މިނިސްޓްރީގެ މިނިސްޓަރު އާދަމް އާއި ޓޫރިޒަމް މިނިސްޓަރު ތޯރިގް އިސްތިއުފާ ދެއްވީ މި މަހު 14 ވަނަ ދުވަހު 10 މިނިސްޓަރަކު އިސްތިއުފާ ދެއްވިއިރު އެވެ.

އޭގެ ތެރެއިން އާދަމް ޝަރީފާއި ތޯރިގްގެ އިތުރުން ދިޔާނާ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަންކޮށްފައިވާ ކަން ރައީސް އޮފީހުން ވަނީ ކަށަވަރުކޮށްދިނެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ސަރުކާރުގެ ހިންގުމަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 

އެ އިންތިހާބަށްފަހު ބައެއް ވަޒީރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށް ރައީސް މުއިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދިނުމަށްޓަކައި ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.