ވިލިމާލޭގެ ފުނަވާ ސަރަހައްދުގައި ހުރި ގަސްތައް ކަނޑައި، ހައުސިން ޔުނިޓު އަޅަން ސަރުކާރުން ނިންމާފައިވާތީ އެކަމާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، އޭގެ ތެރެއިން އެއް ޓަވަރު އެހެން ސަރަހައްދެއްގައި އަޅަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ސްކީމްގެ ދަށުން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި 3،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓު އަޅަން ވަނީ ނިންމައިފަ އެވެ. އަދި އޭގެ ތެރެއިން ވިލިމާލޭގައި އަޅާ ފްލެޓްތައް އެޅުމަށްޓަކައި މުހިއްޔުއްދީން ސްކޫލް ކުރިމައްޗަށް އޮންނަ ބިމުގައި ބިޔަކޮށް ހެދިފައި ހުރި ފުނަގަސްތައް ކެނޑުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

އެކަމާ ކަންބޮޑުވުން ފާޅުކޮށް އެ މަޝްރޫއު ހުއްޓުވައިދޭން އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް އޮތީ ހުށަހަޅައިފަ އެވެ.

މިނިސްޓަރު މުއްތަލިބް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ ސަރަހައްދުގައި އެކަށީގެންވާ މިންވަރަށް ޕާކުތަކާއި ހުސް ޖާގަ ނެތްއިރު، ދަތި ހާލުގައި އުޅެމުންދާ ފަރާތްތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަކީ ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލެ ސަރަހައްދުގައި ހިއްކާފައިވާ އަދި ހިއްކަމުންދާ ބިންތަކަކީ ރައްޔިތުންނަށް ގޯތި ދީފައިވާ ބިންތައް ކަމަށްވުމާއެކު ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމުގެ ދަތިކަމުގައި އުޅެމުންދާ އާއިލާތަކަށް ބޭނުންވާ ފުލެޓު ޢިމާރާތްކުރުމުގައި ލިބެން ހުރި ބިންތައް މަދުވުމަކީ މިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ." މުއްތަލިބް ވިދާޅުވި އެވެ.

އެ ގޮންޖެހުންތަކާއެކު ވެސް، ސަރުކާރުން އަބަދުވެސް ބެލީ ވިލިމާލޭގައި ބޮޑެތި ފުނަގަސް ނުކަނޑައި އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ގަސްތައް ކެނޑުމުގެ ބަދަލުގައި އެއް ޓަވަރު އެހެން ސަރަހައްދަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނަމަވެސް 3 ޓަވަރުގެ ތެރެއިން 1 ޓަވަރު އަޅަން ކަނޑައެޅި ތަނުގައި ހުރި ގަސްތައް ނަގަންޖެހޭތީ އާއި، ބައެއް ބޮޑެތި ގަސްތަކުގެ ގޮފިތައް ކަނޑަން ޖެހޭތީ އެޓަވަރު އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް މިހާރު ވަނީ ނިިންމައިފަ އެވެ،" މިނިސްޓަރުގެ ޕޯސްޓުގައިވެ އެވެ.

އެފަދަ މަޝްރޫއުއެއްގެ ސަބަބުން ތިމާވެއްޓަށް ކުރާނެ ނޭދެވޭ އަސަރާއި ޕްލޭނިންއާ ގުޅުންހުރި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި އަދި އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ބައެއް ފަންނުވެރިން ހިމެނޭ ޖަމިއްޔާތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.