ކިނބޫ ހަމަލާ ދިން ދެ އަހަރުގެ ކުއްޖާ މަރުވެފައި އޮއްވާ ފެނިއްޖެ
ކިނބޫ ހަމަލާ ދިން ދެ އަހަރުގެ ކުއްޖާ މަރުވެފައި އޮއްވާ ފެނިއްޖެ

ފްލޮރިޑާ (ޖޫން 16) - އެމެރިކާގެ ފްލޮރިޑާގެ ވޯލްޓް ޑިޒްނީ ވޯލްޑުގެ ގްރޭންޑް ފްލޮރިޑިއަން ރިސޯޓް އެންޑް ސްޕާގައި ކިނބުލެއް ހިފައިގަނެގެން ގެންދިޔަ ދެ އަހަރުގެ ތުއްތު ކުއްޖާ ފުލުހުން ހޯދަމުން ދަނިކޮށް އެ ކުއްޖާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ކިނބޫ ހަމަލާ ދިން ދެ އަހަރުގެ ކުއްޖާ މަރުވެފައި އޮއްވާ ފެނިއްޖެ
ކިނބޫ ހަމަލާ ދިން ދެ އަހަރުގެ ކުއްޖާ މަރުވެފައި އޮއްވާ ފެނިއްޖެ

މިދިޔަ އަންގާރަ ދުވަހު އެ ކުޑަ ކުއްޖާ ކިނބޫ ޖަހައިގަނެގެން ގެންދިޔައީ އާއިލާ މީހުންގެ ކުރިމަތީގަ އެވެ. ކުއްޖާގެ ބައްޕަ ވަނީ ކިނބޫގެ ކިބައިން ދަރިފުޅު ސަލާމަތް ކުރަން މަސައްކަތް ވެސް ކޮށްފަ އެވެ. އޭރު އެ ކުއްޖާ ހުރީ އެހެން ދެ ކުއްޖަކާ އެކު ސެވަންސީސް ލެގޫންގެ ވަރަށް ތިލަ ހިސާބުގައި ފެންގަނޑު ތެރޭ ހިނގާލަ ހިނގާލަ އެވެ. އާޓިފިޝަލް މި ލެގޫންގައި "ފެތުން މަނާ" ކަން އަންގައިދޭ ނިޝާނެއް ވެސް ޖަހައިފައެއް ނުވެ އެވެ. ލެގޫން ވަނީ ގުދުރަތީ ކޯރަކާ ގުޅާލައިފަ އެވެ. ކިނބޫ ދިން ހަމަލާ އަށް އެ ކުއްޖާ ހޯދަން ފަސް ކިނބޫ ވަނީ މަރާލައިފަ އެވެ. ކުއްޖާ ހޯދަން ވަނީ ސޯނާ އާއި އިންފްރާރެޑް ކެމެރާ އާއި ފްލަޑްލައިޓް އަދި ހެލިކޮޕްޓަރު ބޭނުންކޮށްފަ އެވެ.

ވޯލްޓް ޑިޒްނީ ވޯލްޑުން ބުނީ މި ހާދިސާ ހިނގުމާ ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ފްލޮރިޑާގެ ހުރިހާ ރިސޯޓެއްގެ ގޮނޑުދޮށްތައް ބަންދުކޮށްފައިވާ ކަމަށެވެ. މިއީ ފްލޮރިޑިއަން ރިސޯޓުގެ 45 އަހަރުގެ ތާރީޚުގައި ހިނގި މި ބާވަތުގެ ފުރަތަމަ ހާދިސާ އެވެ.

ކުއްޖާ ފެނުނު އިރު ހަށިގަނޑުން އެއްވެސް ތަނެއް ކިނބޫ ކާލައިފައެއް ނުވެ އެވެ. އެ ކުއްޖާގެ ހަށިގަނޑު ވަނީ އޮރެންޖް ކައުންޓީ މެޑިކަލް އޮފީހަށް އޮޓޮޕްސީ ހަދަން ގެންގޮސްފަ އެވެ. ކުއްޖާ މަރުވެފައި ވަނީ ފެންގަނޑު ތެރެއަށް ދަމައިގަތުމުން ނޭވާ ނުލެވިގެން ކަމަށް ބެލެވެ އެވެ. ކުއްޖާ ފެނުނީ ކިނބޫ ދަމައިގަތް ހިސާބާ 10-15 މީޓަރު ދުރުންނެވެ.