ޖިންސީ ގޯނާގެ ވާހަކަ ދައްކަންޖެހޭނެ: ކަންގަނާ ރަނާވަތު
ޖިންސީ ގޯނާގެ ވާހަކަ ދައްކަންޖެހޭނެ: ކަންގަނާ ރަނާވަތު

ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތަކީ އަބަދު ވެސް ކަންކަމާ ދޭތެރޭ އޭނާ ދެކޭ ގޮތް އެއްވެސް ޖެހިލުމެއް ނެތި ހާމަކުރާ ބަތަލާއެކެވެ.

ޖިންސީ ގޯނާގެ ވާހަކަ ދައްކަންޖެހޭނެ: ކަންގަނާ ރަނާވަތު
ޖިންސީ ގޯނާގެ ވާހަކަ ދައްކަންޖެހޭނެ: ކަންގަނާ ރަނާވަތު

މިކަމާ ހެދި ބައެއް މީހުންގެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، އޭނާއަކީ ކަންކަމުގައި ކެރިގެން ކުރިމަތިލާ އަންހެނެއްކަން މިހާތަނަށް ވަނީ ސާބިތުކޮށް ދީފަ އެވެ.

ފަހަކަށް އައިސް މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ގޯނާތަކާ ބެހޭ ވާހަކަތައް ބޮލީވުޑްގައި އިވޭލެއް ގިނަ އެވެ. ކުރިއާ ހިލާފަށް އެފަދަ ކަންކަމާ ކުރިމަތިވާ އަންހެނުން، މިހާރު އަންނަނީ ނިކުމެ އެ ވާހަކަ ދައްކަމުންނެވެ.

ކަންގަނާ އަށް އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ލިބުނު ފިލްމް "ކްއީން" ގެ ޑައިރެކްޓަރު ވިކާސް ބަލްއާ ބެހޭ ގޮތުން ވެސް ދާދި ފަހުން ވަނީ އެކަހަލަ ވާހަކަތަކެއް ފެންމަތިވެފަ އެވެ.

އޭނާ މަސައްކަތް ކުރާ ޕްރޮޑަކްޝަން ހައުސް ފެންޓަމްގެ އަންހެން މުވައްޒަފަކު ދާދި ފަހުން ވަނީ ވިކާސް އޭނާ އަށް ޖިންސީ ގޯނާ ކުރަން މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އެ ހާދިސާ ހިނގީ ގޯއާ އަށް ޓީމާ އެކު ކުރި ދަތުރެއްގެ ތެރޭގައި ކަމަށް ބުންޏެވެ.

ކަންގަނާ އެންޑޯޒް ކުރާ އުފެއްދުމެއްގެ ޕްރޮމޯޝަނަަލް އިވެންޓެއްގައި ނޫސްވެރިން މިކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން ކަންގަނާ ވަނީ އެއީ ވަރަށް ސީރިއަސް ވާހަކައެއް ކަމަށް ބުނެފަ އެވެ.

"އަހަންނަކަށް ހިއެއް ނުވޭ މި ޕްލެޓްފޯމަކީ ތި ވާހަކަ ދައްކަން އެންމެ މުނާސަތު ތަން ކަމަށް. އެކަމަކު އަހަރެން ބުނާނީ ތިއީ ވަރަށް ސީރިއަސް ވާހަކައެކޭ،" ތިން ފަހަރު ނެޝަނަލް އެވޯޑް ހާސިލް ކުރި ބަތަލާ ބުންޏެވެ.

އޭނާ ބުނީ ޖިންސީ ގޯނާތަކާ ކުރިމަތިވުމުން އެ ވާހަކަ ނުދައްކައި، ފޮރުވައިގެން ހުރުމަކީ ހައްލެއް ނޫން ކަމަށެވެ.

ފަހަކަށް އައިސް އެފަދަ ވާހަކަތައް އަންހެނުން ނިކުމެ ދައްކާތީ، އެއީ އެތައް ބަޔަކަށް ލިބޭ ހިތްވަރެއް ކަމަށް ވެސް ކަންގަނާ ބުންޏެވެ.

"އަހަރެން ބުނާނީ އެކަހަލަ ކަންކަން ސިއްރުކޮށްގެން ފޮރުވައިގެން ނުތިބޭށޭ. އެފަދަ މީހުންގެ އާއިލާ އާއި ރައްޓެހިން ވެސް ޖެހޭނެ އެ ވާހަކަ ކިޔައި ދިނުމުގެ ހިތްވަރު އެ މީހަކަށް ދޭން،" ދާދި ފަހުން ރިލީޒް ކުރި "ރަންގޫން" ގެ ބަތަލާ ބުންޏެވެ. "އެކަހަލަ ކަމެއް ހިނގާފައި އޮތުމަކީ ލަދުވެތި ވާން ޖެހޭ ކަމެއް ނޫން. އެއީ އެތައް ބައެއްގެ ހައްގަށްޓަކައި ވެސް ދައްކަން ޖެހޭ ވާހަކަތަކެއް."

އޭނާ އަދި ބުނީ އަންހެނުންނަކީ ބަލިކަށި ބައެއް ކަމަށް ދެކޭ ދެކުމަށް ނިމުމެއް ވެސް އަންނާނީ އަންހެނުން ހިތްވަރު ދައްކައިގެން ކަމަށެވެ.