12 އެޕްރީލް 2017 - 05:27

ބޮލީވުޑްގައި މިހާރު ތިބި އެންމެ ކާމިޔާބު ޒުވާން އެކްޓަރުންގެ ތެރެއިން ވަރުން ދަވަންއަކީ މިހާތަނަށް އޭނާގެ ކޮންމެ ފިލްމަކުން ވެސް ތަފާތެއް ދައްކުވައި ދެމުން އަންނަ އެކްޓަރެކެވެ.

ދާދި ފަހުން ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި "ބަދްރީނާތު ކީ ދުލްހަނިއާ" އަށް ފަހު، އޭނާ މިހާރު ހުރީ އާ ފިލްމެއްގެ ޝޫޓިން އަށް ލަންޑަނަށް ގޮހެވެ.
އެ ފިލްމަކީ ވަރުންގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓް ކުރާ ރޮމޭންޓިކް ކޮމެޑީ "ޖުޅްވާ 2" އެވެ. ފާހަކޮށްލަން ޖެހޭ ކަމަކީ މި ފިލްމަކީ 1997 ގައި ސަލްނާން ހާނާއި ކަރިޝްމާ ކަޕޫރް އަދި ރާމްބާ ލީޑް ރޯލަށް ލައިގެން ޑޭވިޑް ގެނެސް ދިން ހިޓް ފިލްމް "ޖުޅްވާ" ގެ ދެވަނަ ބައި ކަމެވެ.
އެހެންވެ އެ ފިލްމްގައި ސަލްމާން ޑަބަލް ރޯލަކުން ފެނިގެން ދިޔަ ގޮތަށް "ޖުޅްވާ 2" ގައި ވަރުން ފެނިގެން ދާނީ ޑަބަލް ރޯލަކުންނެވެ. މިއީ ފިލްމެއްގައި އޭނާ ޑަބަލް ރޯލް ކުޅޭ ފުރަތަމަ ފަހަރެވެ.
އެހެންވެ މިކަން ވަރުން ނަގަނީ ވަރަށް ބޮޑު ޗެލެންޖެއްގެ ގޮތުގަ އެވެ. އޭނާ ބުނީ ފިލްމެއްގައި ތަފާތު ދެ ކެރެކްޓާ ދައްކުވައި ދިނުމަކީ އެއްގޮތަކަށް ވެސް ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.
ހާއްސަކޮށް ޑަބަލް ރޯލެއް ކުޅޭ އިރު، އެ ދެ ކެރެކްޓާގައި ފިޒިކަލީ ދައްކަން ޖެހޭ ތަފާތުކަން ދެއްކުމަކީ ވެސް ބޮޑު ޗެލެންޖެއްގެ ގޮތުގައި ދެކޭ ކަމަށް ވަރުން ބުންޏެވެ.
އެހެންވެ ލަންޑަނަށް ދިޔަ ފަހުން އޭނާ އަންނަނީ، ފިލްމުގައި ދައްކުވައި ދޭން ޖެހޭ ދެ ރޯލަށް ހަށިގަނޑު ވަރަށް ބޮޑަށް ތައްޔާރު ކުރަމުންނެވެ.
"ޗެލެންޖަކަށް ވިޔަސް ޖުޅްވޭ ދޭކަކީ އަހަންނަށް ވަރަށް ހާއްސަ ފިލްމެއް. އެހެންވެ ފިލްމަށް ވަރަށް ރަނގަޅަށް ތައްޔާރު ވާނަން،" ވަރުން ބުންޏެވެ.
"ޖުޅްވާ 2" ގައި ވަރުންއާ އެކު ބަތަލާއިންގެ ގޮތުގައި ފެނިގެން ދާނީ ޖެކޮލިން ފެނާންޑޭޒާއި ތާޕްސީ ޕަންނޫ އެވެ.
މިއީ "ޑިޝޫމް" އަށް ފަހުން ވަރުންއާ އެކު ޖެކޮލިން ކުޅޭ ދެވަނަ ފިލްމެވެ. އަދި ތާޕްސީ ވަރުންއާ އެކު ކުޅޭ ފުރަތަމަ ފިލްމެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގެ ހާއްސަ ފެނިލުމަކުން ސަލްމާނާއި ކަރިޝްމާ ވެސް ފެނިގެން ދާނެ އެވެ.
"ޖުޅްވާ 2" އަކީ 2014 ގައި ރިލީޒް ކުރި "މޭ ތޭރާ ހީރޯ" އަށް ފަހު، ވަރުން އޭނާގެ ބައްޕައާ އެކު މަސައްކަތް ކުރާ ދެވަނަ ފިލްމެވެ.
"ޖުޅްވާ" ވެސް ޕްރޮޑިއުސް ކުރި ސާޖިދް ނަދިއަދްވާލާ ޕްރޮޑިއުސް ކުރާ "ޖުޅްވާ 2" ސިނަމާތަކަށް އަންނާނީ ސެޕްޓެމްބަރު 29 ގަ އެވެ.