ވިލާ ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
ވިލާ ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އަންނަ މަހު ވިލާ ކޮލެޖުގައި ފަށަން ހަމަޖައްސާފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު، އަންނަ އާދިއްތަ ދުވަހާ ހަމަ އަށް އިތުރުކޮށްފި އެވެ. ކުރިން ހަމަޖައްސާފައިވާ ގޮތުން، އިއްޔެއަކީ ކޯސްތަކަށް އެދުމުގެ އެންމެ ފަހު ދުވަހެވެ.

މެއި މަހު ވިލާ ކޮލެޖުން ތަފާތު އެކި ދާއިރާތަކުން ޖުމްލަ 54 ކޯހެއް ފަށާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މާސްޓާސް ފެންވަރުގެ ހަ ކޯހަކާއި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ސެޓްފިކެޓް ފެންވަރުގެ ތިން ކޯހަކާއި، ޑިގްރީ ފެންވަރުގެ 14 ކޯހަކާއި، އެޑްވާންސް ޑިޕްލޮމާ ފެންވަރުގެ ދެ ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ ހަ ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ ނުވަ ކޯހަކާއި އަދި ސެޓްފިކެޓް ފެންވަރުގެ އަށް ކޯހެކެވެ. މީގެ އިތުރުން ވެސް އެކި ފެންވަރުގެ ތަފާތު ހަ ކޯހެއް ހިންގަން ވަނީ ނިންމައިފަ އެވެ.

އަންނަ މަހުގެ ކޯސްތަކުން 1000 އަށް ވުރެ ގިނަ ދަރިވަރުންނަށް ޖާގަ ދޭނެ އެވެ. އަދި ކެމްޕަސްތައް ނުހުންނަ ރަށްރަށުގައި ވެެސް، ކޯހެއް ފަށާ ވަރަށް ދަރިވަރުން ހަމަވެއްޖެ ނަމަ އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

ވިލާ ކޮލެޖުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފައިނޭންޝަލް ފެސިލިޓީސްގައި ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.