އަދާލަތަށް ފައިސާ ދޫނުކުރި މައްސަލާގައި ކުރި ދައުވާ ބޭރުކޮށްލައިފި
އަދާލަތަށް ފައިސާ ދޫނުކުރި މައްސަލާގައި ކުރި ދައުވާ ބޭރުކޮށްލައިފި

މިދިޔަ އަހަރުގެ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން އަދާލަތު ޕާޓީއަށް ފައިސާ ދޫނުކުރި މައްސަލާގައި އެ ޕާޓީން ކުރި ދައުވާ ކޯޓުން ބޭރުކޮށްލައިފި އެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ މިދިޔަ ނޮވެމްބަރު މަހު ދޫކުރިއިރު އަދާލަތު ޕާޓީއަށް ފައިސާ ނުދިނީ އެ ޕާޓީގައި 10،000 މެމްބަރުން ހަމަނުވާތީ އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާގޮތުން 10،000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް ދައުލަތުން ފައިސާ ދޭކަށް ނުޖެހޭނެ އެވެ.

އެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އަދާލަތުން ކުރި ދައުވާ މިިދިޔަ އާދިއްތަ ދުވަހު ސިވިލް ކޯޓުން ބޭރުކޮށްލީ އެދުވަހުގެ އަޑުއެހުމަށް އަދާލަތުން ކޯޓަށް ހާޒިރު ނުވުމުން ކަމަށް ސިވިލް ކޯޓުގެ ނިންމުމުގައިވެ އެވެ. މަދަނީ މައްސަލަތަކުގައި ދައުވާކުރާ ފަރާތުން ކޯޓަށް ހާޒިރުނުވެއްޖެ ނަމަ ދައުވާ ބޭރުކޮށްލުމުގެ ބާރު ކޯޓަށް އޮވެއެވެ.

އަދާލަތު ޕާޓީގެެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވި ގޮތުގައި އެދުވަހު ކޯޓަށް ހާޒިރު ނުވެވުނީ އިދާރީ އޮޅުމަކުން ކަމަށެވެ.

ކުރިން 10،000 މެމްބަރުންގެ ދަފްތަރެެއް އޮތް އަދާލަތުގެ މެމްބަރުން އަދަދު އެއަށް ވުރެ މަދުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހެއްގެ ސަބަބުން، އިނގިލީގެ ނިޝާން ހުށަނާޅާ މެމްބަރުން ޕާޓީތަކުން ވަކިވާ ގޮތަށް ހެދުމުންނެވެ.