މިއަހަރުގެ
ދިރާސީ އާ އަހަރަށް ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް)އިން
ހުޅުވާލި ޕްރީ އެޑްމިޝަނަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެ ސްކޫލުން ބުނެފި އެވެ.
އޯލެވެލް
އިމްތިހާނުގެ ނަތީޖާ ލިބުމަށް ބާކީ މަހެއްހާ ދުވަސް އޮތްއިރު، އެ ސްކޫލުން
ކުރިއަށް ގެންދާ އެ ޕްރީ އެޑްމިޝަނަށް ގިނަ ދަރިވަރުންތަކެއް ވަނީ އެޕްލައިކޮށްފަ އެވެ.
ވިލާ ހައި ސްކޫލުން ބުނީ މިހާތަނަށް
ލިބިފައިވާ އެޕްލިކޭޝަންތަކަށް ބަލާއިރު، ބައެއް މާއްދާތަކުން ދަރިވަރުންނަށް
ދޫކުރެވެން ހުރި ޖާގަތައް މިހާރު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. އަދި އެ ސްކޫލުން ބުނީ ދަރިވަރުންނަށް މާއްދާތަކުން ޖާގަ ދެމުން ދަނީ އެޕްލައި ކުރާ
ތަރުތީބުން ކަމަށްވާތީ ޖާގަ ކަށަވަރު ކުރުމަށް ވީހާ ވެސް އަވަހަކަށް އެޕްލައި ކުރުން މުހިންމު ކަމަށެވެ.
އެ ސްކޫލުން ބުނީ އެ ސްކޫލުން އެޑްމިޝަން މަރުހަލާގެ ތެރެއިން، އެޕްލިކޭޝަން ހުށައަޅާފައިވާ ދަރިވަރުންނަށް ބެލެނިވެރިންނާއި ކެރިއާ ކައުންސިލަރުން ބައްދަލުކުރަން ފަށާފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުންތަކުގެ މައިގަނޑު ބޭނުމަކީ މަތީ ސާނަވީއަށް ކިޔަވަން ދަށާ ދަރިވަރުންނަށް އެކުދިންގެ މުސްތަގުބަލާ ގުޅޭ މުހިިންމު ނިންމުންތައް ނިންމުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ސްކޫލުން ބުންޏެވެ.
މިކަމާ
ގުޅޭގޮތުން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އަދި
ކެރިއަ ކައުންސެލިންގ ޑިޕާޓްމަންޓުގެ ހެޑް އަލްފާޞިލާ އަހްމީމާ އަބްދުއްޢަފޫރު
ވިދާޅުވީ ވަކިވަކިން ބާއްވާ އެ ބައްދަލުވުންތަކުގެ ސަބަބުން ދަރިވަރުންނަށް
އެންމެ ފައިދާހުރި ގޮތަށް ކުރިއަށް ދިއުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށެވެ.
"ދަރިވަރުންގެ
ކުރިމަގަށް ރަނގަޅު ނިންމުންތަކެއް ނިންމުމަށް އަޅުގަނޑުމެންގެ ކައުންސިލަރުން
އެހީތެރިވެ ދެއްވާނެ. މިއީ ދަރިވަރުން ހިޔާރުކުރާ ދާއިރާއަކުން ކުރިއަށް ދިއުމަށް
ބޭނުންވާ ފަންނީ އިރުޝާދު ދިނުމަށް ހުޅުވާލެވޭ ފުރުސަތެއް،" އަހްމީމާ
ވިދާޅުވި އެވެ.
އެ ސުކޫލްގެ
ޕްރިންސިޕަލް އަަލީ މުސްތަފާ ވިދާޅުވި ގޮތުގައި އެ ސްކޫލުގެ ޕްރީ އެޑްމިޝަނަށް ބޮޑު ތަރުހީބެއް ލިބެމުން ދަނީ ސުކޫލުން
ފޯރުކޮށްދޭ ހިދުމަތްތަކަށް ބެލެނިވެރިންނާ ދަރިވަރުން ހިތްހަމަޖެހުމާ ދަރިވަރުން
ހޯދާ ނަތީޖާގެ ސަބަބުން ކަމަށެވެ. އެގޮތުން ނިމިދިޔަ 2025 ވަނަ
އަހަރުގެ އޭލެވެލް އިމްތިހާނުގައި ރާއްޖެއިން އެންމެ ގިނަ ދަރިވަރުން ޓޮޕްޓެންގައި
ހިމެނިފައިވާ ސްކޫލަކީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މިދިޔަ އަހަރުގެ އޭލެވެލް އިމްތިހާނުގައި ވީއައިއެޗްއެސްގެ 105
ދަރިވަރުން ގައުމީ ގަދަ ދިހައެއްގައި ހިމެނިފައިވާއިރު، 32 ދަރިވަރަކު ވަނީ ހައި
އެޗީވާސް ސްކޮލަޝިޕް ހާސިލްކޮށްފަ އެވެ. އަދި ގިނަ މާއްދާތަކުން އެންމެ މަތީ
ނަތީޖާ
(އޭ ސްޓާ) ހޯދި ދަރިވަރުން ނިސްބަތުން އެންމެ ގިނައިން ހިމެނުނު އެއް
ސްކޫލަކީ ވެސް ވިލާ އިންޓަނޭޝަނަލް ހައި ސްކޫލެވެ.
އެގޮތުން ރާއްޖޭގެ ނިސްބަތުން ހުރިހާ މާއްދާއަކުންހެން އެވްރެޖްކޮށް، 25 ޕަސެންޓާއި 30 ޕަސެންޓާއި ދެމެދުގެ ނަތީޖާ ހޯދި ދަރިވަރުންނަކީ އެ ސްކޫލުގެ ދަރިވަރުންނެވެ. އަދި އޭގެ ތެރޭގައި އެކައުންޓިން އިން 52 ޕަސެންޓް އަދި ފިޒިކްސް އިން 42 ޕަސެންޓް ވިލާ އިންޓަނޭޝަނަލް ހައި
ސްކޫލުގެ ދަރިވަރުން ހިމެނުނުކަން އެ ސްކޫލުން ފާހަގަ ކުރެ އެވެ.
ވީއައިއެޗްއެސްއިން ބުނީ 2025 ވަނަ
އަހަރު އޭލެވެލްއާ އެކު ވިލާ ކެރިއާސް ޕްރޮގުރާމްގައި ގައުމީ ސަނަދުގެ އޮނިގަނޑުން ސީ-4 ފުރިހަމަކުރި ދަރިވަރުން ހިމެނޭހެން، އެ ސްކޫލްއިން ގްރެޖުއޭޓްވި ދަރިވަރުންގެ 98 ޕަސެންޓަކީ ޔުނިވާސިޓީ ތައުލީމަށް ސީދާ
ޝަރުތު ހަމަވާ ދަރިވަރުން ކަމަށެވެ.
ވީއައިއެޗްއެސްއިން ބުނީ އެ ސްކޫލުގެ އަމާޒަކީ ރާއްޖޭގައި އެންމެ މަތީ ނަތީޖާ ނެރޭ ސްކޫލުގެ
މަގާމު އަބަދުވެސް ދިފާއުކޮށް، ބައިނަލްއަގުވާމީ ފެންވަރުގެ އެވްރެޖަށް ވުރެ
މަތީގައި ނަތީޖާ ހޯދުމެވެ. އެގޮތުން މަތީ ނަތީޖާ ހޯދާ ދަރިވަންނަށް ފުރުސަތު ދިނުމުގެ ގޮތުން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން "ގާސިމް އިބްރާހީމް ސްކޮލަޝިޕް ފޯ އެކްސެލެންސް"ގެ ނަމުގައި ހިލޭ ކިޔެވޭ ސްކޮލާޝިޕް ފުރުސަތުތަކެއް ވެސް ތައާރަފްކޮށްފައިވާ ކަން ފާހަގަކުރި އެވެ.
ވީއައިއެޗްއެސްގައި ހުރި ސްކޮލާޝިޕް ފުރުސަތުތައް
1. ގާސިމް
އިބްރާހިމް ސްކޮލާޝިޕް ފޯ އެކްސެލެންސް
އެ ސްކޮލާޝިޕްގެ ދަށުން މިއަހަރު އޯލެވެލް އިމްތިހާނުން 1 ވަނަ 2 ވަނަ އަދި
3 ވަނަ ހޯދާފައިވާ ދަރިވަރުންނަށް ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ހިލޭ
ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ
2. ބްރިލިއަންސް ސްޓޫޑަންޓް ސްކޮލާޝިޕް
އެ ސްކޮލާޝިޕްގައި ކިޔެވުމުގެ ނަތީޖާއަށް ބަލައި، ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން
ދަރިވަރުންނަށް ދެވޭ ޓިއުޝަން ފީގެ އިނާޔަތް ދޭނެ.
3. ސްޕޯޓްސް ސްކޮލާޝިޕް
އެ ސްކޮލާޝިޕްގައި ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތައް
ހޯދާފައިވާ ދަރިވަރުންނަށް ޓިއުޝަން ފީގެ އިނާޔަތް ދޭނެ
އެ ސްކޮލާޝިޕްތަކުގެ މައިގަނޑު މަގުސަދަކީ ހުނަރުވެރި
އަދި ހީވާގި ދަރިވަރުންގެ މަސައްކަތްތައް ބަލައިގަނެ، އެ ކުދިންގެ ތައުލީމީ
ދަތުރުގައި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ސްކޫލުން ބުންޏެވެ. އަދި އެއީ އެ ދަރިވަރުންގެ
ކިބައިގައިވާ ފުރިހަމަ ގާބިލިއްޔަތު ދެނެގަނެ، އެ ކުދިންގެ ކުރިމަގު އުޖާލާ ކުރުމަށް
މަގުފަހިކޮށްދިނުމުގެ ގޮތުން ދެވޭ ފުރުސަތުތަކެއް ކަމަށް ވެސް ބުންޏެވެ.
ސްކޮލާޝިޕަށް އެޕްލައި ކުރަން ޖެހޭނީ އޯލެވެލް ނަތީޖާ ލިބުމުން، އޮންލައިން އެޕްލިކޭޝަން ދެވަނަ ފަހަރަށް އަޕްޑޭޓް ކުރާއިރު، ޝަރުތު ހަމަވާ ސްކޮލާޝިޕް ހިޔާރުކޮށް ގެންނެވެ.
ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން
ކިޔަވައިދޭ މާއްދާތަކާއި ލިބެން ހުރި ޖާގައިގެ ތަފުސީލު ސްކޫލުގެ ރަސްމީ
ވެބްސައިޓުން ލިބޭނެ އެވެ.