ރައުދާގެ މަރުގައި އާދަޔާ ޚިލާފު ކަމެއް ފާހަގައެއް ނުކުރެވޭ: ފުލުހުން
ރައުދާގެ މަރުގައި އާދަޔާ ޚިލާފު ކަމެއް ފާހަގައެއް ނުކުރެވޭ: ފުލުހުން

ބަނގްލަދޭޝްގެ ރާޖްޝާހީގެ އިސްލާމިކް ބޭންކް މެޑިކަލް ކޮލެޖްގެ ހޮސްޓެލްގައި "ދަންޖެހިގެން" މަރުވެފައި ހުއްޓާ ފެނުނު ދިވެހި މޮޑެލް ރައުދާ އާތިފް، 20، ގެ މަރާ މެދު އާދަޔާ ޚިލާފު ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށް ދިވެހި ފުލުހުން ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި ދެންމެ ބޭއްވި ނިއުސް ކޮންފަރެންސްގައި ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ރިޔާޒް ވިދާޅުވީ ރައުދާގެ މަރުގައި އާދަޔާ ޚިލާފު ކަމެއް ހިނގާފައި ނެތް ކަމުގައި ވިޔަސް، ރައުދާ މަރުވި ފަހުން އެ ހާދިސާގެ ފޯކަސް އެހެން ދިމާލަކަށް އަނބުރާލަން އެހެން ފަރާތަކުން މަސައްކަތް ކުރި ކަން އެނގިފައިވާ ކަމަށެވެ. އެހެން ކަމުން އެ މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ފުލުހުން ބުނީ ރައުދާގެ މަރާ ގުޅިގެން، އެ ކޮލެޖްގެ ވަރަށް ގިނަ ކުދިންނާ ބައްދަލުކޮށް މައުލޫމާތު ސާފު ކުރި ކަމަށެވެ. އަދި ޚާއްސަކޮށް ރައުދާގެ ގާތް ރައްޓެހިންގެ ފަރާތުން ވަރަށް ގިނަ މައުލޫމާތު ހޯދި ކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ރައުދާ ދިރިއުޅުނު ކޮޓަރިއަކީ ކޮޓަރީގެ މައި ދޮރުން ނޫން ގޮތަކަށް ވަދެ ނުކުމެވެން ނެތް ތަނެއް ކަމަށާއި، އެ ދޮރުން ނުކުތުމަށް ފަހު، ދޮރުގެ އެތެރޭގައި ހުރި ތަންޑު އެޅުވޭނެ ގޮތެއް ވެސް ނެތް ކަމަށެވެ. އަދި އެއީ ދެދޮރުފަތް ލީ ދޮރެއް ކަމަށްވެފައި ދެ ދޮރުފަތް ހުރީ ކޮންމެވެސް ވަރަކަށް ފޭވެފައި ކަމަށްވާތީ، ދޮރު ލައްޕާފައި ހުރި ކަމުގައި ވިޔަސް ކޮޓަރީގެ އެތެރެ ފެންނަ ކަމަށް ވިދާޅުވި އެވެ.

ރައުދާގެ މަރަކީ ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށް މީޑިއާތަކުގައި ތުހުމަތު ކުރި ކަމުގައި ވިޔަސް، ކޮޓަރީގެ އަލަމާރިއެއްގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް، އެނދުގެ އޮޅި ބިންދައިގެން ގޮސްފައި ހުރީ ރައުދާގެ މަރުގެ ކުރިން ކަމަށްވާތީ، ރައުދާ މަރުވި ރޭ އެ ކޮޓަރީގެ ތެރޭގައި މާރާމާރީއެއް ނުވަތަ ހަމަނުޖެހުމެއް ފަދަ ކަމެއް ހިނގި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި ރައުދާ ދަންޖެހިފައި ހުއްޓާ އެންމެ ފުރަތަމަ ފެނުނީ އޭނާގެ ރައްޓެއްސެއް ކަމަށްވާ ސީރަތު ޕަރްވީނަށެވެ. އެކަމަކު ރައުދާ ސަލާމަތް ކުރަން އެހެން ކުދިންތައް ކޮޓަރި ތެރެއަށް ވަތް އިރު ސީރަތު ހުރީ ތަންކޮޅެއް ފަހަތުގަ އެވެ.

ރައުދާ މަރުވުމަށް ފަހު އޭގެ ދުވަސްތަކެއް ފަހުން، އޭނާގެ ވަރަށް ގާތް ކުދިންތަކެއް އިންސްޓަގްރާމުން އޭނާ އަންފޮލޯ ކުރި ކަމަށާއި އެ ކަމާ ގުޅިގެން ކޮންމެވެސް ފަރާތަކުން ރައުދާގެ އިންސްޓަގްރާމް އެކައުންޓް ޑިއެކްޓިވޭޓް ކޮށްފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ. އެހެންކަމުން ކޮންމެވެސް ފަރާތަކުން މައްސަލައިގެ ފޯކަސް ބަދަލުކޮށްލަން އެބަ މަސައްކަތް ކުރާ ކަމަށާއި، ފުލުހުން މިހާރު އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައުދާ މަރުވެފައި ހުރި ތަން ފެނުމުން އެ ކޮޓަރީގެ ދޮރު ހުޅުވަން އުޅުނީ ހަމައެކަނި ކިޔަވާ ކުދިން ނޫން ކަމަށާއި އެ ތަނުގެ ސެކިއުރިޓީ މީހުން ވެސް އުޅުނު ކަމަށެވެ. އަދި ރައުދާ ސަލާމަތް ކުރުމަށްޓަކައި ކޮޓަރި އަށް ވަންނަން އުޅުނު ކުދިންގެ ތެރޭގައި ތަފާތު ހަތަރު ގައުމެއްގެ ކުދިން ހިމެނޭ ކަމަށާއި، ރައުދާ އާއި އެ ކުދިންނާ ދެމެދު ޒާތީ ދެކޮޅުވެރިކަމެއް ހިނގާފައި ނެތުމުން، އެ ހުރިހާ އެންމެން ގުޅިގެން ރައުދާއާ ދެކޮޅަށް ކަމެއް ކުރި ކަމަށް ބެލެވޭނެ ޖާގައެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިޔާޒް ފާހަގަ ކުރެއްވި ގޮތުގައި ރައުދާ މަރުވި ދުވަހުގެ ކުރީ ރެއިން ފެށިގެން އެ ހޮސްޓެލްގެ ސީސީޓީވީ ފުޓޭޖް ނެތް ކަމަށް މީޑިއާތަކުގައި ވާހަކަ ރިޕޯޓް ކޮށްފައި ވިޔަސް، މާޗް 25 ވަނަ ދުވަހުން ފެށިގެން އެ ކޮލެޖްގެ ބައެއް ސެކިއުރިޓީ ކެމެރާތަކުގެ ސީސީޓީވީ ފުޓޭޖްތައް ސާވާގައި ރެކޯޑް ކުރެވިފައި ނެތް ކަމަށެވެ. އެގޮތަށް މެދުވެރިވެފައިވަނީ ބައެއް ކެމެރާތައް ހަލާކުވެފައިވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައުދާ މަރުވެފައި ހުއްޓާ ފެނުނު ދުވަހުގެ ކުރީ ރޭ، އޭނާ އާއި ސީރަތު ހޮސްޕިޓަލަށް ދިޔަ ނަމަވެސް، އެ ދެ ކުދިން ހޮސްޕިޓަލަށް ދިޔައީ ވަކިން ކަމަށް ރިޔާޒް ވިދާޅުވި އެވެ. އަދި ރައުދާ އަށް ވުރެ ކުރިން ސީރަތު ހޮސްޕިޓަލުން އައި ކަމަށާއި ރައުދާ ހޮސްޕިޓަލުން އައިސް ކޮޓަރިއަށް ވަންނަނިކޮށް ދިވެހި އެހެން ކުއްޖަކަށް ފެނިފައިވާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

ރައުދާ މަރުވި ރޭ އޭނާ އެހެން ދިވެހި ކުއްޖެއްގެ ލެޕްޓޮޕެއް ބޭނުންކޮށްލަން ގެންދިޔަ ކަމަށާއި އެ ލެޕްޓޮޕުން އެހެން މީހެއްގެ ފޭސްބުކް އެކައުންޓަކަށް ވަދެފައިވާ ކަން އެނގުމުން ދިވެހި ކުދިންނާ އިތުރަށް ސުވާލު ކުރަން ޖެހުނު ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ރައުދާގެ ފޯން ހުޅުވުނީ، އޭނާގެ ރައްޓެހި އެހެން ކުއްޖަކަށް ރައުދާގެ ފޯނުގެ ޕާސްވޯޑް އެނގިފައި އޮތުމުން އެ ޕާސްވޯޑް ބޭނުންކޮށްގެންނެވެ. އޭނާ އަށް ރައުދާގެ ފޯނުގެ ޕާސްވޯޑް އެނގުނީ ރައުދާގެ ފޯނުން ރެސިޕީއެއް ބަލަމުން ދިޔަ ވަގުތު ފޯން ލޮކްވެގެން ރައުދާ ކައިރީގައި އެހުމުން ރައުދާ ޕާސްވޯޑް ދިނުމުންނެވެ.
ރައުދާގެ ފޯނުގެ ޕާސްވޯޑް އެނގުމުން ފޯނު ހުޅުވައިގެން މައްސަލައާ ގުޅޭ ވަރަށް ގިނަ މައުލޫމާތު ލިބިފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ. އަދި ފޯނުން ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް، މާލޭގައި ހުރި ރައުދާއާ ގުޅުން އޮތް މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި ރައުދާގެ ކަރުގައި މީހަކު ހިފުމުން ބާރުވެފައިވާ ކަހަލަ ގޮތަކަށް ހުރި ނިޝާނަކީ، ދަންޖެހެން ބޭނުންކޮށްފައި ހުރި ސްކާފްގައި ހުރި ކޮންމެވެސް ޒާތެއްގެ މައުދަނެއްގެ ސަބަބުންނާއި ދަންޖެހިފައި ހުރީ ދެ ސްކާފް ގޮށްޖަހައި ގުޅުވައިގެން ކަމަށްވެފައި، ދެ ސްކާފް ގުޅުވަން ޖެހި ގޮށް ރައުދާގެ ކަރުގައި ޖެހި ބާރުވެފައި ހުރުމުން ފާހަގަވާ ނިޝާނެއް ކަމަށް ބެލެވެ އެވެ.