އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކޮރަޕްޝަން ހުއްޓުވުމުގެ ހެޔޮ ބަދަލަކަށް ކުރިއަށް އޮތް ފަސް އަހަރު ދުވަހު މަސައްކަތް ކުރާނެ ގޮތުގެ ސްޓްރެޓީޖިކް ޕްލޭނެއް އެކުލަވާލައި އެ ޕްލޭން މިއަދު އިފްތިތާހުކޮށްފި އެވެ.
އޭސީސީން ބުނީ އެ ޕްލޭނަކީ ކޮރަޕްޝަންގެ ރިސްކް ބޮޑު ދާއިރާތަކަށް އަމާޒުކޮށްގެން ކޮމިޝަނުގެ ވަސީލަތްތައް އެންމެ ފައިދާ ހުރި ގޮތުގައި ބޭނުންކުރަން އެކުލަވާލި މުހިންމު މަގުޗާޓެެއް ކަމަށެވެ. މައިގަނޑު ފަސް ދާއިރާއަކަށް ބަހާލާފައިވާ އެ ޕްލޭންގެ އަމާޒަކީ ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތުން ރައްޔިތުންނަށް ފެންނަ ފަދަ ހެޔޮ ބަދަލުތަކެއް ގެނައުން ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
އޭސީސީގެ އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްލޭން އިފްތިތާހުކޮށްދެއްވީ އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް އާއި ސައުދީ ސަފީރު ޔަހުޔާ އަލް ގަހުތާނީ އެވެ.
"...މި ޕްލޭންގެ މައިގަނޑު އަމާޒަކީ ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތުން ރައްޔިތުންނަށް ފެންނަފަދަ ހެޔޮ ބަދަލުތަކެއް ގެނައުމެވެ،" ޕްލޭނާ ބެހޭ ގޮތުން އޭސީސީގެ ވެބްސައިޓްގައި ބުންޏެވެ.
އޭސީސީގެ ޕްލޭންގައި ހިމެނޭ ދާއިރާތައް
- ގަވާނަންސް އަދި އިދާރީ ތަރައްގީ
- އިދާރީ ހިންގުން ހަރުދަނާކޮށް އެދެވޭ ނަތީޖާ ހާސިލްކުރުން.
- ގައުމީ ނަޒާހަތްތެރިކަމުގެ ނިޒާމު ހަރުދަނާކުރުން.
- ދައުލަތުގެ ޕްރޮކިއުމަންޓާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގަވާނަންސް ހަރުދަނާކުރުން.
- ސިޔާސީ ކޮރަޕްޝަން ހުއްޓުވުމާއި އެކަމަށް ފިޔަވަޅު އެޅުން.
އޭސީސީން ބުނި ގޮތުގައި ނަޒާހަތްތެރިކަން އިތުރުކުރުމުގެ ގޮތުން ހުރިހާ އުމުރުފުރާތަކަކަށް މައުލޫމާތު ދިނުމާއި މޯލްޑިވްސް އެންޓި-ކޮރަޕްޝަން އެކަޑަމީ މެދުވެރިކޮށް ތަމްރީނުތައް ފުޅާކުރަން ވެސް އެ ކޮމިޝަނުގެ ޕްލޭންގައި އިސްކަންދީފައިވާނެ އެވެ.
"...އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ކޮރަޕްޝަންގެ ހިރާސް ބޮޑު ތަންތަން ދެނެގަނެ، އެ ތަންތަނުގެ ނިޒާމުތައް އިސްލާހުކުރުމާއި ޕްރޮކިއުމަންޓް ނިޒާމު މޮނިޓާކުރުން ހަރުދަނާކުރުމަށް ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ،" އޭސީސީން ބުންޏެވެ.
ކުރިޔަށް އޮތް ފަސްއަހަރަށް އެކުލަވާލާފައިވާ އެ ޕްލޭންގެ އެންމެ މުހިންމު އެއް ބަޔަކީ ސިޔާސީ ދާއިރާގައި ހިންގާ ކޮރަޕްޝަން ހުއްޓުވުން ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
އިންސާފުވެރި އިންތިހާބުތަކެއް ބޭއްވޭނެ އިންތިޒާމުތަކާއި ވަޒީފާ ދިނުމުގެ ކަންކަން ހާމަކަންބޮޑު ގޮތެއްގައި ކުރިއަށް ގެންދަން ބާރުއަޅައި، ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުން ކުރާ އިތުބާރު ދަމަހައްޓަން މަސައްކަތްކުރުމަކީ އެ ޕްލޭންގެ ބައެއް ކަމަށް ވެސް ބުންޏެވެ.