ޖިނާއީ މައްސަލަތައް ބެލުން އެހެން ފަނޑިޔާރުންނާ ހަވާލު ކުރެވޭ އުސޫލަށް ސުޕްރީމް ކޯޓުން މިއަދު ބަދަލުތަކެއް ގެނެސްފި އެވެ. 

ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖްރައާތުގެ ގަވާއިދު ކުރިން އޮންނަ ގޮތުން އެހެން ފަނޑިޔާރަކާ ޖިނާއީ މައްސަލައެއް ހަވާލު ކުރެވޭނީ މުއްދަތެއް ނެތް ގޮތަށް ފަނޑިޔާރު ސަސްޕެންޑް ކުރުން ނުވަތަ މަގާމުން ވަކިކުރުން ނުވަތަ މަސްލަހަތު ފުށުއަރާ ހާލަތެއް މެދުވެރިވުން ނުވަތަ އެ މައްސަލައެއް ބެލުމުން ފަނޑިޔާރަކު ތަނާޒުލްވާން ޖެހުން ފަދަ ހާލަތްތަކުގަ އެވެ.

އެ ގަވާއިދަށް މިއަދު ގެނައި އިސްލާހުގައިވާ ގޮތުން ދެ މަހަށް ވުރެ ދިގު މުއްދަތަކަށް ސަސްޕެންޑް ކޮށްފިނަމަ ނުވަތަ ދިގު ޗުއްޓީއަކަށް ގޮސްފިނަމަ ނުވަތަ ދިގު މުއްދަތުގެ ޕްރޮގްރާމަކަށް ފަނޑިޔާރު ވީއްލާފައިވާނަމަ އެހެން ފަނޑިޔާރަކާ މައްސަލަތައް ހަވާލު ކުރެވިދާނެ އެވެ.

މީގެ އިތުރުން އެއް ހާދިސާއަކާ ގުޅިގެން އަދި އެއް ހެކިންތަކެއް ހިމެނޭ މައްސަލަތައް ދެ ފަނޑިޔާރަކު ނުވަތަ ދެ ބެންޗަކުން ބަލާ ހާލަތާއި އަދި ޝަރުއީ ވަފުދަކުން މައްސަލަ ބަލާ ހާލަތުގައި ވެސް އެހެން ފަނޑިޔާރަކާ މައްސަލަ ހަވާލު ކުރެވިދާނެ ކަމަށް އެ އިސްލާހުގައިވެ އެވެ.

އެ އިސްލާހުގައިވާ ގޮތުން އެފަދަ ހާލަތްތަކުގައި އެހެން ފަނޑިޔާރަކާ މައްސަލަ ހަވާލު ކުރުމާ މެދު ގޮތެއް ނިންމާނީ އެ ކޯޓެއްގެ އިސް ފަނޑިޔާރު ނުވަތަ އިސް މެޖިސްޓްރޭޓެވެ.