ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އާއި ސްރީލަންކާގެ ގައުމީ އެއާލައިން ސްރީލަންކަން އެއާލައިންސާ ދެމެދު މުހިންމު ޕާޓްނާޝިޕް އެއްބަސްވުމެއް ހަދައިފި އެވެ. 

މޯލްޑިވިއަން އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ޕާޓްނަޝިޕްގެ މައިގަނޑު މަގުސަދަކީ ދެ އެއާލައިންގެ ނެޓްވޯކް ބޭނުންކޮށްގެން ދަތުރުވެރިންނަށް ފަސޭހަކަމާ އެކު، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

މި އެއްބަސްވުމާ އެކު، ސްރީލަންކަން އެއާލައިންސްގެ ބައިނަލްއަގުވާމީ ފްލައިޓްތަކުން ރާއްޖެ އަންނަ ޓޫރިސްޓުންނަށް މޯލްޑިވިއަން މެދުވެރިކޮށް ރާއްޖޭގެ 17 މަންޒިލަކަށް އެއްވެސް ދަތިކަމެއް ނެތި ދަތުރުކުރެވޭނެ އެވެ. 

ކޮލަމްބޯ މަގުން ދުނިޔޭގެ ބޮޑެތި މާކެޓްތަކުން ރާއްޖެ އަންނަ ޓޫރިސްޓުންނަށް މި އެއްބަސްވުމުގެ ސަބަބުން ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ. 

އެ އެއާލައިނުން ބުނީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ވެސް މޯލްޑިވިއަން މެދުވެރިކޮށް ކޮލަމްބޯއަށް ގޮސް، އެތަނުން ސްރީލަންކަން އެއާލައިންގެ ފުޅާ ނެޓްވޯކް ބޭނުންކޮށްގެން ދުނިޔޭގެ ކޮންމެ ތަނަކަށް ވެސް ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށެވެ. 

މި ޕާޓްނާޝިޕާ އެކު، ދިވެހިންނަށް ލިބޭނެ އެންމެ ބޮޑު ލުޔަކީ ރާއްޖެއިން ބޭރަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް ޑޮމެސްޓިކް އެއާޕޯޓަކުން ވިޔަސް އިންޓަނޭޝަނަލް ކަނެކްޓިން ފްލައިޓްތައް ބުކް ކުރެވޭނެ އިންތިޒާމު ހަމަޖެހުމެވެ. 

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ މި ޕާޓްނާޝިޕަކީ ރާއްޖޭގެ އެކި ރަށްރަށަށް ނުވަތަ ޑޮމެސްޓިކް އެއާޕޯޓުތަކަށް އޮންނަ ކަނެކްޓިވިޓީ ވަރުގަދަކޮށް، ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް ފަސޭހަކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

"ސްރީލަންކަން އެއާލައިންސްގެ ބައިނަލްއަގުވާމީ ނެޓްވޯކާއި އަޅުގަނޑުމެންގެ ޑޮމެސްޓިކް ދަތުރުތައް ގުޅާލުމުން، ޓޫރިޒަމް ކުރިއެރުވުމަށާއި ދިވެހިން ބޭރަށް ކުރާ ދަތުރުތަކަށް ބޮޑު ލުޔެއް ލިބޭނެ،" އޭނާ ވިދާޅުވި އެވެ. 

މި އެއްބަސްވުމަކީ ސަރަހައްދީ ގުޅުން ބަދަހިކޮށް، ދެ އެއާލައިންގެ ހިދުމަތްތައް އެއްފުރާޅެއްގެ ދަށަށް ގެނެސް، ވިޔަފާރި އާއި ޓޫރިޒަމަށް އާ ދިރުމެއް ގެނުވާނެ ކަމެއް ކަމަށާއި މީގެ ސަބަބުން ރާއްޖެއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަސޭހައިން އާދެވޭނެ މަންޒިލަކަށް ވާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.