ރާއްޖޭގައި ދިރާސާތައް ހެދުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ވިލާ ކޮލެޖުން ދޭ "ނޭޝަނަލް ރިސާޗް ފަންޑް: އިމަޖިން ރިސާޗް ގްރާންޓްސް"ގެ ދަށުން ހޮވުނު 14 ރިސާޗް ޓީމަކަށް ގްރާންޓް ހަވާލުކޮށްފި އެވެ. 

އެ ފަންޑަކީ ޖުމްލަ 1.5
މިލިއަން ރުފިޔާގެ ފަންޑެކެވެ.  

މިއީ މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއި ނޭޝަނަލް ރިސާޗް ކައުންސިލް ގުޅިގެން
ކުރިއަށްގެންދާ ގައުމީ މަޝްރޫއެކެވެ. މި ޕްރޮގްރާމްގެ ގްރާންޓް މެނޭޖްމަންޓް
އިންސްޓިޓިއުޝަންގެ ހައިސިއްޔަތުން ޕްރޮޕޯސަލްތައް ހޯދުމާއި، އިވެލުއޭޝަން
މަރުހަލާތައް ވިލަރެސްކުރުމާއި، ޕްރޮގްރާމް ޖުމްލަ ގޮތެއްގައި ހިންގުމުގެ
މައިގަނޑު ޒިންމާ އުފުލަނީ ވިލާ ކޮލެޖުންނެވެ.

ނެޝަނަލް ރިސާޗް ފަންޑަށް 21 ޕްރޮޕޯސަލް ހުށަހެޅި އެވެ. އޭގެ ތެރެއިން މި ގްރާންޓް ލިބުނީ 14 މަޝްރޫއަކަށެވެ. އެ މަޝްރޫއުތަކަށް ފަންޑިން ދީފައި ވަނީ ތިން މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އިވެލުއޭޝަނަކަށް ފަހު އެވެ.

މި ގްރާންޓް ލިބުނު ޕްރޮޕޯޒަލްތައް އަމާޒުވެފައި ވަނީ ގައުމީ ތަރައްގީއާ ގުޅިފައިވާ ކަންތައްތަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ ގަވަނަންސް،
ސޭފްޓީ އެންޑް ވެލްބީއިން ދާއިރާ، އިގްތިސާދީ
ކުރިއެރުން އަދި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ، ޑިޖިޓަލް
ޓްރާންސްފޯމޭޝަން އެންޑް އިނޮވޭޝަން ދާއިރާ އަދި ގްރީން
އެޖެންޑާ ދާއިރާ އެވެ. 

މި ގްރާންޓް ލިބުނު ފަރާތްތައް އިއުލާންކުރަން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި 500,000ރ. ގެ ބަޖެޓަކާ އެކު ކުރިއަށްގެންދާ
"ވިލާ ކޮލެޖް ރިސާޗް ގްރާންޓް 2026" ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފަ އެވެ.

މިއީ ވިލާ ކޮލެޖުގެ ސްޓްރެޓެޖިކް އަމާޒުތަކާއި އ.ދ. ގެ
ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ  ގުޅުވައިގެން ގައުމަށް ފައިދާ ހުރި ދިރާސާތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ހުޅުވާލެވުނު މުހިންމު ފުރުސަތެއްގެ ގޮތުގައި ވިލާ ކޮލެޖުން ސިފަކުރެ އެވެ. 

ރާއްޖޭގެ ރިސާޗާއި އިނޮވޭޝަންގެ މައި މަރުކަޒެއްގެ ގޮތުގައި ވިލާ ކޮލެޖު އަދާކުރާ ދައުރު
އިތުރަށް ހަރުދަނާކުރުމަށްޓަކައި، ކޮލެޖުގެ އެކަޑެމިކް މުވައްޒަފުންނަށް ގައުމީ
އަދި ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން ތަފާތު ދާއިރާތަކުން ދިރާސާކުރުމަށް
ވިލާ ކޮލެޖުން އަބަދުވެސް ހިތްވަރު ދޭ ކަމަށް އެ ކޮލެޖުން ބުންޏެވެ.