ބޭރުގެ ވެބްސައިޓަކުން ނުވަތަ ބޭރު ގައުމެއްގައި އެއްޗެއް ގަންނައިރު ސިކުނޑީގައި ހިސާބު ހަދާލަނީ ޑޮލަރުން އެ އަށް ޖެހޭ ދިވެހި ރުފިޔާ އަކީ އެކައުންޓުން ކެނޑޭނެ ވަރު ކަމަށް ބަލައިގެންނެވެ. މިސާލަކަށް، މެލޭޝިއާގެ އޮންލައިން ސައިޓަކުން އެއްޗެއް ގަންނަން ބަލާއިރު، އޭގެ އަގަކީ 100 ޑޮލަރު ނަމަ އެއީ 15.42ރ. ގެ ރޭޓުން 1,542ރ. ކަމަށް ނިންމަ އެވެ.
އެކަމަކު ފަހުން ބޭންކް ސްޓޭޓްމަންޓް ބަލާލާއިރު، ބޭންކުން ކަނޑާފައި އޮންނަނީ 1,619ރ. އެވެ. މިއީ އަންދާޒާކުރި ވަރަށް ވުރެ ގާތްގަނޑަކަށް ފަސް ޕަސެންޓް އިތުރު އަދަދެކެވެ.
މިގޮތަށް "އިތުރަށް ކަނޑާފައި ހުންނަ ފައިސާ" އަކީ އޮޅުވާލައިގެން ސިއްރުން ނަގާ އެއްޗެއް ކަމަށް ބުނެ ޝަކުވާ ބޮޑުވެފައި ވާއިރު ބޭންކް އޮފް މޯލްޑިވްސްގެ ޖަވާބަކީ މިއީ އެވެ.
އެއީ އޮޅުމަކުން ކެނޑޭ އަދަދެއް ނޫނެވެ. ސިއްރުން ނަގާ ފީއެއް ވެސް ނޫނެވެ. އެއީ އެއް ގައުމުން އަނެއް ގައުމަށް، އެއް ފައިސާއަކުން އަނެއް ފައިސާއަށް ބަދަލުކުރުމަށް ހޭދަވާ އަގެކެވެ. މުޅި ދުނިޔޭގެ ޕޭމަންޓް ނިޒާމު ނުވަތަ އޮނިގަނޑު ހިނގާ ގޮތް ވެސް މެ އެވެ. ތަފްސީލު ތިރީގައި އެ ވަނީ އެވެ.
ބޯޑަރު ހުރަސްކޮށް، ފައިސާ ހިލޭ ދަތުރެއް ނުކުރާނެ
މިކަމުގައި ވަރަށް ސާފުކޮށް ބުނަންޖެހޭ ހަގީގަތަކީ އެއްވެސް ބޭންކަކަށް ނުވަތަ ކާޑު ނެޓްވޯކަކަށް، ވަކި ފީއެއް ނެގުމަކާ ނުލައި ބޯޑަރު ހުރަސްކޮށް އީ-ކޮމާސް މުއާމަލާތްތައް ހިންގުމަކީ މާލީ ގޮތުންނާއި އޮޕަރޭޝަނަލް ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމެވެ.
މިސާލަކަށް، މެލޭޝިއާގެ އެއްކަލަ ވިޔަފާރިވެރި އަކީ ސައްހަ މީހެއްކަން ކަށަވަރު ކުރުމާއި މާލެ އިން ފޮނުވާ ފައިސާ އެކި މަރުހަލާތަކުން ދަތުރުކުރުވުމާއި އެމެރިކާ ޑޮލަރުން މުއާމަލާތް ނިންމުމާއި މަކަރާއި ހީލަތް ހުއްޓުވުމާއި އަދި ފައިސާގެ އަގަށް އަންނަ ބަދަލުތައް މެނޭޖް ކުރުމަށް ބޭނުންވާ އޮނިގަނޑަކީ ހިލޭ ގާއިމްކޮށް ބެލެހެއްޓޭނެ އެއްޗެއް ނޫނެވެ.
ބޭރުގެ ވެބްސައިޓެއްގައި "Pay Now" އަށް ފިއްތާލުމުން، އެކައުންޓްގައި ހުންނަ ދިވެހިރުފިޔާ ދަތުރުކުރަނީ ބައިނަލްއަގުވާމީ މާލީ ނިޒާމެއްގެ ތެރެއިންނެވެ. މި ނިޒާމުގައި ބައިވެރިވާ ކޮންމެ ފަރާތަކުން ފީއެއް ނަގައެވެ:
• ކާޑު ދޫކުރިބޭންކް: ބީއެމްއެލް
• ވިޔަފާރިވެރިޔާގެ ބޭންކް (އެކުއަޔަރަ) – މިސާލަކަށް: މެލޭޝިއާގެ ބޭންކެއް
• ކާޑު ނެޓްވޯކް – ވިސާ، މާސްޓަ ކާޑު ނުވަތަ އެފަދަ އެހެން ނެޓްވޯކެއް
ވިޔަފާރިވެރިޔާގެ ބޭންކަކީ މެލޭޝިއާގެ ބޭންކަކަށް ވުމުން، އެ މުއާމަލާތް ބައިނަލްއަގުވާމީ ބޯޑަރު ހުރަސް ކުރަންޖެހެ އެވެ. އެހެންކަމުން ދިވެހިރުފިޔާ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ފައިސާއަކަށް (މި ހާލަތުގައި ޑޮލަރަށް) ބަދަލުވެ އެވެ. ދެން އެ އަށް ފަހު، އެ ޑޮލަރު މެލޭޝިއާގެ ރަސްމީ ފައިސާ ރިންގިޓަށް ބަދަލުވެ އެވެ. ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި، ބޯޑަރު ހުރަސްކޮށް ކުރާ މުއާމަލާތްތަކުގެ ފީ އާންމުކޮށް ކަސްޓަމަރުންގެ އަތުން ނަގަނީ ޕަސެންޓެއްގެ ގޮތުގަ އެވެ. މިއީ ގިނަ ފަހަރަށް 10 ޕަސެންޓާ ހަމައަށް އުފުލޭ އަދަދެކެވެ. އަދި މީގެ އިތުރުން ކާޑު ދޫކުރާ ބެންކުތަކުން އިތުރު ފީއެއް ނެގުމުގެ އިހުތިޔާރު ވެސް އޮވެ އެވެ. މިގޮތަށް ކާޑު ދޫކުރާ ބޭންކުން ނަގާ ފީ އަށް ކިޔާ ނަމަކީ އޮޕްޝަނަލް އިޝުއާ ފީ (އޯއައިއެފް) އެވެ. ކްރޮސް ބޯޑަރު ހިދުމަތް ދޭ ރާއްޖޭގެ ހުރިހާ ބޭންކަކުވެސް މި ފީ ނަގަ އެވެ.
ބީއެމްއެލްގެ ފީ: ރަސްމީކޮށް އޮތީ ކިހިނެއް؟
ބީއެމްއެލްގެ ރަސްމީ 'ޝެޑިއުލް އޮފް ޗާޖަސް' ގައިވާ ގޮތުން، ދިވެހި ރުފިޔާ އެކައުންޓްތަކާ ގުޅިފައިވާ ޑެބިޓް ކާޑުތަކުން ބޯޑަރު ހުރަސްކޮށް ކުރާ މުއާމަލާތްތަކުން 30 ޕަސެންޓާ ހަމައަށް ފީއެއް ނެގިދާނެ އެވެ. ނަމަވެސް، މާލީ ހޭލުންތެރިކަމުގެ ނަޒަރަކުން ބަލާއިރު މިއީ ސީދާ ކިހިނެއް ހިނގާ ކަމެއްކަން އެނގުން މުހިންމެވެ. މި 30 ޕަސެންޓުގެ ފީއަކީ ހުރިހާ މުއާމަލާތަކަށް ނަގާ ފީއެއް ނޫނެވެ.
މިއީ ހާއްސަކޮށް އަމިއްލަ ބޭނުމަށް ދޫކޮށްފައިވާ ކާޑުތައް ވިޔަފާރީގެ ބޭނުމަށް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ފާހަގަކުރެވިފައިވާ ބައިނަލްއަގުވާމީ އީ-ކޮމާސް ހަ ޕްލެޓްފޯމަކަށް އެ ބޭންކުން ކަނޑައަޅާފައިވާ ފީއެކެވެ. އެ ސައިޓްތަކަކީ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އެވެ. މި ސައިޓްތަކުން ވިޔަފާރި ބޭނުމަށް ދިވެހި ރުފިޔާ ކާޑު ބޭނުންކޮށްގެން، ޓެކްސް ނުދައްކާ އެތައް މިލިއަން ޑޮލަރެއްގެ މުދާ ރާއްޖެ އެތެރެކުރެ އެވެ. ނަމަވެސް ޑޮލަރު އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުން މި ސައިޓްތަކުން ގަންނަ އެއްޗިއްސަށް އެ ފީ އެއް ނުނަގަ އެވެ.
ބޭންކުން އޭރު ބުނެފައިވަނީ ބީއެމްއެލްގެ ކާޑުތަކުން ކުރާ ބޭރު ވިޔަފާރިތަކަށް މަހަކު 45 މިލިއަން ޑޮލަރު އެ ބޭންކުން ހަރަދުކުރާ ކަމަށެވެ. އޭގެ ތެރެއިން 75 ޕަސެންޓަކީ އޮންލައިން ޕްލެޓްފޯމްތަކަށް ކުރާ ހަރަދު ކަމަށް ބުނެފައިވެ އެވެ.
އަދި މި ހަ ވެބްސައިޓަށް، މި ބުނި 75 ޕަސެންޓުގެ ތިންބައިކުޅަ އެއްބައި ހަރަދުކުރެ އެވެ. މާނައަކީ ކޮންމެ މަހަކު 11 މިލިއަން ޑޮލަރުގެ ބޮޑު އަދަދެއް މި ސައިޓްތަކަށް ދިވެހިން ހޭދަކުރުމެވެ.
ބީއެމްއެލްއިން ބުނެފައިވާ ގޮތުގައި، މި ފީ ތައާރަފުކުރީ ކޮންމެހެން ބޭނުންތެރި މުއާމަލާތްތަކަށް އިސްކަންދިނުމަށާއި އާންމު ކަސްޓަމަރުންގެ އެކައުންޓްތައް ވިޔަފާރީގެ ބޭނުމަށް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށެވެ.
މީގެ އިތުރުން ހޮޓެލް ބުކިން، އެއާލައިން ޓިކެޓް، ހޮސްޕިޓަލް އަދި ތައުލީމީ އިދާރާތަކާއި އޮންލައިން ސަބްސްކްރިޕްޝަންތަކަށް ފީ ފަދަ އެހެނިހެން ބައިނަލްއަގުވާމީ މުއާމަލާތްތަކަށް އެނގިފައިވާ ގޮތުގައި ނަގަނީ ފަސް ޕަސެންޓަށް ވުރެ ދަށުންނެވެ. އެހެން މުއާމަލާތްތަކަށް ބަލާއިރު ހުންނަނީ އާންމު މިންގަނޑު ކަމަށްވާ 10 ޕަސެންޓާ ހަމައިގަ އެވެ.
ފައިސާ ބަދަލުކުރުމުގެ ނިޒާމު: މިއީ ހަމައެކަނި އިތުރުކުރާ އަދަދެއް ނޫން
ބީއެމްއެލްގެ ކަސްޓަމަރުންނަށް ބަލާއިރު، ރާއްޖެއަށް އީ-ކޮމާސް ތައާރަފުވީއްސުރެ ގާތްގަނޑަކަށް މިވީ 15 ވަރަކަށް އަހަރު ވަންދެން ބޯޑަރު ހުރަސްކޮށް ކުރާ މުއާމަލާތްތަކުން ފީ ނަގަމުންދެ އެވެ. ބޭންކުން މި ފީ ނަގަނީ އެކްސްޗޭންޖް ރޭޓް (ބޭންކުތަކުގެ މެދުގައި ފައިސާ ބަދަލުކުރާ ރޭޓް) ގެ މައްޗަށް އޯއައިއެފްގެ ގޮތުގައި ޕަސެންޓެއް އިތުރު ކޮށްގެންނެވެ. އޯއިއެފްއަކީ ވަކި ވަރެއްގައި ހިފެހެއްޓިފައި ހުންނަ އެއްޗެއް ނޫނެވެ. އެމެރިކާ ޑޮލަރާ އަޅާބަލާއިރު ދިވެހި ރުފިޔާ އަދި އެހެނިހެން ބޭރު ފައިސާގެ އަގަށް އަންނަ ބަދަލުތަކާ އެކު، މި ނިސްބަތަށް ބަދަލު އާދެ އެވެ.
ކުރީގެ މިސާލަށް ބަލާ ނަމަ، 100 ޑޮލަރުގެ ވިޔަފާރީގައި، ސީދާ ކޮންވާޝަން ހެދިފައިވަނީ ބެންކު ރޭޓުން (15.42 ދިވެހި ރުފިޔާ/ޑޮލަރު) އެވެ. ނަމަވެސް ބޭންކުން ބޭނުންކުރީ ބޭންކުގެ ރޭޓް + އޯއައިއެފް އަދި މީގެ އިތުރުން ނެޓްވޯކް ފީތަކެވެ. މީގެ ނަތީޖާއެއްގެ ގޮތުން ސައިޓުން ފެންނަ އަގުގެ ތެރެއަށް 5 ޕަސެންޓް އިތުރުވެ އެވެ. އެއީ ސެޓްލްމަންޓް، ރިސްކް، ލިކުއިޑިޓީގެ އިތުރުން އިދާރީ ހަރަދެވެ.
މާލީ ހޭލުންތެރި ކަސްޓަމަރުންނަށް މުހިންމު ނުކުތާތައް
ފީ ނަގާ ހާލަތްތައް ދެނެގަތުން:30 ޕަސެންޓުގެ ފީ ނަގަނީ ލިސްޓުކޮށްފައިވާ ހަ ސައިޓުން ކުރާ މުއާމަލާތްތަކުން އެކަންޏެވެ. އާންމު ދަތުރުފަތުރާއި ސަބްސްކްރިޕްޝަންތަކަށް، ކެނޑޭނީ ގާތްގަނޑަކަށް 10 ޕަސެންޓަށް ކުޑަ ނިސްބަތެކެވެ.
މާލީ ނިޒާމުގެ ހަގީގަތް ގަބޫލުކުރުން: ދުނިޔޭގެ އެއްވެސް ބޭންކަކަށް މި ފީތަކާ ނުލައި ހިދުމަތެއް ނުދެވޭނެ އެވެ. ބައިނަލްއަގުވާމީ ކޮންމެ މުއާމަލާތަކީ، އެތައް އަހަރެއް ވަންދެން މި ދާއިރާގައި އަމަލުކުރަމުން އަންނަ އުސޫލުތަކުގެ ތެރެއިން ނަގާ ފީއެކެވެ. އަދި އެއީ މާލީ ހަރަދުތަކެއް ހިނގާ ކަމެކެވެ.
އިންޓަނެޓަކީ ބޯޑަރެއް ނެތް އެއްޗަކަށް ވިޔަސް، މާލީ ނިޒާމަކީ އެފަދަ އެއްޗެއް ނޫނެވެ. ސަތޭކަ ޑޮލަރުގެ ވިޔަފާރިއަކަށް 1,619ރ. ކެނޑުމަކީ ސިއްރުވެރި ރޭވުމެއް ނޫނެވެ. އެއީ ފައިސާގެ އަގަށް އަންނަ ބަދަލުގެ ނުރައްކަލާއި ނެޓްވޯކް ފީތަކާއި ބޭންކްގެ އޯއައިއެފް ހިމެނިގެން އަންނަ ޖުމްލަ އެވެ.
ފީއެއް ނަގަނީ ކޮން އިރަކުކަން ދެނެގަތުމަކީ، މާލީ ގޮތުން ބާރުވެރިވުމަށް އޮތް މަގެވެ. ހަމައެކަނި އެކްސްޗޭންޖް ރޭޓަށް ބެލުމުގެ ބަދަލުގައި، ފީތައް ނަގާ ގޮތުގެ ތާވަލަށް ސަމާލުކަން ދޭށެވެ. އަދި ދެން ފަހަރަކުން ބޭރު ފައިސާގެ އަގު ފެންނަ އިރު ހަނދާންކުރާށެވެ؛ ތިޔަ ހިސާބުކުރާ އަދަދަކީ މުއާމަލާތް ހަމައެކަނި ފަށާ އަގެވެ.