ދައުލަތުގެ މުސާރަތައް އެއްހަމަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން، އާ ޕޭ ފްރޭމްވޯކަށް މިހާތަނަށް ހިޖުރަކޮށްފައިވާ މުއައްސަސާތަކުން ދެނެގަނެވިފައިވާ ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޕޭ ކޮމިޝަނުން ބުނެފި އެވެ.

ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ސިވިލް ސާވިސް އާއި ޝަރުއީ ދާއިރާގެ މުވައްޒަފުން މުސާރައިގެ އާ އޮނިގަނޑަށް ހިޖުރަކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުން ފެށިގެންނެވެ.

އޭގެ ފަހުން ދައުލަތުގެ އިތުރު ހަ މުއައްސަސާއެއް މި އޮނިގަނޑަށް ބަދަލުކޮށް ނިމުމާ އެކު، މިހާރު ޖުމްލަ 93 ޕަސެންޓު މުއައްސަސާ ވަނީ މި އޮނިގަނޑުގެ ދަށަށް ގެނެވިފަ އެވެ.

ޕޭ ކޮމިޝަނުން ބުނީ، އާ އޮނިގަނޑަށް ހިޖުރަކޮށްފައިވާ އިދާރާތަކުގައި ހުރި ކަންބޮޑުވުންތަކާއި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.

މިގޮތުން، އެ ކޮމިޝަނަށް ލިބިފައިވާ މައްސަލަތައް ބަލައި އެކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށް، އެ ކަންތައްތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ބުންޏެވެ. 

އަދި ބާކީ ހުރި މުއައްސަސާތައް މުސާރައިގެ އާ އޮނިގަނޑަށް ބަދަލުކުރުމުގެ މަސައްކަތް ނިންމުމަށްޓަކައި، ވާންޖެހޭ ފަންނީ ތައްޔާރީތައް ކުރިއަށްދާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އަސާސީ މުސާރައަށް ގެނައި ބަދަލުތަކުން ސިވިލް ސާވެންޓުންނަށް 15-150 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް، ޕޭ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ނަމަވެސް، އާ ފްރޭމްވޯކު އެކުލަވައިލިއިރު ބަލާފައިވާ މެޓްރިކްސްތަކުގެ ސަބަބުން ލިބޭ މުސާރަ އާއި އިނާޔަތްތައް ކުޑަވާކަމަށް ބުނެ ބައެއް އިދާރާތަކުގެ މުވައްޒަފުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.